މެލޭޝިޔާ ބޮޑުވަޒީރު އަންވަރުގެ ސަރުކާރު އިތުރަށް ވަރުގަދަވެއްޖެ

Loading

January 15, 2023
profile
Facebook
Twitter
WhatsApp

މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) ގެ އަހަރީ ބައްދަލުވުމުން މިއަންނަ މޭ މަހަށް ތާވަލް ކުރެވިފައިވާއިރު އެ ޕާރޓީގެ އިސް މަގާމުތަކުގެ ވޯޓުލުމުގައި މިހާރު ތިއްބެވި  ބޭފުޅުންނޫން އެހެން އެއްވެސް ބޭފުޅަކަށް ވާދަނުކުރެވޭނެ ގޮތަށް އިއްޔެ ފާސްކުރުމާއި ގުޅިގެން ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރު މާބޮޑު ޗެލެންޖްތަކެއް ނެތި ދެމިއޮތުމުގެ އުންމީދުތައް އާވެއްޖެއެވެ. ހަތަރު ދުވަސް ވާންދެން އަމްނޯއިން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި މިގޮތަށް ނިންމެވި ސަބަބެއްކަމުގައި ބުނެފައިވަނީ ތުން މަހާތީރު މުޙައްމަދުގެ ވެރިކަމަށްފަހު މެލޭޝިޔާގެ ސިޔާސީ މަސްރަޙު މާބޮޑަށް ހަލަބޮލި ވަމުން ގޮސްފައިވުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާރލިސްގެ މަންދޫބު ހަމިޒާން ޙަސަން ވިދާޅުވީ މެލޭޝިޔާގެ ސިޔާސީ މަސްރަޙް ރައްޔިތުން ބޭނުންވާގޮތަށް ހަމަޖެހުމާއިއެކު ކުރިޔަށް ގެންދަން ބޭނުންވާނަމަ އެންމެ ފުރަތަމަ އަމްނޯ ހަމަޖެހުމަކަށް އަންނަން ޖެހޭ ކަމަށެވެ. ހަމަ މި ބައްދަލުވުމުގައި މިވަގުތު އަމްނޯ ޕާޓީގެ ޕްރެޒިޑެންޓް ޒާހިދު ޙަމީދީ އަށް އެންމެ ބޮޑަށް ތާޢިދު ކުރެއްވި އަންހެނުންގެ ވިންގުގެ ފަރާތުން ވާހަކަ ދެއްކެވި މަންދޫބު ޒާހިދާ ޒާރިކް ޚާން ވިދާޅުވީ 2022 ގެ އިންތިޚާބު ނާކާމިޔާބުވުން ޕާރޓީގެ އިސްސަފަށް އިނގިލި ދިއްކުރުން ދެން މިވަގުތު ރަނގަޅެއް ނޫންކަމަށެވެ. 

އަދި މިކަމުގައި ބައެއް އެހެން ޕާރޓީ ތަކުން ކަންތައް ކުރާގޮތް އަމްނޯއިން ދަސްކުރަންޖެހޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ އިންތިޚާބުތައް ކިތަންމެ ފަހަރަކު ނާކާމިޔާބު ވިޔަސް އެޕާރޓީ ތަކުން އިސްސަފުގެ ބޭފުޅުން ބަދުނާމުކޮށް އެހެންބަޔަކު އެ މަގާމުތަކަށް  ނުގެންނަކަމަށެވެ. މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަމްނޯގެ އާންމު ސެކްރެޓަރީ އަޙްމަދު މަސްލާން ވިދާޅުވީ އެގޮތަށް ފާސްކުރަން އަމްނޯގެ 90 އިން ސައްތައާއި ގާތްކުރާ އަދަދަކަށް ރުހުން ލިބިފައިވާ ކަމަށެވެ. 

މިއަހަރުގެ ތެރޭގައި މެލޭޝިޔާގެ ގިނަ ސިޔާސީ ޕާރޓީ ތަކެއްގެ އިންތިޚާބު ރޭވިފައިވާއިރު މިއީ ބޮޑުވަޒީރު އަންވަރުގެ ސަރުކާރާއިއެކު މެލޭޝިޔާގެ ސިޔާސީ މަސްރަޙު ހަމަޔަކަށް އެޅިދާނެކަމުގެ ބޮޑު އުންމީދެއް ކަމަށްވެސް ބެލެވެއެވެ. 

ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި އަހްމަދު ޒާހިދު ހަމީދީގެ އެއްބާރުލެއްވުން ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ވަރަށް ބޭނުމެވެ. އަދި ހަމީދީގެ މަގާމު ކުރިއަށް އޮތް ދުވަސްތަކަށް ކަށަވަރުވުމަކީ އަންވަރު އިބްރާހިމަށް މިވަގުތުލިބިވަޑައިގަންނަވާނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވެސް ވާނެއެވެ. އަންވަރުގެ ސަރުކާރު އުފެއްދުމުގައިވެސް ޒާހިދު ހަމީދީ ދެއްވި އެއްބާރުލުން މެލޭޝިޔާގެ ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ފާހަގަ ކުރައްވައެވެ.

މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވާދެއްވާ ތުންކޫ މުޙައްމަދު މުޚުތާރު ދެކިވަޑައި ގަންނަވާ ގޮތުގައި ޙަމީދީގެ އެއްބާރުލުން އެ ޕާޓީގެ ފަރާތުން ކަށަވަރުވުމަކީ އަންވަރަށްވެސް އަދި މެލޭޝިޔާގެ ސިޔާސީ މަސްރަޙަށްވެސް މެދުވެރިވި ރަނގަޅު ފާލެކެވެ.

މެލޭޝިޔާ މިނިވަން ވީއްސުރެން އަމްނޯ އަކީ އެ ގައުމުގެ ސިޔާސީ ކިއްލާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އާންމު އިންތިޚާބުގައި ވަރަށް ހުތުރު ނާކާމިޔާބީއެއް ލިބުމުން ގޮތްދޫނުކޮށް ހިފޭއްޓުމުގެ ބަދަލުގައި މެލޭޝިޔާގެ ރައްޔިތުންގެ ވިސްނުމާއި އެއްކޮޅަށް އަމްނޯގެ މިސްރާބު ބަދަލުކުރުމަކީ ސިޔާސީ ރޭވުންތެރި ކަމުގެ ނަމޫނާ މިސާލެއްކަމުގައި ސިޔާސީ ގިނަ މުފައްކިރުން ދެކެލައްވައެވެ. 

ބޮޑުވަޒީރު އަންވަރު ހިމެނިވަޑައި ގަންނަވާ ޕާރޓީތަކުންވެސް މިހާރު އިއުލާން ކުރައްވާފައިވަނީ އަމްނޯ އާއިއެކު ސްޓޭޓް ތަކުގެ އިންތޚާބުގައި މަސައްކަތް ކުރާނެ ކަމުގައެވެ. ސްޓޭޓް ތަކުގެ އިންތިޚާބުގައި ޕާރލަމެންޓުގެ ދައުރެއް ނޯންނާނެއެވެ. އެހެންނަމަވެސް އިންތިޚާބުގައި ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ގުޅުން އޮތް މިންވަރު ދެނެގަނެވޭނެއެވެ.                                                                                

Loading

One Response

  1. އަންވަރަކީ މެލޭޝިޔާގެ ހުދުމުހުތާރު މަހާތީރު ސިޔާސީ ކެރިއަރ ދުއްވާލަން މަސައްކަތްކުރި ވަރުގަދަ ލީޑަރެކެވެ. މެލޭޝިޔާގައި ބޮޑުވަޒީރުގެ ނާއިބެއްގެ ގޮތުން އަންވަރު ވަރަށް ގިނަކަންކަން ކުރެއްވިއެވެ.

Leave a Reply to ކަލޭފާނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް