މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ މަސްތުވާ އެއްޗެހިން މި ގައުމު ސަލާމަތް ކުރުމަށް ވޯޓު ދެއްވާ އިންތިޚާބަކަށް ހެއްދެވުމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު މި ގޮތަށް އިލްތިމާސް ކުރެއްވީ ރިޔާސީ ކެމްޕޭނަށް މިހާރު ވ.އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ފެލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޢުމަރު ވިދާޅުވީ ސިޔާސީ ބޭފުޅުން ކޮންމެ ފަހަރަކު ވެސް އެތައް ވާހަކައެއް ދައްކާ ކަމަށާއި އެކަމަކު ކޮންމެ ފަސް އަހަރެއް ނިމިގެންދާއިރު ފެންނަނީ ގައުމު ނާމާންވެ މަސްތުވާތަކެތީގެ ހާއްޔަކަށް ގައުމުވެގެންދާ މަންޒަރު ކަމަށެވެ. އަދި ސްކޫލުތަކުގެ އަޚުލާގު ގެއްލި, ސްކޫލުތަކުގެ ތެރޭގައި ވެސް މަސްތުވާ އެއްޗެހި ވިއްކާ މަންޒަރު ކަމަށާއި ކޮރަޕްޝަން ސަރުކާރުގެ ތެރޭގައި އިންތިޚާއަށް ފުޅާވެ ބޮޑުވެގެންދާ މަންޒަރު ކަމަށެވެ
“އެންމެ ފަހުން އިއްޔެ އަޅުގަނޑުމެންނަށް ލިބުނު ޚަބަރަކީ ނޫސްތަކުން ފެނުނު ޚަބަރަކީ 130 ކިލޯގެ މަސްތުވާ އެއްޗެހި ދިވެހިރާއްޖެއަށް އެތެރެކުރަނިކޮށް ރެޑްހޭންޑްކޮށް އަތުލައިގަނެވުނު މީހަކު ކޯޓުން ދޫކޮށްލި ވާހަކަ. މިއީކީ އަލަކަށް ހިނގާކަމެއް ނޫން. މީ ތަކުރާރުކޮށް ހިނގާކަމެއް.“
ޢުމަރު ވިދާޅުވީ އެއްވެސް ސަރުކާރަކަށް ދިވެހި ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މުސީބާތުން ދިވެހިން ސަލާމަތްކުރުމުގެ ގާބިލުކަމެއް ނެތް ކަމަށެވެ. ހުޅަނގުން ގެންގުޅޭ ގާނޫނުތައް ބަލައިގެން ރާއްޖޭގައި ހަދައިގެން އުޅޭ ގާނޫނުތަކުން މަސްތުވާތަކެތީގެ ހާލަތެއް ބަދަލެއް ނުކުރެވޭނެ ކަމަށާއި އެ ހާލަތު ބަދަލުކުރެވޭނީ އިސްލާމީ ޝަރީއަތުގެ ހަމަތަކުގައި ހިފައިގެން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނަށް ޢުމަރު ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކެޔޮދުއާއި ފުލިދުއަށެވެ. މަސްތުވާއެއްޗެތީގެ ސަބަބުން މި ގައުމަށް ލިބެމުން މިދާ ގެއްލުމާއި ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަށް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފުމުގެ މުހިންމު ކަމާ ބެހޭގޮތުން އެ ދެ ރަށުގައި ވެސް ޢުމަރު ވާހަކަފުޅު ދައްކަވާނެއެވެ.