ޕެޓްރޯޑޮލަރުން ޕެޓްރޯޔުއާނަށް ބަދަލުވުމުގެ މަގު ބެއިޖިންނާ ދިމާލަށް

Loading

Facebook
Twitter
WhatsApp

ކައިރިމުސްތަގްބަލް ގައި އެމެރިކާޑޮލަރުގެ އެއްވަނަ މަގާމު ބަދަލުނުވެދާނެއެވެ. އެކަމަކު ދުނިޔޭގައި އެންމެގިނައިން ތެލުގެ ބާވަތްތައް އެތެރެކުރާ ގައުމަކަށް ޗައިނާ ވުމާއިއެކު ޕެޓްރޯޑޮލަރުގެ ބާރުކެނޑި ޕެޓްރޯޔެންއަށް ބަދަލުވުމުގެ މަގުތައް ބެއިޖިންއާއި ދިމާލަށް ހުޅުވިގެން ހިގައްޖެއެވެ.

މިހާތަނަށް ޗައިނާއިންވެސް ތެލުގެ ބާޒާރުގައި ބޭނުން ކުރަމުން އައީ އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް ޗައިނާއިން ގަންނަ ތެލުގެ ބާވަތްތަކަށް މިހާރު އަގު އަދާކުރަން ބޭނުންވަނީ ޔުއާނުންނެވެ. ކޮންމެ ވިޔަފާރިއަކީވެސް ވިއްކާމީހާއާއި ގަންނަމީހާގެ އިޚްތިޔާރުތަކެއް އެކުލެވިގެންވާ މުޢާމަލާތެކެވެ. 

އެހެންވީމާ ޗައިނާއަށް ތެލުގެބާވަތްތައް ވިއްކަން އެދޭނަމަ ޔުއާނުން އަގު ގަބޫލުކުރަން މިއޮތީ މަޖްބޫރުވެފައެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި މި ބަދަލު ގެނައުމުގެ ވިސްނުމުގައި މިހާގަދަޔަށް ކުލަޖެހެން ފެށުމުގެ އަސްލަކީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައެވެ. މިއީ ދުނިޔޭގެ އިގްތިސާދަށް މެދުވެރިވި ވަރަށްރަނގަޅު ފާލެއް ކަމުގައިވެސް ގިނަބަޔަކު ގަބޫލުކުރެއެވެ. 

ހުޅަނގުގެ ގައުމުތަކުން ރަޝިޔާއަށް ކުރިމަތި ކުރަމުން ގެންދާ ގިނަގުނަ ފިއްތުންތަކާއިހުރެ ރަޝިޔާއަށް މަޖްބޫރުވީ އޭޝިއާގެ ގައުމަކަށް ބަދަލުވާށެވެ. ރަޝިޔާގެ ތެޔޮގަތުން ހުޅަގުން ހުއްޓާލުމާގުޅިގެން ރަޝިޔާއިން މިވަނީ އޭޝިޔާގެ ބާޒާރަށް ނިކުމެފައެވެ. އަދި ސަޢޫދީ އެރޭބިޔާއިން ޗައިނާއަށް ވިއްކަމުން ގެންދާ ތެލުގެ މިންވަރާ އެއްވަރުގެ އަދަދަކަށް އޭޝިޔާގެ ބާޒާރުން ރަޝިޔާ ޖާގަހޯދައިފިއެވެ. 

ތެލުގެ ބާޒާރުގެ ތަޖްރިބާކާރު ވިކްޓަރ ކަޓޯނާ މަޢުލޫމާތު ދެއްވާގޮތުގައި މިއަންނަންފެށި ޑޮލަރުގެ ބަދަލުގައި އޭޝިޔާގެ ގިނަ ގައުމުތަކަކުންމުސްތަގްބަލްގައި ތެލުގެ ބާވަތްތައް ގަތުމުގައި އަގުއަދާކުރުމަށް ޔުއާން ޚިޔާރު ކުރާނެއެވެ. އަދި އެމެރިކާ ޑޮލަރުގެ އަގު ހިފޭއްޓިދާނެ ހުރިހާ ގޮތަކަށް ހުޅަނގުން ފިޔަވަޅު އެޅިޔަސް ޗައިނާއިން އެގައުމުގެ ބާރު ހިނގާ ފައިސާއަކުން ބާޒާރުކުރުން ހުއްޓުވިދާނެކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެކެވެ.

މިދިޔަ އަހަރު ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ މުޢާމަލާތު ތަކުގައި ފެޑެރަލް ރިޒާވުން އެޅި ހަރުކަށިފިޔަވަޅު ތަކުގެ ސަބަބުންނާއި އަދި ތެލުގެ ބާވަތްތަކަށް އަގު އަދާކުރަން އެމެރިކާ ޑޮލަރު ބޭނުންކުރުންނޫންއެހެންގޮތެއް ފެންނަން ނެތުމާއިއެކު އެމެރިކާޑޮލަރު ބޭނުންވާ މިންވަރު އިތުރުވެގެން ދިޔައެވެ. 

މޮޅުކޮށްލަން ވެގެން އެޅި މިފިޔަވަޅު އެންމެފަހުން އަތަށް ގޮވީއެވެ. ޔުއާނުން އަގު އަދާކުރާގޮތަށް ރަޝިޔާއިން ޗައިނާއަށް ތެލުގެ ބާވަތްތައް ވިއްކަން އެއްބަސް ވީއެވެ. މިގޮތަށް ހަމަޖެހުމުން ޑޮލަރު ބޭނުންކޮށްގެން ރަޝިޔާއަށް ދުއްތުރާ ކުރަން ހުޅަނގުގެ ގައުމުތަކުން ކުރި މަސައްކަތުގެތެރެއިން އޭޝިޔާގެ ގައުމުތަކުގައި ޑޮލަރު ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވިދާނެ މަގެއް ހޯދަން ފާރަލަމުން ގެންދިޔަ ޗައިނާއަށް ރަނގަޅު ބައިވެރިއަކުވެސް ލިބުނީއެވެ. އަދި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ފުރުސަތުވެސް ހުޅުވިގެން ދިޔައީއެވެ. ހަމައެހެންމެމެދުއިރުމަތީގެ ގައުމުތަކުން  ޗައިނާއަށް ގަންނަ ހަކަތައާއި ތެލުގެ ބާވަތްތަކަށްވެސް ޔުއާނުން އަގު އަދާކުރުމުގެ މަޝްވަރާތަކަށް މަގު ހުޅުވިގެން ދިޔައީއެވެ.

މި ހުސްވިމަހުގެ ތެރޭގައި ޗައިނާގެ ރައީސް ގަލްފުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ޝެންގހާއި ޕެޓްރޯލިއަމް އެންޑް ނޭޝަނަލް ގޭސް އެކްސްޗޭންޖް ގެތެރެއިން ޔުއާންގެ ބޭނުންކޮށްގެން ހަކަތައިގެ ވިޔަފާރި ކުރިއަށް ގެންދަން ގަލްފުގެ ގައުމުތަކަށް ބާރުއެޅުއްވިއެވެ. އަދި ސަޢޫދީއާއެކު 30 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސް ވުމެއްގައި ސޮއިކުރެއްވިއެވެ.                                                           

ކްރެޑިޓް ސުވީސްގެ ތަޖްރިބާކާރު މުޙައްލިލު ޒޯލްޓަން ޕޮޒްސަރ ދެކިވަޑައިގަންނަވާ ގޮތުގައި ޕެޓްރޯޔުއާން އުފަންވީ އެ ދަތުރު ފުޅުގައެވެ.ހަކަތައިގެ ބާޒާރު ނޫނަސް ޗައިނާގެ ބޮޑެތިކުންފުނި ތަކަކީ ސަރުކާރުންދައްކާ މަގެއްގައި މެނުވީ ޙަރަކާތަތެރިވުން އިޚްތިޔާރު ކުރާނެ ތަންތަނެއް ނޫނެވެ. 

އެހެންވީމާ ކުރިއަށް އޮތްދުވަސް ތަކުގައި އޭޝިޔާގެ ބާޒާރުގައި ޔުއާންގެބޭނުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެންދާނެއެވެ.                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް