އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗް ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މިމެޗް ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ހާފް އެއްކޮންހެން ޑޮމިނޭޓްކުރީ ލިވަޕޫލުންނެވެ. ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލުން އުފެއްދިނަމަވެސް ގޯލެއް ޖެހުމަށް ނާކާމިޔާބުވެ ގިނައިރުތަކެއް ވެފައި ވަނިކޮށް، އާސެނަލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ލިވަޕޫލްގެ ޑިފެންސްގެ ފަރުވާކުޑަ ކުޅުމަކުން ލިބުނު ބޯޅަ، މެޗްގެ 25 ވަނަ މިނިޓުގައި އާސެނަލްގެ ލަކަޒެޓް މުޅިން ހުސްކޮށްހުރެ ގޯލަށް ފޮނުވާލައިގެން އެޓީމަށް ލީޑް ނަގައިދިނެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ 28 ވަނަ މިނިޓުގައި ލިވަޕޫލްގެ ފޯވަޑް ސާޑިއޯ މާނޭ ގޯލެއް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެއަށް ފަހު 34 ވަނަ މިނިޓުގައި ލިވަޕޫލްގެ ރޮބާޓްސަން އޭނާގެ ޑިފެންސިވް މިސްޓޭކްގެ ބަދަލު ދިނީ ގޯލަކުންނެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި އާސެނަލްގެ ފަރާތުން ފުރަތަމަ ހާފަށް ވުރެން ރަނގަޅު ކުޅުމެެއް ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ހާފުގައި ފެނުނު ހަމަ އެކެނި ގޯލް ކާމިޔާބު ކޮށްދިނީ ލިވަޕޫލްލުންނެވެ. މިގޯލް މެޗްގެ 88 ވަނަ މިނިޓުގައި ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ލިވަޕޫލްގެ ޑިއޯގޯ ޖޯޓާއެވެ. ޖޯޓާ ކުޅުމުގެ ތެރެއަށް ނުކުތީ މާނޭގެ ބަދަލުގައި މެޗްގެ 80 ވަނަ މިނިޓުގައެވެ. މިމެޗުގައި ލިވަޕޫލުން ގިނަ ބަދަލުތަކެއް ކުރިކަން ފާހަގަ ކޮށްލެވެއެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލް މިވަގުތު އޮތީ ޖުމްލަ 9 ޕޮއިންޓް ހޯދައިގެން ލީގް ޓޭބަލްގެ 2 ވަނައިގައެވެ.