“ފިނިޝިންގް ލައިން“ ހުރަސްކުރައްވާނެކަމަށް ވިދާޅުވި ޢުމަރުގެ ކެމްޕޭނު ފެށުން ފެބްރުއަރީގައި

Loading

Facebook
Twitter
WhatsApp

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ރިޔާސީ ކެމްޕޭން އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ފަށްޓަވަން ނިންމަވައިފިއެވެ.

ޢުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެރޭ ސަލްޓަންޕާކުގައި ކަމަށެވެ.

“ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އިއުލާން ކުރުމާ ގުޅިގެން, އަޅުގަނޑުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ 3 ފެބްރުއަރީ ވާ ހުކުރު ދުވަހުގެރޭ 9:00 ގައި ސަލްޓަންޕާކުގައި. ރާއްޖެއަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިވެހިރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑާއެކު ހިންގަވާ.“ ޢުމަރު ވިދާޅުވިއެވެ.

“އެހެންނޫނީ ދެންވެސް ދާނީ ހަމަކުރިން ވެސް ދިޔަގޮތަށް“ “ޢުމަރު 2023“ ހޭޝްޓެގާއެކު ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ޢުމަރެވެ. އަބަދުވެސް ހިއްޕަވައިގެން ހުންނަވަނީ “ހުދު ވަލެއްގައި“ ކަމަށް ވިދާޅުވާ ޢުމަރު ކުރިން ވިދާޅުވެފައިވާ ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ޕީޕީއެމްއަކަށް ވެސް ރަނގަޅު ކެންޑިޑޭޓެއް ނުނެރެވޭނެއެވެ.

އަދި ދެ ޕާޓީ ކޯޅެމުން އަންނަނަމަ “މެދުން އަރައި“ ރިޔާަސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި މިއީ “ފިނިޝިންގް ލައިން“ ހުރަސްކުރައްވާނެ ފަހަރުކަމަށް ކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ޢުމަރު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމުތަކުގައި އިންޑިޕެންޑެންޓް ކެންޑިޑޭޓުންނަށް ޖާގަ އޮންނާނެއެވެ. 

“އަޅުގަނޑުމެންގެ ނިޒާމަކީ ރިޔާސީ ނިޒާމެއްވީމަ ވޯޓުލަނީ ވަރަށް ބޮޑަށް މީހާއަށް [ބަލައިގެން]. 2008 ވަނަ އަހަރު ޙަސަން ސަޢީދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވަރަށް ގިނަ ޢަދަދެއްގެ ވޯޓު ނެގި. ޤާސިމް އިބްރާހިމަށްވުރެ ގިނަ ވޯޓު ނެގި. ޤާސިމަކީ ޕާޓީއެއްގައި ހުންނެވި ބޭފުޅެއް. ރިޔާސީ ނިޒާމުތަކުގައި އިންޑިޕެންޑެންޓް ކެންޑިޑޭޓުންނަށް ޖާގަ އޮންނާނެ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި އެބައޮތް ވަރަށް ބޮޑަށް އެ ޖާގަ.“ ޢުމަރު ކުރިން ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ އިތުރު ބޭފުޅުން:

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު.

ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް.

ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއަރމަން ޑރ.ޝިހާމް ޙަސަން. 

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް)

މީގެއިތުރުން ވެސް ބައެއް ބޭފުޅުން ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން ނުރަސްމީކޮށް އިއުލާނުކުރެއްވައިފައެވެ. 

އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި ނަޝީދު ގެންދަވަނީ ހުއްޓުމެއްނެތި ކެމްޕޭން ކުރައްވަމުންނެވެ. އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން ނާޒިމް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ ނާޒިމަށް ޓިކެޓް ވަނީ ކަށަވަރުވެފައެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވީ ނަމަވެސް މިދިޔަ ޑިސެމްބަރުގައި ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް އިއްވެވި ޖަލު ޙުކުމާއެކު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައެވެ. މަތީ މަރުހަލާގެ ކޯޓަކުން އެ ޙުކުމް ބާތިލު ނުކުރާހައި ހިނދަކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައެއްނުގަންނަވާނެއެވެ. 

Loading

3 Responses

  1. އުމަރަށް ކާމިޔާބު ކުރެވުމާ ނުކުރެވުން ބުނާކަށް ނޭންގެއެވެ. އެކަމަކު ދިވެހިރާއްޖޭ ރައީސްކަން ލިބިއްޖެއްޔާ އުމަރަށްވެސް ކުރެވޭނެއެވެ

Leave a Reply to އަލީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް