ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދަށްވުރެ ނުބައިނުލަފާ ޣައްދާރެއް މި ރާއްޖެއަކު ނުހުންނާނެ ކަމަށާއި އޭނާއަކީ “މިލޮސޮވިޗްގެ ކަޅު ދަބަސް“ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ 19 ވަނަ މަޖިލީހުގައި އެންމެ ފުރަތަމައަށް ކުރި މަސައްކަތަކީ މަސްވެރިކަމާ ބެހޭ ގާނޫނެއް އެކުލަަވައިލުން ކަމަށާއި, އެ ގާނޫނުގައި އޮފްޝޯ ޕްލެޓްފޯމްތައް އެޅުމުގެ ވާހަކައާއި ދިވެހިރާއްޖޭގެ މަސްދޯނިފަހަރުން ބޭރު އެކި ގައުމުތަކަށް ގޮސް މަސްކިރުމުގެ މަސައްކަތްތަކުގެ ވާހަކަ ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި އެއާ އެއްކޮށް އޭރުގައި މަސައްކަތް ކުރަމުން ދިޔައީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކުން ނަަގމުންދާ %22 ގެ ޑިއުޓީ ކަނޑައިލުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް މަސައްކަތެއް ނުކުރާ ކަމަށް ބޮންޑާ ވިދާޅުވިއެވެ. ޚާއްސަކޮށް ފޮރިން މިނިސްޓަރު އެކަމުގައި މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.
“ދައުރު ނިމިގެން މިދަނީ. މާދަން، މާދަން، އަންނަނީ، ކެނޑެނީ، ކެނޑެނީ, ގައިމު ދަނީ %22. އަދިވެސް އެ ނަަގަމުންދަނީ. މޮރިޝަސް އަތުން ނަަގަނީ ޒީރޯ ޓެރިފްގައި މޮރިޝަސް އެކްސްޕޯޓް ކުރަނީ. މޮރިޝަސްގެ ކޭނަރީތަކުގައި ޕްރޮސެސްކުރާ މަހަކަށް ނުނަާގާ. އިންޑިއާ ކަނޑުގައި އަޅުގަނޑުމެންގެ މަހުގެ ވިޔަފާރި މޮނޮޕޮލީކޮށްފައި އޮތް ގައުމަކަށް އަޅުގަނޑުމެންގެ ސަރަހައްދުގައި ދިވެހިރާއްޖޭގެ އަތޮޅެއް ވިއްކައިލީ ވަަގަށް. އަދި ނުވިތާކަށް އަތޮޅެއް ވިއްކައިލުމަށްފަހު އެއްވަރަށް ބަހާނީއޭ ބުނެ އަމިއްލައަށް ގޮސް ރައްޔިތުންނަށް ސިއްރުން ސިޓީއެއް ދީގެން އެވެސް ވިއްކާލީ. ކަނޑު ވިއްކައިލީ.“
މިއީ ދުވަހަކު ވެސް ދިވެހިރާއްޖޭގެ ރައްޔިތުން މާފުކުރާނެ ކަމެއް ނޫން ކަމަށް ބޮންޑާ ވިދާޅުވިއެވެ.
ބޮންޑާ ވިދާޅުވީ ރައްޔިތުން އުންމީދު ކުރީ މި ސަރުކާރުގެ ފޮރިން މިިނިސްޓަރާއި ރއީސުލްޖުމްހޫރިއްޔާ ވެސް ދިވެހި ރައްޔިތުންގެ ޚާއްސަކޮށް މަސްވެރިންގެ އިގުތިސާދަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ހުރިހާ މަސައްކަތެއް ކޮށްދިނީ މޮރިޝަސް ސަރުކާރަށް ކަމަށެވެ.
“ބައެއް ފަހަރު އަޅުގަނޑު ހިތަށްއަރަނީ މިއީ މޮރިޝަސްގެ ފޮރިން މިނިސްޓްރީބާއޭ މި ރާއްޖޭގައި މި ހުންނަނީ, ނުވަތަ މޮރިޝަސްއަށް ވަކާލާތުކުރަން ތިބޭ ބައެއް ބާއޭ މި ގައުމުގައި މިތިބީ؟ ދުނިޔޭަގައި ވަރަށް މަދުން ހިނގާ ކަމެއް, ގައުމެއްގެ ދުޝްމަނުން މި އުފެދެނީ މި ގައުމުގެ ތެރެއިން.“ ގައުމަށް ޣައްދާރުވި ބައެއް އެބަތިބިކަން ފާހަގަކުރައްވައި, ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ބޮންޑާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިހާރު ކުރީގެ ޔޫގޮސްލާވިޔާގެ އަނިޔާވެރި ވެރިޔާ “މިލޮސޮވިޗްގެ ކަޅު ދަބަސް“ ކަމަށެވެ.
“އެންމެ ފަހުން ގޮސް މިލޮސޮވިޗްގެ ކަޅު ދަބަސް ހިފައިގެން އެ ދިޔައީ ރުވެންޑާއަށް، ދެން ގޮސް އެހެން ކޮންމެވެސް އެފްރިކާގެ ގައުމަކަށް ގޮސް ބުނަނީ، ކަލޭމެންނަށް މިހާރު ދެން އެތަނަން ވިސާ ފްރީކޮށް އުޅެވޭނޭ. ކީއްތޯ މީނަ މި ކުރަނީ؟ މިއީ މިލޮސޮވިޗްގެ ކަޅު ދަބަސް ހިފަިއިގެން ގޮސްފައި ވޯޓު ގަންނަނީ. ބޮސްނިޔާއަށް ވޯޓު ހޯދައިދޭން އެ އުޅެނީ. މި އުޅެނީ އދ. ގައި ތިބި މީހުން ވެސް ނުވަތަ ކުދިކުދި ގައުމު، އެފްރިކާ ގައުމުތައް ވެސް ކޮރަޕްޓްކޮށްފި.“
“ޝާހިދަކީ މިލޮސޮވިޗްގެ ކަޅު ދަބަސް. ނުވިތާކަށް އަޅުގަނޑުމެން މިނިވަންކަން ދިނީ %95 އިސްލާމީ ގައުމަކަށް، ކޮސޯވޯއަށް. ރައީސް ނަޝީދު ވެރިކަމުގައި އެކަން ކޮށްދިނީ. ވަގަށް، އެއީވެސް ދައުލަތެއް ނޫން ކަމަށް ނިންމަން ޝާހިދު ނިންމާފައި, އެ ގައުމުގެ ބޮސްނިޔާގެ ރައީސް ނުވަތަ އެތާނގެ ބޮޑުވަޒީރު އިއުލާނުކުރަނީ މިހާރު ދިވެހިރާއްޖެ ތާއީދުކޮށްފިއޭ އިސްލާމީ ގައުމެއް ނޫން ކަމަށް.“
ބޮންޑާ ވިދާޅުވި ގޮތުގައި ޝާހިދަށްވުރެ ނުބައިނުލަފާ, މި ރާއްޖެއަށް ހަރާންކޯރުވި, ޣައްދާރެއް ނެތެވެ.
One Response
އަވަހިއްޔާ އަވަސް! ދެން އޮތީ ތިން މަސްދުވަހެވެ. ވިކާޝް ޝާހިދުއަށް ހަމަ ސާބަހެވެ. އިއްޔެ ޗާގޯސް އާއި ކަޑުން ބައެއް. މިއަދު އަނެއް ކަޅުދަބަސް. ވަރަށް ސާބަސްފުޅު ރައީސް އިބޫއަށްވެސް / ސެޕްޓެމްބަރ 2023 9