ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރަންވަން ނިންމަވާފައިވާކަން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު އިއުލާނު ކުރައްވައިިފިއެވެ.
ނަރީޝް މިކަން އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މެދުވެރިކޮށް މިއަދު ހަވީރު ކުރެއްވި ޕޯސްޓެއްގައެވެ.
ނަރީޝް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި މިއީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށެވެ.
މީގެއިިތުރުން ނަރީޝް ވަނީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ, ދާއިރާގެ ތަރައްގީއަށް ސަރުކާރާއެކު މަސައްކަތް ކުރާނެ އަދި ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ކުޅުދުށްފުށްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ސާބިތުކަމާއެކު ހުންނަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
“އަޅުގަނޑު އެދެނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އަޅުގަނޑަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބި ކޮށްދެއްވުން.“
މި ނިންމެވުން ނިންމަވާފައިވާއިރު ދާދިފަހުން ނަރީޝް ވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ އެކުގައި މާލެ ތަރައްގީކުރަން ދައުރު ހަމަވަންދެން ކައުންސިލުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
“ކައުންސިލުގެ ދައުރު 2026 ގެ މެއި މަހާ ހަމައަށް މަނިކުފާނާ އެކީގައި, މި މާލެ ސިޓީ ތަރައްގީ ކުރަން ހަމަ ޔަގީނުން ވެސް މާލެ ސިޓީ ކައުންސިލުގައި މަޑުކުރާނެ އެކަކަށް އަޅުގަނޑުވާނެ.“ ޑރ.މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް މި މަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވެވި ބައްދަލުވުމުގައި ނަރީޝް ވިދާޅުވެފައިވެއެވެ.
ނަރީޝަކީ މާލެ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެމްބަރެވެ. މާލެ ސިޓީ ކައުންސިލުގެ މެންބަރުގެ މެދުގައި ނެގި ސިއްރު ވޯޓަކުން ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުކުރީ 21 ޖޫން 2021 ގައެވެ.
2022 ވަނަ އަހަރުގައި ރަމަޟާން މަހުގައި އޮންލައިން ނޫހަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވެސް ނަރީޝް ވަނީ 2024 ގައި ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އޭރު އޭނާ ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަކީ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ޕީޕީއެމް-ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ ނަރީޝަކީ ކުރިން ސިފައިންގޭގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާންމުންގެ ތެރެއަށް ނަރީޝް މަޝްހޫރުވެގެން ދިޔައީ, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭނާގެ ނަން ބޭނުން ކުރައްވައިިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް ޖެއްސެވި މިސާލަކާ ގުޅިގެންނެވެ.
![]()
