ހަރުކަށި-ވައަތުގެ "ވޯކް" ފިކުރުން ނުކުންނަ ނުރައްކާތައް

Loading

Facebook
Twitter
WhatsApp

ސިޔާސީ މައިދާނުގައި ހަރުކަށި-ވައަތާއި ހަރުކަށި-ކަނާއަތުގެ ފިކުރަކީ ކޮބައިކަމާމެދު ގިނަ ފަރާތްތަކެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.

އެގޮތުން، އޭޝިއާ މިޑްލް އީސްޓް ސެންޓަރ (އޭއެމްއީސީ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިލްމުވެރިއެއް ކަމުގައިވާ މުޢާދު މުޙައްމަދު ޒަކީ ދެކެލައްވާ ގޮތުގައި ސިޔާސީ ފިކުރުގެ ދެފަރާތަކީ ވައަތާއި ކަނާއަތުގެ ފިކުރު ކަމުގައިވީއިރު، ސިޔާސީ ޕާޓީއަކުން ބުރަހެލިވަނީ އެއިން ކޮން ފިކުރަކަށްކަން އެނގޭނަމަ، މުހިންމު މަޝްވަރާތަކުގައި އެ ޕާޓީއަކުން ތާއީދުކުރާނީ ކޮން ސިޔާސަތުތަކަކަށްކަން ދެނެގަނެވޭނެއެވެ. ސިޔާސީ ފިކުރުގެ ދެފަރާތުގައި ވެސް ހަރުކަށިކަމެއް ހުރިކަން ފާހަގަކުރައްވައި މުއާދު ވިދާޅުވަނީ އެ ފިކުރުގެ ސަބަބުން ތިމާއާއި ތަފާތު ޚިޔާލު ގެންގުޅޭ ފަރާތްތަކުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެކަމުގެ ސަބަބުން ހުރަސްއަޅާ ކަމަށެވެ. 

”ކޫ ކްލަކްސް ކްލޭން (ކޭކޭކޭ)“ އާއި ”ޕްރައުޑް ބޯއީސް“ ފަދަ ޖަމާއަތްތަކުން ހަރުކަށި ވައަތުގެ ސިޔާސީ ފިކުރުގެ މިސާލު ދައްކަވައި މުއާދު އިތުރަށް ވިދާޅުވީ ތާރީޚުން ހެކިދޭ ގޮތުގައި ހުޅަނގުގެ މި ޖަމާޢަތްތަކަކީ އެމީހުން ފަދައިން ދޮން ނޫން މީހުންނާ ދެކޮޅަށް ނަފްރަތު ފަތުރައި ނަސްލީ ތަފާތުކުރުންތައް ގެންގުޅުނު ބައެއް ކަމަށެވެ. މުސްލިމް ދުނިޔެއިން މުއާދު މިސާލު ދެއްކެވީ ”އައިސިސް“ އާއި ސަލަފްފަދަ ޖަމިއްޔާތަކުންނެވެ. އޭނާ ވިދާޅުވީ މި ޖަމިއްޔާތަކުގެ މެދުގައި ސަގާފަތާއި އާދަކާދާއިގެ ނުގުޑާނެފަދަ ތަފާތުތަކެއް ހުރި ނަމަވެސް، ހުންނަ އެއްގޮތް ”ސުޕްރިމަސިސްޓް“ ވިސްނުމުގެ ސަބަބުން އެފަދަ ޖަމިއްޔާތަކުގެ ނަޒަރިއްޔާތުގައި އެމީހުންގެ އަމިއްލަ ނަފްސަށް އެހެން މީހުންގެ މައްޗަށް ޚާއްސަ މަތިވެރިކަމެއް ދެވިފައިވާކަމަށާއި އެހެން ފަރާތްތަކާއި މެދު ނަފުރަތު ފެތުރުމުގެ އިތުރުން ލިބޭ މައުލޫމާތުގެ ބޭނުންހިފައި އެމީހުންގެ ފުރައްސާރައިގައި ހަރުކަށިވެ ކުށެއްނެތް ބަޔަކަށް ޖިސްމާނީ އަނިޔާދޭ ހިސާބަށް ވެސް ކަންކަން ގެންދާކަމަށެވެ.

މުއާދު ވިދާޅުވަނީ ހަގީގަތުގައި ވެސް މިފަދަ ޖަމާއަތްތަކުން މިކަންކަން ކުރަނީ އެމީހުންގެ އަމަލުތަކަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކިގެން ކަމަށާއި، މިފަދަ ފަރާތްތަކުގެ ވަނަވަރަށް ބަލާއިރު ކޮންމެ ގައުމަކުން ވެސް އަދި ކޮންމެ މުޖުތަމަޢުއަކުން ވެސް މިފަދަ ފިކުރުތަކުގެ އަހުލުވެރިން ދެނެގަނެވޭނެ ކަމަށެވެ.

އެމެރިކާގެ ސިޔާސީ ވައަތުން މިފަހުން އީޖާދުކުރި ”ވޯކް“ ފިކުރާއި ބެހޭގޮތުން މުއާދުއާ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ހަރުކަށި-ވއަތުގެ ސިޔާސީ ފިކުރު އެންމެ ފާޅުގައި ކުރިއަރުވަނީ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގައި ކަމަށެވެ. އަދި އެމީހުން ގަބޫލުކުރާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމަކީ އިންސާނީ ހައްގެއް އެކަނި ނޫންކަމަށާއި އެއީ ޝަރުޢީގޮތުން ވެސް ކަށަވަރު ކުރެވިފައި އޮންނަންޖެހޭ ހައްގެއްކަމަށް މުއާދު ވިދާޅުވިއެވެ. އެހެންކަމުން، މުޖުތަމަޢުގެ އެންމެހައި ފަރުދުން އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޖިންސު ބަދަލުކޮށްގެން ތިބޭ ފަރާތްތަކާއި އެއްކޮށް މުޖުތަމަޢުގައި އުޅެން ދަސްކުރަން ބާރުއެޅުމުގެ ބަދަލުގައި، ”ވޯކް“ ފިކުރު ކުރިއަރުވާ ފަރާތްތަކުން އެދެނީ އާންމު ރައްޔިތުންގެ އެންމެން އެ ފިކުރު ގަބޫލުކުރުމަށް ކަމަށާއި، އެކަން ގަބޫލުކުރުމަށް ދެކޮޅު ހަދާނަމަ ޤާނޫނުން ނަމަވެސް އެކަން މަޖުބޫރުކުރުވަންކަމަށް މުޢާދު ގަބޫލުކުރައްވައެވެ. 

ހަރުކަށި-ވައަތުގެ ”ވޯކް“ ފިކުރަކީ ގޮތްދޫނުކުރާ މަޖުބޫރުވެރި ފިކުރުކެވެ. އަދި ނަފްރަތާއި ޖިސްމާނީ އަނިޔާއަށް ގޮވާލުމުގެ ބަދަލުގައި އެމީހުންނަކީ ގާނޫނާއި ސިޔާސީ ބާރުން އެމީހުންގެ ފިކުރާއި ސިޔާސަތުތައް އެހެންމީހުންގެ މައްޗަށް މަޖުބޫރުކުރުވާ ބައެއްކަމަށް މުއާދު ގަބޫލު ކުރައްވައެވެ.

އެގޮތުން މުއާދު ވިދާޅުވީ، ހުޅަނގުގެ ގިނަ ގައުމުތަކުގެ ސްކޫލް ފާހާނަތައް ބޭނުންކުރުމުގެ ގަވައިދުތައް ބަދަލުކޮށް ދެޖިންސަށް ބޭނުންކުރެވޭ ފާހާނާ ބަހައްޓައި ނުވަތަ އަންހެނުންގެ ފާހާނާތަކަށް ޖިންސު ބަދަލުކޮށްގެން ތިބޭ ފިރިހެނުންނަށް ވަދެވޭ ގޮތަށް ހަދާފައިވާކަމަށެވެ. ފިރިހެނަކު އޭނާއަކީ އަންހެނެކޭ ބުނެފިނަމަ އޭނާއަށް އަންހެނުންގެ ފާހާނާއަށް ވަދެވޭކަމަށާއި އަދި އަންހެނުންގެ ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭކަމަށް މުއާދު ވިދާޅުވިއެވެ. 

“މި ފިކުރުގެ ނުރައްކާ ހިސާބަކީ މުޖުތަމަޢު އަހުލާގިއްޔަތާއި އަހުލާގީ މިންގަނޑުތައް މުގުރައިލަން އެ ފިކުރުގެ ފަރާތަކުން ކުރާ މަސައްކަތް. ކުޑަކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް ހަރުކަށި ކަނާއަތުގެ ފިކުރުހާ ”ވޯކް“ ފިކުރުގެ ނުރައްކާ ބޮޑު.“

އެމެރިކާގެ އިތުރުން، ހުޅަނގު ޔޫރަޕުގެ ގިނަ ސްކޫލްތަކުގައި އުމުރުން 10 އަހަރުން ދަށުގެ ކުދީންނަށް ޖިންސު ބަދަލުކުރާ މީހުންގެ ހައްގުތައް ކިޔަވާދޭއިރު، ކްލާސްރޫމުގެ މާހައުލުގައި ދަރިވަރުން އެކުދިންގެ އުފަން ޖިންސު ބަދަލުކުރަން އެދޭނަމަ އެކަންކުރުމަށް މުދައްރިސުން ބާރުއަޅާދޭކަމަށް މުއާދު ވިދާޅުވެއެވެ. އަދި މިއީ ފިރިހެން ކުދިން އަންހެން ހެދުން އެޅުން ނުވަތަ އަންހެން ކުދިން ފިރިހެން ހެދުން އެޅުން ނޫން ކަމަށާއި، ހަށިގަނޑުގެ ގުނަވަންތައް ބަދަލުކުރުން ކަން ފާހަގަކުރައްވާ މުއާދު ވިދާޅުވީ ގާނޫނީ ގޮތުން މިކަން ކުރުމަށް މުދައްރިސުން އެދަރިވަރުންގެ މައިންބަފައިންގެ ހުއްދަ ބޭނުންނުވާ ކަމަށެވެ. 

މުއާދު ވިދާޅުވީ ފިހާރައަކަށްވަދެ ސިގިރޭޓު ގަންނަން ގާނޫނުން ހުއްދަނުދޭ އުމުރުފުރާގެ ކުއްޖަކަށް މިއަދު އެކުދިންގެ މައިންބަފައިންގެ ހުއްދައާއި ނުލައި އަމިއްލަ ޖިންސީ ގުނަވަން ބަދަލުކުރުން ފަދަ ބޮޑު ނިންމުމެއް ނިންމޭ ކަމަށެވެ. ސަމާސާ ވާހަކައެއް ކަމަށް ބައެއް ފަރާތްތަކަށް ހީވިނަމަވެސް މިއީ އަދުގެ ”ވޯކް“ ފިކުރުގެ ހަގީގަތްކަން މުއާދު ފާހަގަކުރެއްވިއެވެ. މިކަން ހުއްޓުވި އެތައް މައިންބަފައިންނެއް މިއަދު ގާނޫނު ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވަމުންދާއިރު، މުއާދު ގަބޫލު ކުރައްވަނީ ހަރުކަށި-ވައަތުގެ ”ވޯކް“ ފިކުރަކީ އާއިލީ ގުޅުމާއި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ފުނޑުފުނޑުކޮށްލާ ފަލްސަފާއެއް ކަމަށެވެ. 

ދިވެހިރާއްޖެ ފަދަ ގައުމަކަށް މިފިކުރުގެ ސަބަބުން ކުރާނެ އަސަރާއި ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މުއާދު ވިދާޅުވީ ސިޔާސީ މަސްރަޙަކީ އަބަދުމެ ބަދަލުވަމުން އަންނަ އެއްޗެއް ކަމަށާއި، އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ދިވެހިރާއްޖޭގެ ސިޔާސަތުތައް ވެސް އެތައް ބަދަލުތަކެއް ތަޖުރިބާކުރާނެ ކަމަށެވެ. މެލޭޝިޔާގެ މިސާލު ދައްކަވައި މުއާދު ވިދާޅުވީ އެ ގައުމުގައި ވެސް ”އެލްޖީބީޓީ“ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، ހުޅަނގުގެ ބާރުތަކުގެ ނުފޫޒަށް ބިރުން މެލޭޝިޔާގެ މުސްލިމް ސިޔާސީ ލީޑަރުން ފާޅުގައި އެކަން މަނާކޮށް ވާހަކަދައްކާފައިނުވާއިރު، ސިޔާސީ ނުފޫޒު ވަރުގަދަކުރުމަށްޓަކައި މުސްލިމް ސިޔާސީ ޕާޓީއިން ވެސް އެ މައްސަލަތަކަށް ސަމާލުކަންދީފައި ނުވާކަމަށެވެ. އަދި މުއާދު ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ މުސްލިމް އާއިލާތައް ރޫޅިފައިވާކަމަށެވެ. މިއީ ”ވޯކް“ ފިކުރުގެ މާކުރިން ވެސް އެގައުމުގެ ހާލަތުކަން މުއާދު ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް، މުއާދު ފާހަގަކުރެއްވި އަނެއްކަމަކީ ތުރުކީގައި ”ވޯކް“ ފިކުރުގެ ކަންކަމަށް ހުރިހާ ކޮޅަކުން ރައީސް އުރުދުޣާނުގެ ސަރުކާރުން ހުރަސް އަޅާފައިވާކަމެވެ. މުއާދު ވިދާޅުވީ، މިގޮތުން، ޔޫރަޕިއަން ޔޫނިއަންގެ އިންސާނީ ހައްޤުތަކުގެ ސިޔާސަތުގެ ތެރޭގައި، ”އަންހެން“ މި ލަފްޒުގެ މާނައިގައި ޖިންސު ބަދަލުކޮށްގެން ދިރިއުޅޭ ފިރިހެނުން ހިމަނާގޮތަށް ގެނައި ބަދަލާއި ގުޅިގެން އުރުދުޣާންވަނީ ޔޫރަޕިއަން ޔޫނިއަންގެ އިންސާނީ ހައްޤުތަކާއިބެހޭ މުއާހަދާއިން ތުރުކީގެ ނަން އަނބުރާ ނަންގަވާފައި ކަމަށެވެ.

“އެމެރިކާއާއި ޔޫރަޕުގެ މި ޚާރިޖީ ސިޔާސަތަކީ ހަރުކަށި-ވައަތުގެ އިސްވެރިން ވަރަށް ރޭވުންތެރިކަމާއެކު ކުރިއަރުވަމުން އަންނަ އެޖެންޑާއެއް. އޭޝިއާއާއި އެފްރިކާ ބައްރުގެ ކުރިއަރަމުން އަންނަ ގައުމުތަކުގެ ސިޔާސީ ލީޑަރުންނަށްނަކީ ޚާރިޖީ ސިޔާސަތުގެ ތަޖުރިބާ ހުރި ބައެއްނޫންކަން ހަރުކަށި-ވާއަތުގެ ބައިވެރިންނަށް އެނގޭ. ސިޔާސީ ހަޔާތުގެ ޅަފަތުގައި ތިބި ސިޔާސީވެރިން ބާރުވެރި ޑިޕްލޮމެޓިކް މަގާމުތަކަށް އައްޔަނުކުރުމުން އެފަދަ އެޖެންޑާތައް އެމީހުންގެ ގައުމުތަކުގައި ފެތުރުމަށް ބާރު ލިބޭ.“

އެންމެފަހުން، މުއާދުގެ ނަޒަރުގައި ނުރައްކާތެރިކަން އެންމެ ބޮޑީ ހަރުކަށި-ވައަތުގެ ނުވަތަ ހަރުކަށި-ކަނާއަތުގެ ސިޔާސީ ފިކުރުގެ ތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ދެފަރާތަކީވެސް އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި ދެފިކުރު ކަމަށެވެ. ހަރުކަށި-ކަނާއަތުގެ ފިކުރަކީ މާރާމާރީއާއި އަނިޔާވެރިކަން ކުރިއަރުވާ ފިކުރެއްކަމަށްވީއިރު، ހަރުކަށި-ވައަތަކީ ވަރަށް ބުއްދިވެރިގޮތެއްގައި ޤާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށް ހަތިޔާރުގެ ގޮތުގައި އެތަކެތި ބޭނުންކުރާ މަޖުބޫރުވެރި ވިސްނުމެއްކަމަށް މުއާދު ވިދާޅުވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް