ކުރިއަރަމުން ދިއުމަށްޓަކައި ތަހްޒީބު މުޖުތަމާއެއްގެ ބޭނުން

Loading

Facebook
Twitter
WhatsApp

މާޒީގެ ފިލާވަޅުތަކުން އެންމެ ހާމަކަންބޮޑު ގޮތެއްގައި އެނގޭ އެއް ޙަގީގަތަކީ އިންސާނާގެ ތަހްޒީބާއި  އެބައިމީހުން ކުރިއަރަމުންދިއުމާއި ވަކިނުކުރެވޭނެ ކަމެވެ. އަދި ހަމައެފަދައިން ގައުމުތަށް ކުރިއަރަމުން ދިއުމާއި އެގައުމުތަކުގެ ރަށްވެހިންގެ ތަހްޒީބާއި ވެސް ވަކިނުކުރެވޭނެކަމެވެ.

އިންސާނުން ނަށް ތަހްޒީބު މުޖުތަމާއެކޭ ބުނެވެނީ އެބައިމީހުން އުޅުމާއި ގުޅުންތަކުގައި އެކުލެވިފައިހުންނަ ރިވެތިސިފަތަކެއްގެ ސަބަބުންނެވެ. މިއީ ޢާއިލާއިންފެށިގެން ދޭދޭ ގައުމުތަކާހަމަޔަށްވެސް މިކަން އޮންނަން ޖެހޭގޮތެވެ. މިސިފަ އަށަގެނެވުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރާ އެތައް ޖަމާޢަތްތަކެއް މިއަދުގެ ދުނިޔޭންވެސް ފެންނާން އެބަހުއްޓެވެ. އެފަރާތްތަކަށް ސާބަސް ދޭން ޖެހެއެވެ.

ޢާއިލާއެއްގެ ކުރިއެރުމަށް އެދޭނަމަ އެންމެ ފުރަތަމަ އަށަގަންނުވަންޖެހޭ ސިފައަކީ ރިވެތި ސުލޫކަކާއި ތަހްޒީބު ވިސްނުންތަކަކަށް މަގުފަހިކުރުމެވެ. ކޮންމެ ދެމީހެއްގެ ވިސްނުމުގައިވެސް ތަފާތުހުންނާނެކަން ގަބޫލުކުރުމާއެކު އަނެކުންގެ ވިސްނުމާފިކުރަށްވެސް ތިމާ ހުޅުވިފައިހުރުމެވެ. ހަމައެފަދައިން ތިމާދިރިއުޅޭ މުޖުތަމާގެ ކުރިއެރުމަށް އެދޭނަމަވެސް މި ސިފަ އަށަގަތުމަކީ އެންމެ ބޭނުންތެރި ކަމެވެ. ދަނޑުވެރިކަން ކުރާމީހެއްގެ ދަނޑުފަނގު ރީތިކޮށް ހެދެމުންދާނަމަ އެކަމަށް ހަސަދަވެރިނުވެ އޭނާގެފަރާތުން މަޢުލޫމާތު ލިބިގަނެ ތިމާގެ ދަނޑުފަނގުވެސް ރީތިކޮށް ހެއްދުމަށް މަސައްކަތް ކުރާނީއެވެ. މަޢުލޫމާތާއި ތަޖްރިބާ އަދި ކާމިޔާބީ ހިއްސާކޮށްގެންނެވެ. އެހެނީ އެންމެ ބޮޑު ކުރިއެރުމަކީ ކޮންމެކަމެއްގައިވިޔަސް އަމިއްލަ ފުދުންތެރިކަން ހޯދުމެވެ. ފުދުންތެރިކަން ކުޑަވި މިންވަރަކުން އަނެކުންގެ މައްޗަށް ބަރޯސާވުން އިތުރުވާނެކަން ހަނދާން ބަހައްޓަން ވާނެއެވެ. މިއީ ކުރިއެރުމަށް މެދުވެރިވާނެ އެންމެ ނުރަނގަޅު ކަންތަކެވެ. ސަބަބަކީ އިންސާނުންގެ ތަބީޢަތުގައި އެކުލެވިފައިވާ އަނެކުން ނިކަމެތި ކުރުމުގެ އަމިއްލަ އެދުމެވެ.

މިފަހަކަށް އައިސް އަވަށްޓެރި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމާދޭތެރޭ އަހަރެމެންގެތެރޭން ބަޔަކު ދެކޭގޮތްވެސް ވަރަށްބޮޑަށް ބަދަލުވަމުންދާތަން އެބަ ފެނެއެވެ. ދިވެހިޒުވާނުންނަކީ ނިސްބަތުން ވަރަށް ތަޢުލީމީ ޖީލެކެވެ. ދުނިޔޭގެ ބޮޑެތިބޮޑެތި ކިޔަވާގެތަކުން އެއްވަނަ ހޯދާ ދިވެހިދަރިވަރުންގެ އަދަދު އުޅެނީ އެހާމެ މަތީގައެވެ. ބައިނަލް އަގްވާމީ ދުނިޔެއަށް ލޯހުޅުވިފައިތިބި ޒުވާނުން އެހާގިނައެވެ. އެހެންނަމަވެސް ސިޔާސީ މީހުންގެ ދަލުގައި ނުޖެހި ގައުމުގައި ހުރިނަމަހުރި ނުރަނގަޅުކަންތައްތަކެއް ހަމަޔާއި އިންސާފުގެ މަގުން ރަނގަޅުކުރަން އުޅުމުގެ މުގުލުގައި ނުހިފާ މިތިބެނީ ކީއްވެގެންބާވައޭ ހިތަށް އަރައެވެ. މިގައުމުގައި ހިނގާކަންތައް ނުވަތަ މިގައުމަށް ބޭނުންވާގޮތް އެއްވެސް އިރެއްގައި ރައްޔިތުންނާހަމަޔަށް ގެނެސްދިނީ މާބޮޑު ލޭއޮހޮރުވުމެއްގެ ތެރެއަކުންނޫނެވެ. ލޭ އޮހޮރުވަން ޖެހުނުވަގުތު އުތީމު ރަދުންނާއި އަލިރަސްގެފާނު އެކަންވެސް ކުރެއްވިއެވެ. ފަހުގެ ތާރީޚުގައި ނޮވެމްބަރު 3 ގައިވެސް އެކަންކުރެވުނެވެ. އެހެންނަމަވެސް ދިވެހންގެ ގިނަ ކާމިޔާބީތައް ގުޅިފައިހުންނަނީ ސުލްޙަވެރިކަމާއެކު ވާހަކަދެއްކުމުގެ މައްޗަށެވެ. މިގައުމުގެ ތަހްޒީބާއި ކުރިއެރުން ބިނާ ވެފައިވަނީ މިހާރުގެ ތަޢުލީމީ ޒުވާނުންގެ އިސްނެގުމުންކަން ގަބޫލުކުރަންވީ ވަގުތުމިއޮތީ ޖެހިފައެވެ. މާދަމާއަށް ލަސްނުކުރާނެނަމަ ހާދަ ރަނގަޅެވެ.

މިހާރަކަށް އައިސް މީޑިއާގައި ސިޔާސީ ފަރާތްތަކަކުން ވަކިން ފާހަގަކުރެވޭ އަވަށްޓެރިގައުމަކާމެދު ދެކެވެމުންދާ ވާހަކަ ތަކާމެދު ކޮންމެ ދިވެހިދަރިޔަކުވެސް  ވިސްނާފިކުރުކުރަންޖެހެއެވެ. އެވާހަކަދައްކަވާ ފަރާތްތަކުން ދިވެހި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގެންގުޅުއްވާ ވިސްނުމާ ފިކުރަށް ތަޢުރީފް ކުރުމާއެކު ޝުކުރުވެރިވާންޖެހެއެވެ. ހަމަ މިނޭވާގައި އުފެދޭ ސުވާލަކީ ސަރުކާރުން ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލާންވީ ސަބަބެއް އެބައޮތްހެއްޔެވެ ؟ ދިވެހިރާއްޖޭގެ ދިފާޢީ ނިޒާމް ބައްޓަންކުރަންޖެހޭގޮތް އެ މުއައްސަސާގެ އިސްވެރިންނަށްވުރެން ބޮޑަށް އެހެންބަޔަކަށް އެނގެނީބާވައެވެ. ؟ މި އުޅޭ ބައިބައިކުރާނިޒާމް ތަޢާރުފް ވީފަހުން އެއްވެސް ސަރުކާރަކަށް އިދިކޮޅުމީހުން ރުހޭގޮތަކަށް ކަންތަކެއް ނުކުރެވުނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ ބާޣީ އެއްކަމަށް ކަނޑައަޅައި ޖަލަށް ލެވުނީ އިހަށްދުވަހުގައެވެ. އަނެއް ރައީސްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއުފުލިގެން ދިޔައެވެ. ގައުމުގެ ދެ ދިފާޢީ ވަޒީރުންނަކީ ބާޣީންކަމުގައި ޙުކުމްކުރެވި ޖަލަށް ލެވުނު ހަނދާނެއް އަދި ނުފިލައެވެ. ގައުމީ ދިފާޢީ ބަރުގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށް ބަޣާވަތް ކުރިކަމުގެ ދައުވާއުފުލުތަންވެސް ފެނިގެންދިޔައެވެ. މިދައްކަނީ ޢާންމުފަރުދުންގެ ވާހައެއްނޫނެވެ. ދިވެހިސަރުކާރުގައި އެންމެ މަތީ މަސްލަޙަތު ހިމެނޭ މަގާމުތަކާއި ހަވާލުވެގެން ތިއްބެވި ބޭފުޅުންގެ ވާހައެވެ. ދިވެހި ދަވްލަތުގެ އެންމެ އިސް މަގާމުތަކަށް ރައްޔިތުން އާނ! ބަސް ދީފައި ތިއްބެވި ބޭފުޅުންގެވާހަކައެވެެ. ތަހްޒީބު ގައުމެއްގެ ޙަޔާތުގައި މިއީ ހަމަ ވެދާނެގޮތެއް ބާވައެވެ. ނުވަތަ ބޮޑުގޮނޑީގެ އަރާމަށްޓަކައި ބަޔަކު ހަމަހިމޭން ކޮށްލުމަކީ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ހެއްޔެވެ.

ސަރުކާރެއް އުފައްދަނީ ރައްޔިތުންގެ އެންމެހާކަންތައްތައް އަދުލު އިންސާފުގެ މަގުން ކަށަވަރުކޮށްދިނުމަށެވެ. މިއީ ކުޑަ މަސްއޫލިއްޔަތެއް ނޫނެވެ. ހަމަ އެފަދައިން ސަރުކާރުން ކުރާކަންތަކަށް ފާރަލާން ބަޔަކު ތިބޭނަމަ އެންމެފުރަތަމަ އެތެރޭގެ މައްސަލަތައް ރަނގަޅުކުރެވޭތޯ ބެލުން އައުލާކަންބޮޑެވެ. އޭރުން އޮންނާނީ ގިނަކަންތައްތަކެއް ރަނގަޅުވެފައެވެ. ފުދުންތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފައްޓަވާށެވެ. ބޭކާރުގޮތުގައި ހޭދަކުރެވޭ ދޮރުތައް ބަންދުކުރައްވާށެވެ. މިކަަންކަމަށް ފަރުވާކުޑަކޮށްފައި ދޭދޭގައުމުތަކުގެ ގުޅުމުގެތެރެއަށް ވަންނަން މަސައްކަތްކުރެވޭނަމަ އޭގެ ނުރަނގަޅު އަސަރުކުރާނެއެވެ  މިކަމުގައި މައިގަނޑު ދެސަބަބެއް އޮތްކަމަށް ބުނެވިދާނެއެވެ. ފުރަތަމަ ކަމަކީ ކިތަންމެ ގާތް އެކުވެރިއަކުއަކު ކަމުގައިވިޔަސް ހުރިހާކަމެއްގައި އެހީއަށް އެދެންފަށައިފިނަމަ ފޫހިވެދާނެއެވެ. ނަތީޖާއަކަށް ވާނީ ކޮންމެވެސް ބާވަތެއްގެ ޝަރުތުތަކެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވުމެވެ. ދެވަނަސަބަބަކީ މިރާއްޖޭގައި އަަލަށް ފެށިގެންމިއުޅޭ ރައްޔިތުން ބައިބައިކުރުވަނިވި ނިޒާމެވެ. އާދެ، ޕާރޓީ ނިޒާމެވެ. އަނބިދަރިން ބައިބައިވެއްޖެއެވެ. ރައްޓެިހިރަޙްމަތްތެރިން ބައިބައިވެއްޖެއެވެ. މުޅިރައްޔިތުންގެ ވިސްނުން ބައިބައިވެއްޖެއެވެ. ކޮންމެމީހަކަށްވެސް އެމީހަކު ދެކޭގޮތް ނޫން ރަނގަޅު އެހެން ގޮތެއް ނޯވެއެވެ. ނުވަތަ ލީޑަރުގެ ފަހަތުން ދުވުން އެއީ ހަމައެކަނި ރަނގަޅުގޮތެވެ. ކަންތައްތައްދާނީވެސް އެމަގުންތާއެވެ ! މީސްތަކުން ބައިބައިކޮށް ވަކިކޮށްލުމުން ސިޔާސީ މީހުންނަށް ވިސްނަންޖެހޭލެއް ކުޑަވާނެއެވެ.  އަބަދުވެސް ބައިބައިކުރެވިފައިވާ މީސްތަކުންގެ މެދުގައި ދޭތެރެ ޖައްސާނެ ކޮންމެވެސް އިބިލީހެއް ފާކޮށްފާ ބަހައްޓާނެއެވެ. އޭރުން މަސްލަހަތަކަށް ބެލުމެއްނެތި އަޑުގަދަކޮށް ހަޅެޭއްލަވައި އަމާންކަން ނަގާލަން މަސައްކަތް ކުރަމުން ގެންދާނެއެެވެ. އެބައިމީހުންގެ މޮޔަކަމާއި ސޭކުކަށްޓަކައި ބޮޑެތިމީހުންހޭންތިބޭނެއެވެ. މި ނިޒާމުގެ ފެށުނުކޮޅުގައި ކިޔާއުޅުނީ ބައިބައިކޮށްލައިގެން ވެރިކަންހިންގުންކަހަލަ ކޮންމެވެސް ނަމެކެވެ. ޑިމޮކްރެސީއަށް ބަދަލުވީމާ ޕާރޓީ ސިސްޓަމަކަށް ނަންބަދަލުވީއެވެ. އެކަމަކު ލަނޑައަކީ ހަމަ ލަނޑައެވެ.

Loading

2 Responses

  1. މި ލިއުމުގައި ބުނެފައިއޮތް ފަދައިން އަނބިދަރިންގެ މެދުގައިވެސް ދޭތެރެޖައްސާނެ ވައިރަހެއް ފާވެއްޖެނަމަ ދެން ކަންތައް ރަނގަޅަކަށް ނުދާނެއެވެ. ހަމައެފަދައިން އެއްވެސް ގައުމަކާ ދޭތެރޭ ޙާއްސަ ކޮށް އަވަށްޓެރި ގައުމުތަކާއިމެދު ފާޅުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމުގެ މަސައްކަތް ކުރުމަކީ މިއަދުގެ ދުނިޔޭގައި ކުރަން ހެޔޮ ނުވާވަރުގެ ކަމެކޭވެސް ބުނެވިދާނެއެވެ. އަޅުގަނޑުމެންނަށް ދިވެހިރާއްޖޭން އަބަދުވެސް ފެންނަމުން ގޮސްފައިވަނީ ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހި ކުރަން ސަރުކާރުން މަސައްކަތްކުރި ތަނެވެ. މި ގައުމު ހެޔޮމަގަށް އެޅުވުމަކީ ތަޖްރިބާކާރު އިސްރައްވެހިންގެ އިރުޝާދާއެކު މިއަދުގެ ތަޢުލީމީ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

  2. ހުރިހާ ގައުމުތަކާ މެދު ވެސް ބާއްވަންވާނީ އެކުވެރިކަން. އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުން. މިކަން ބިނާވަނީ ދެފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމުގެ މައްޗަށް. މީގެ އެއްބަޔަކު އަނެއް ބަޔަކަށް ބޭނުން ގޮތެއް ހަނދަން ރުހިގެން ތިބުމެއް ނޫން. ރަހުމަތްތެރިކަމުގައި ގެއަށް އަންނަ މީހާ ގޭގެ ކުދިންނާ ބެހި، ހުރުމަތް ކަނޑާލައި ގެއަށް ވެރިވެގަންނަން އުޅުމުން، ކޮންމެ ވެސް ސިފައެއްގައި އޭނާ ދިއްކޮށްލާ މާއްދީ އެހީ އަކީ، އޭނާ ކުރާ ނުރަނގަޅު ކަންތައް ހުއްޓުވަން ނުޖެހޭނޭ ސަބަބެއްނޫން.
    އަވައްޓެރި އިންޑިޔާއިން ދުރާލާ ރާވައިގެން ރާއްޖެ ހިފުމަށް ނުވަތަ ރާއްޖޭ އެމީހުންގެ އަތްދަށުގައި ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުން ދަނީ. މީގެ ހެކި ހޯދަން ބޭނުން ނަމަ ލިބިދާނެ. މުޅި ރާއްޖޭގައި، އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި އިންޑިޔާގެ ސިފައިން ބޭތިއްބުމުން ރާއްޖެއަށް ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މިހާރު އުތުރުގައި އެމީހުންގެ ބާރު ގަދަކުރަމުން އެދަނީ ކީއްވެ ހެއްޔެވެ؟ ހ.އ. ދައްޕަރުގައި އެމީހުންގެ ސިފައިންގެ މަރުކަޒެކެވެ. ހަނިމާދޫގައި އެމީހުންގެ އެއަޕޯޓެކެވެ. އެމީހުންގެ އެމްބެސެޑަރު ބުނި ގޮތުގައި މިހާރު އެމީހުން މަސައްކަތް ކުރަނީ ’އުތުރު‘ ބާރުވެރިކުރުވުމުގެ ގޮތުންނެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އިނގިރޭސިން އަފީފު ބާރުކުރުވި ގޮތަށް ހެއްޔެވެ؟ އާޚިރު ނަތީޖައަކީ ކޮބާ ހެއްޔެވެ؟ ސުވާދީވު އުފެދުނުފަދައިން އުތުރު ވަކިކޮށްލުން ހެއްޔެވެ؟ މިހާރުވެސް އެއްބަޔަކު ގޮވަމުންދަނީ އަލުން ސުވާދީވެއް ވެސް އުފެއްދުމަށެވެ. މުޅި ތަން ބައިބައިވެ، ވައްކަމާ ފަސާދައި ފެތުރި ގައުމުގެ ލީޑަރުންނޭ ކިޔާބަޔަކީ ބޮޑެތި ޚާއިނުންނަށް ވުމުން، ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލި ހިނގައިދާނެއެވެ. މި ޚާއިނުންނަކީ ބޭރު ހުޅަނގު ގައުމެއްގެ ބައެއް ނަމަ، މިއަދު އެމީހުންތިބީހީ ވެރިކަމުގެ ސަފުގައެއް ނޫނެވެ. އެމީހުންނަށް ހައްގުވާ ޖަލުގެ ކުޑަގޮޅި ތަކުގައެވެ. އަދި، އެމެރިކާ ފަދަ ގައުމުތަކުގައި އެފަދަ މީހުންގެ ހުކުމަކީ މެރުމެވެ.
    އިންޑިޔާއާ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް، އިންޑިޔާއިން ރާއްޖޭ ހިފުމުގެ މަސައްކަތާ ދެކޮޅު ހަނދަން ޖެހެއެވެ. އެއީ އެމީހުންނާދޭތެރޭ ނަފުރަތު އުފެއްދުމެއް ނޫނެވެ. އަމިއްލަ ދަރިފުޅާ މީހަކު ބެހުނީމާ އެކަމާ ދެކޮޅު ހަދައި އެކަމާ މެދު އެއްޗެއް ބުނުން އެއީ ނަފުރަތު އުފެއްދުމުގެ ކަމެއް ހެއްޔެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް