ބޮޑު ދެ ޕާޓީއަކަށް ނެތް ސޮލިޑްކޮށް ކެންޑިޑޭޓަކު ދެއްކޭކަށް, ކާމިޔާބުކުރާނީ އަޅުގަނޑު: ޢުމަރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށް ވެސް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް ނެތް ކަމަށާއި, އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު މިހެން ވިދާޅުވީ “ސަންދާނު“ އަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޢުމަރު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް ނެތް ކަމަށާއި އެންމެން ވެސް އެކަން ގަބޫލުކުރާނެ ކަމަށެވެ. އެހެންކަމުން މިއީ އިންތިޚާބު ކާމިޔާބު ކުރައްވަން “ރަނުގެ ފުރުސަތެއް“ ކަމުގައި ޢުމަރު ގަބޫލު ކުރައްވައެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއަށްވުރެ ބޮޑަށް ޖާގަ ހުޅުވިފައިވާ ފަހަރެއް އަދި ނާދޭ. ބޮޑު ދެ ޕާޓީއަކަށް ނެތް ސޮލިޑްކޮށް ކެންޑިޑޭޓަކު ދެއްކޭކަށެއް. ދެ ޕާޓީއަށް ވެސް ނެތް މިހާރު އިންތިޚާބު ވިން ކުރެވޭވަރުގެ ކެންޑިޑޭޓެއް ދެއްކޭކަށެއް. އެންމެން ވެސް ގަބޫލުކުރާނެ އެކަން. ވަރަށް ޗާންސް ބޮޑުކޮށް މިއޮތީ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން މެދަށް މިހާ ޖާގަ ބޮޑު ފަހަރެއް ނާދޭ.“ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އުމަރު ވިދާޅުވިއެވެ.

އުމަރު އެހެން ވިދާޅުވި ނަމަވެސް, ގިނިކަންޏާ ނުކުމެވަޑައިގެން މިހާތަނަށް އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. 2008 ވަނަ އަހަރުގައި ގިނިކަންޏާ ނުކުމެވަޑައިގެން ޢުމަރަށް ލިބިވަޑައިގެންނެވި ނަތީޖާއަށް ބަލާއިރު ވެސް އެކަން އިބުރަތަކަށް ފުދެއެވެ. ކޯލިޝަނަކާ ނުލައި މިހާތަނަށް އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބުވެފައި ނެތުމަކީ ވެސް އެކަމަށް ބާރުދޭ އެއް ނުކުތާއެކެވެ.

ޢުމަރު ކުރީގެ ރައީސް މައުމޫނާއެކު. ފޮޓޯ: ސަން

ގިނިކަންޏާ ނުކުމެވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އޭނާ ނިކުމެވަޑައިގެން ހުންނެވީ އެކަނި ނޫން ކަމަށެވެ.

“ނޫން, ނޫން, އަޅުގަނޑު އެކަންޏެއް ނޫން މިހުރީ.“ ރައްޔިތުން އޭނާއާއެކު ތިއްބެވިކަން ފާހަގަކުރައްވައި ޢުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސަގާފަތަކަށްވެފައި އޮންނަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފެއިލްވެވަޑައިގަންނަވާ ކެންޑިޑޭޓުން, ދެވަނަ ބުރަށް ހޮވިވަޑައިގަންނަވާ ދެ ކެންޑިޑޭޓުންގެ ތެރެއިން މޮޅުވާނެހެން ހީވާ ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް އަރުއްވައިގެން, ދެން އުފެދޭނެ ސަރުކާރުން ބައިކުޅަބައި ނަމަވެސް ލިބިވަޑައިގަންނަވާ ގޮތް ހެއްދެވުމެވެ

ނަމަވެސް އުމަރު ވިދާޅުވީ އޭނާ އެއްވެސް ބޭފުޅެއްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށެވެ.

’އަޅުގަނޑުމެން މިތިބީ [ޕާޓީތަކާ ވެސް] ގުޅޭ ގޮތަށް. އެކަމު ފަހަތަށް އަރާ ގޮތަކަށް ނޫން.“ މީގެ ކުރިން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާ ޢުމަރު ވިދާޅުވިއެވެ.

”އާ މިސްރާބަކަށް“ މި ޝިއާރުގެ ދަށުން ޢުމަރު މިހާރު ވަނީ ރިޔާސީ ކެމްޕޭން ފަށްޓަވައިފައެވެ. ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށްޓެވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާއިންނެވެ.

އެ ގޮތުން ޖަލްސާތަކުގައި ޢުމަރު ގެންދަވަނީ އޭނާގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ. އެންމެ ބޮޑު އެއް ވާހަކައެއްގެ ގޮތުގައި ފާހަގަކުރައްވަނީ އިސްލާމީ ޝަރީއަތުގެ ވާހަކައެވެ.

ޢުމަރު ކުރީގެ ރައީސް ޔާމީނާއެކު. 2013 ވަނަ އަހަރު ޕީޕީއެމްއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް.

’އަޅުގަނޑު އިސްލާމީ ޝަރީއަތުގަ ހިފާނަން. މިކަން އެއްވެސް މީހަކު އޮޅުވައިނުލާތި އިސްލާމީ ޝަރީއަތް ގާއިމުކުރުމާއި އިސްލާމީ ޝަރީއަތުގަ ހިފުމާ މީ ދެ މަފުހޫމެއް.“ ސަންދާނަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން ޢުމަރު ވިދާޅުވިއެވެ.

’ގާއިމުކުރުމުގެ މާނައަކީ ޤުރްއާނުގައި ހުރި ހުރިހާ ހުކުމެއް ނޮވެމްބަރު 18 ވަނަ ދުވަހުން ފެށިގެން އެޕްލައިކުރަން ފެށުން. ހިފުމުގެ މާނައަކީ މިވަގުތު ރާއްޖޭގަ ހުރި ބޮޑެތި މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ދާއިރާތަކުގަ އެޕްލައިކުރަން ފެށުން. އެހެންވީމަ އަޅުގަނޑު އެޕްލައިކުރާނަން ދައުލަތުގެ ތެރޭ ހިނގާ ކޮރަޕްޝަނާއި މަސްތުވާ އެއްޗެއްސާއި ޤިޞާޞްއާ މި ދާއިރާތަކަށް.“

ޢުމަރުގެ ސިޔާސީ މަތާރަންފިލާ މަތިން ހިރަފުސް ފޮޅައިލުމެއް:

ޢުމަރު ކިޔާ ބޭފުޅަކު ފުރަތަމަ ދިވެހިންނަށް އެނގުނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހިސާބުންނެވެ. އޭރު އޮތް ބޮޑެތި ޕާޓީތަކާ ދެކޮޅަށް ނުކުމެވަޑައިގެން ޢުމަރަށް ލިބިވަޑައިގެންނެވީ 2472 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %1.40 އެވެ.

ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާއެކު އެންމެ ފަހުން އުމަރަށްވުރެ, އޭނާގެ ޕާޓީގެ އެހެން ބޭފުޅުންގެ ބާރު ޕާޓީތެރޭގައި ގަދަވެ, ޕާޓީން ބޭރުކޮށްލައި “ސިޔާސީ ކަނޑަށް“ ޢުމަރު އެއްލައިލެއްވިއެވެ. ސިޔާސީ ކަނޑަށް ޣަރަގުނުވެ, ޢުމަރަށް ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގެންނެވުނީ އޭރުގެ އެންމެ ވަރުގަދަ ޕާޓީކަމަށްވާ ޑީއާރްޕީގެ އޮޑިއަށް އަރުއްވަައިގެންނެވެ. އެ ގޮތުން ޑީއާރްޕީގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ދުވަސްކޮޅަކު ހުންނެވިއެވެ.

ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ޕާޓީ ދެބައިވެ, ދެ ފެކްޝަނެއް އުފެދުމުން އުމަރު ޚިޔާރުކުރެއްވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒެޑް ފެކްޝަނެވެ. ޒެޑް ފެކްޝަނުން އުފެއްދި އާ ޕާޓީކަމަށްވާ ޕީޕީއެމްގައި ހިންދެމިލެއްވުމަށްފަހު, އަނެއްކާ ވެސް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ފައި ނެންގެވިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ނަމަވެސް ނާކާމިޔާބީއާ ކުރިމަތިވެ, އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު ޢުމަރު އެ ޕާޓީން ވެސް ބޭރުކޮށްލިއެވެ.

ޢުމަރު ނަޞީރު ޖޭޕީގެ ލީޑަރާއެކު. ފޮޓޯ: މިހާރު

އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު “ޓީމް ޢުމަރު“ ހެދި ކޯލިޝަނެއްގެ ތެރެއިިން ވަޑައިގެން ޢުމަރަށް ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތެވެ. ދުވަސްތަކެއް ފަހުން ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި 2017 ވަނަ އަހަރު ޖޭޕީއާ ގުޅިވަޑައިގެންނެވިއެވެ.

އެއަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޖޭޕީން ވަކިވެވަޑައިގެންނެވިއެވެ. ނަމަވެސް އެފަހަރުގެ އިންތިޚާބުގައި ވާދައެއް ނުކުރައްވައެވެ. އޭރު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޮޑަށް ސިފަކުރެއްވެނީ ހަރުދަނާ ލީޑަރުން ވާދަކުރައްވާ އިންތިޚާބަކަށްވުރެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ކަމަށާއި, އެހެންކަމުން ވާދަކުރައްވަން ފެނިވަޑައިނުގަންނަވާ ކަމުގައެވެ.

ދެން ފެނިގެންދިޔައީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް ވުޖޫދަށް ގެންނެވި ތަނެވެ. ޑީއެންއޭއަކީ ޢުމަރުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ބައެއް ވިޔަފާރިވެރިން ގުޅިވަޑައިގެން 2021 ވަނަ އަހަރު ވުޖޫދަށް ގެންނެވި ހަރަކާތެކެވެ. ނަމަވެސް ޑީއެންއޭ ވައިގައި ހިފާގޮތެއް ނުވިއެވެ. އެންމެ ފަހުން ފެނިގެންދިޔައީ އެ ހަރަކާތުގައި ތިއްބެވި އިސް ބޭފުޅުން ވެސް ޢުމަރާ ފެއަށް ޖެހިވަޑައިގެންނެވި ތަނެވެ.

އެކަމަކު ވެސް ޢުމަރު ހިތްވަރުދުލެއް ނުކުރައްވައެވެ. މިފަހަރު އެ ހުންނެވީ “ދޭތިން އެކައްޗަށް ހިފައިގެން“ ނެވެ.

Loading

One Response

  1. ﷲ ގެ ވާގިފުޅާއެކު މިއީ ޢުމަރުގެ ފަހަރު..އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅަނީ ޢުމަރު….މަގޭ ވޯޓު ޢުމަރަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް