ރައީސުލްޖުމްހޫރިއްޔާއަށް ޒިންދާބާދަށް ގޮވައި, ސަނާ ކިޔާނަމަ އެ ދެވެނީ ޚަރާބުގެ މަގަށް: ނަޝީދު

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ޒިންދާބާދަށް ގޮވައި ސަނާ ކިޔާނަމަ ދެން އެދެވެނީ ޚަރާބުގެ މަގަށް ކަމަށް 

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން މިހާރު ރާއްޖޭގެ ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ.ފުލިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިނގާތާ ދުވަސްތަކެއް ވެެއްޖެ ކަމަށާއި އަލުން “މައުމޫނީ ފިކުރަށް“ ނުދެވޭނެ ކަމަށެވެ.

“އަޅުގަނޑު ސަރުކާރުގެ ހުރިހާ ބޭފުޅުންނަށް ދަންނަވައިލަން ބޭނުން މީ 2023 ވަނަ އަހަރޭ. މި ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިނގާތާ ދުވަސްތަކެއް މިހާރުވެއްޖެއޭ. މައުމޫނީ ފިކުރަކަށް އަޅުގަނޑުމެންނަށް އަނބުރައެއް ނުދެވޭނެއޭ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުގެ މުވައްޒަފުންނަކަށް އެ މީހުން ބިރުދައްކާ ސަރުކާރުން ބޭނުންވާ ގޮތަށް އެ މީހުންގެ ވިސްނުމެއް އަނބުރައެއް ނުލެވޭނެއޭ. މީ އެހެން ދިވެހިރާއްޖެއެކޭ. މީ މާ ހިތްވަރުގަދަ ރައްޔިތެކޭ. މީ މާ ގޮތްހުރި ދިވެހިރާއްޖެއެކޭ. މީ މާ އަޚްލާޤު ހުރި ދިވެހިރާއްޖެއެކޭ. މީ ޝަޚްސިއްޔަތު ހުރި ރައްޔިތުންތަކެއް އުޅޭ ރާއްޖެއެކޭ.“ ރައީސް މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގައި ސިއްކަ ޖައްސަވައި ވެރިކަމަށް ވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރަށު ތަރައްޤީ ގުޅިފައި އޮންނަނީ ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާއި ބާޒާރުކޮށްލަދިނުމާއި އެ ބޭފުޅާގެ ދަރިން ގޮވައިގެން ސްކޫލަށް ގެންގޮސްދީ އެބޭފުޅާގެ ގޭގެ ވަޅުދިޔަ ހިއްކައިދީ މަތިވަޑާންގަނޑު ވެސް ހަދާލަ ދިނުމުންކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމުގައެވެ.

“އެއީ ވަރަށް ބޮޑު ކުށްހީއެއް. ވެެރިއެއްގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް. އެއީ އަޅުވެތިކަން.“ ތިން އަހަރުތެރޭގައި ވެރިކަމުން އިސްތިއުފާދެއްވި ނަޝީދު ވިދާޅުވިއެވެ.

“ވެރިއެއްގެ ވަށައިގެން އަޅުގަނޑުމެން އެނބުރޭން ފަށައިފިނަމަ އަދި ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ޒިންދާބާދަށް ގޮވާ ސަނާ ކިޔާނަމަ އަޅުގަނޑުމެންނަށް ދެން އެދެވެނީ ޚަރާބުގެ މަގަށް. ދެފުށް ފެންނަ ސިޔާސަތުތަކެއްގެ ތެރެއިން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަސާސީ ޙައްޤުތައް އަޅުގަނޑުމެންނަށް ލިބިގެން އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ފައިދާ ލިބޭނީ.“ ނަޝީދު އިތުރަށް ވިދާޅުވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ގެސްޓުހައުސް ހިންގައިފިނަމަ އުޑު ބޮލަށް ވެއްޓޭނެކަމަށް ވެރިން ވަކާލާތުކުރަމުންދިޔަ ކަމަށެވެ. ނަމަވެސް މި ރަށަށް (ފުލިދުއަށް) ވަޑައިގެންނެވުމުން އެ ސިނާޢަތް ކުރިއަރައި ރައްޔިތުންނަށްވަމުންދާ ފައިދާ ފެންނަކަމަށް ވިދާޅުވިއެވެ. އަދި ގެސްޓުހައުސް ވިޔަފާރިއަކީ އެމްޑީޕީގެ ސިޔާސަތެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރުމަށް ބަޔަކު ބާރުއަޅަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

Loading

One Response

  1. ދޮގުވަޢުދު ވުމާއި އިންޑިޔާއަށް ގައުމުވިކިފައި ބާއްވަން ނަޝީދަކީ މޮޅު އުކުޅުވެރިއެވެ. އިންޑިޔާގެ ހަނފަރާ ވާހަކަ ނުވަތަ އިންޑިޔާގެ ދަރަނި ދަންތޫރައިގެ ވާހަކަ ބުނެލަން ނުކެރުނެވެ. އިބޭ އަށް ހެއްދިވި ނުހެއްދެވި ދޮގުވާހަކަ ތައް ދައްކައިފިއެވެ. އިންޑިޔާގެ އަޅު އިބޫ އާއި ނަޝީދު ބަރާބަރަށް އެކަމުގައި ގުޅޭކަން އެގިއްޖެ ނޫންހެއްޔެވެ. މިއުޅެނީ ވެރިކަމާހެދި ތޮޅޭ ތޮޅުމެކެވެ. ރައްޔަތުން ވިސްނާ ؛ތިބޭށެވެ. ނަމަ ނަމަ މި ދެމީހިުނަށް ވެރކަން ލިބުނަ ނުދޭށެވެ. އިންޑިޔާއަށް ރާއްޖެ މިވަނީ ހިބަކޮށް ދީފައެވެ.

Leave a Reply to އަޙުމަދު އައްޑޫ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް