ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް އެރުވުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރީ މި މަހުގެ 08 ގައެވެ. މިއީ މި އަހަރުތެރޭގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ.
ކުރިން މައްސަލަ ހުށަހެޅީ ޖޫންމަހުގެ ތެރޭގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަށްފަހު މައްސަލަ އަނބުރާ ގެންދިޔައީ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނަޝީދުގެ ތާއީދު ލިބޭނެ ކަމަށް ބަލައިގެންނެވެ.
އާންމު ކޮމިޓީއިން މިއަދު ނިންމީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު ދިނުމަށެވެ. އަދި އޭގެތެރެއިން 10 މިނެޓުގެ ތިން ފުރުސަތު ނަޝީދަށް އެރުވުމަށެވެ. އަދި ބާކީ ދޮޅުގަޑިއިރު ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތިބޭ ނިސްބަތުން ބަހައިލުމަށެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 06 މެންބަރުންގެ ތެރެއިން 04 މެންބަރުންގެ ތާއީދާއެކުއެވެ.
![]()
