އިސްރާއީލާއި އެމެރިކާއިން ގާޒާގައި ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ފާޅުގައި އިންޒާރުދެނީ އިރާނުން އެކަނި

Loading

October 17, 2023
sandhaanu news
Facebook
Twitter
WhatsApp

ހަމާސްއާއި ހިޒްބުﷲ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުން ދިނުމުގެ އިތުރުން، އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އަސްކަރީ ބާރު ބޭނުންކުރާނެކަމަށް ބުނެ ފާޅުގައި އިންޒާރުދެމުން ގެންދަނީ އިރާނުން އެކަންޏެވެ.

މެދުއިރުމަތީގެ އެހެން އަރަބި ގައުމުތަކުގެ ވެރީން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ބައްދަލުކޮށް އިސްރާއީލަށް ނިސްބަތްވާ އަންޞާރީން މިނިވަންކޮށް ހަމަޖެހުމަކަށް އާދެވޭނެ މަގުތައް ހޯދުމަށް މަސައްކަތްކުރަމުން އެބަ ގެންދެއެވެ. މެދުއިރުމަތީގެ މުސްލިމް ގައުމުތަކުން ބައެއްގެ ދަށުވެފައި ތިބޭ މަންޒަރު ފެނުމުން އެނގޭ ކަމަކީ މާތްﷲ ގެ އިންސާފަށް ހިތުގައި ބިރުވެރިކަމެއް ނެތްބަޔަކު ވެރިކަމަށް އިސްވުމުން ގައުމެއް ނިކަމެތިވެގެން ދާނެ މިންވަރެވެ.

އުޘްމާނީ ވެރިކަން ނިމުމަކަށް އައިފަހުން ފަލަސްތީނު އަބަދުވެސް އޮންނަނީ ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ އަތްދަށުގައެވެ. އިސްރާއީލުން ގާޒާގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލުމަށް އަސްކަރީ ސިފައިން ފޮނުވައިފިނަމަ އަރަބި ގައުމުތަކުގެ ސަރުކާރުތަކުގެ ވިޔަފާރި މުއާމަލާތްތަކަށް ބުރޫ އަރާފާނެކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ. އަދި އެމެރިކާގެ އެންމެ ބޮޑެތި ހަނގުރާމަމަތީ އުޅަނދުތައް އިސްރާއީލުގެ ފަހަތުގައި އޮތުމުން، ފަލަސްތީނުގެ ހިމާޔަތުގައި ނުކުތުމަށް އެފަރާތްތަކުން ޖެހިލުންވަނީ ކަމަށް ގަބޫލުކުރެވެއެވެ.

ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި އިރާނުން ހިޒްބުﷲ އަދި ހަމާސްއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ޚަބަރުތައް ލިބިފައިވާއިރު، އިރާނުން އަންނަނީ އެގައުމުގެ ސިފައިން ހަނގުރާމައަށް ތައްޔާރުވެސް ކުރަމުންނެވެ.

ހިޒްބުﷲ އިން ލުބުނާނާއި އިސްރާއީލުގެ ބޯޑަރަށް ސިފައިންނާއި ރޮކެޓުތައް ފޮނުވަމުން ގެންދާއިރު، އަންނަނީ މަޑުމަޑުން ކުރިއަށްވެސް ޖެހެމުންނެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ ކޮންމެވެސް ވަރަކަށް އިސްރާއީލުގެ ނަޒަރު ގާޒާއާއި ދުރަށް ޖައްސާލުންކަން ގިނަ ފަރާތްތަކަށް ނޭނގިދާނެއެވެ.

ހަމައެއާއެކު، ހިޒްބުﷲ އާއި ބައިވެރިވުމަށް ގިނަ ބަޔަކު މިހާރުވަނީ ލުބުނާނަށްވެސް ގޮސްފައެވެ. އެ ސަރަހައްދުގެ އެހެން ހަނގުރާމަމަތީ ގުރޫޕުތަކާއި ޚިލާފަށް ހިޒްބުﷲ އަކީ އެމީހުންގެ ހަނގުރާމަމަތީ ތަމްރީނާއި އުކުޅުތަކުގައި މެދުއިރުމަތީގައި ކުރިއަރާފައިވާ އަސްކަރީ ޖަމިއްޔާއެކެވެ.

މީގެއިތުރުން، މިހާތަނަށް އިރާނުން ދީފައިނުވާ ވަރުގެ ވަރުގަދަ އިންޒާރެއް ދެއްވާފައިވަނީ އެގައުމުގެ ޚާރިޖީ ވަޒީރެވެ. އެގޮތުން، އިރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރް-ޢަބްދު އައިން ވަނީ އިސްރާއީލުން ހިންގާ ޤަތުލުއާންމު ނުހުއްޓައިފިނަމަ ހަނގުރާމަ ފުޅާވާނެކަމަށްބުނެ އެމެރިކާއަށް އިންޒާރުދެއްވާފައެވެ.

ގާޒާއަށް ނޭރުމަށް އެމެރިކާއިން މިހާރު އިސްރާއީލަށް ލަފާދީފައިވުމުން، އިރާނުގެ ވަޒީރު ދެއްވި އިންޒާރަކީ ތެދެއްކަމަށް އެމެރިކާގެ އިންޓެލިޖެންސަށް ކަށަވަރު ކުރެވިފައިވާކަން ހާމަވެގެންދެއެވެ.

އަހަރެމެންގެ އަމިއްލަ ނަފްސާއި ކޮށްލަންޖެހޭ ސުވާލަކީ، މި ހަނގުރާމަ ފުޅާވެގެން ހިނގައްޖެނަމަ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ބޭނުން ފަލަސްތީނުގެ ހިމާޔަތުގައި މަސައްކަތްކުރަމުން އަންނަ އިރާނާއި ދެކޮޅަށް ހަމަލާބަދަލުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ދީފާނެތޯއެވެ. ނޫނީ އީމާންތެރިކަން ވަރުގަދަކޮށް އިސްލާމްދީނަށް ނަޞްރުދީ، އެންމެ ފަހުން މާއްދީ ދުނިޔެއަށް ފުރަގަސްދޭނީ ހެއްޔެވެ؟

Loading

Leave a Reply

ފަހުގެ އަޕްޑޭޓް