ފުވައްމުލަކުގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 00:30 ހާއިރު ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއެއްގައި 36 އަހަރު ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
ޒަޚަމްކޮށްލި މީހާއަށް ފުރަތަމަ ފަރުވާދިނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ.