ހަރުކަށި ވިސްނުމުގެ ޔަހޫދީ ސަރުކާރާ އިދިކޮޅަށް މަގުމައްޗަށް

Loading

January 9, 2023
profile
Facebook
Twitter
WhatsApp

އިސްރާޢީލްގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫގެ ސަރުކާރަށް ނުރުހުން ފާޅުކުރުމަށްޓަކައި އެތައް ހާސްބަޔަކު ތެލް އަވީވުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ މި ގައުމުގައި ޔަހޫދީންނާއި އަރަބިންނާއި އަދި ތަފާތު ގައުމުތަކަށް ނިސްބަތްކުރެވޭ މީހުންނަށް އެކުވެރިކާމާއި ސުލްޙަވެރިކަމާއި އެކު ދިރިއުޅެވޭނެ މަގުތައް ބަންދު ނުކުރުމަށެވެ. 

ނަތަން ޔާހޫގެ މިސަރުކާރަކީ އިސްރާއީލުގެ ދައުލަތް އުފައްދައިދިނީއްސުރެން ފާއިތުވެގެން މިދާ 74 އަހަރު ދުވަހުގެތެރޭގައި ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު އުފެއްދުނު ފުރަތަމަ ސަރުކާރެވެ. މުޒާހަރާގެ ބައިވެރިން ފާޅުކުރަމުންގެންދާ ޝޫއޫރު ތަކުގެ ތެރޭގައި މި ސަރުކާރާއިއެކު އިސްރާއީލުގައި ތަފާތު ނަސްލުތަކަށް ނިސްބަތްކުރެވޭ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން ގެއްލި ނަފްރަތާއި ރުޅިވެރިކަން އުފެދިގެންދިއުމާއި ގައުމުގެ ޑިމޮކްރެސީ ފުނޑު ފުނޑުވެގެން ދިއުމާއި އަދުލު އިންސާފު މުޅިން ނެތިދިއުމުގެ ބިރުވެރިކަން އިތުރުވެގެން ދާނެކަން ދޭހަވާފަދަ ލިއުންތައްވެސް ހިމެނެއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ތިބީ ވާރޭދުނީގެ ދިދަ ހިފައިގެންނެވެ. 

މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރި ވެފައިވަނީ ޕާރލަމެންޓާއި ކެނެސެޓުގައި ތިބި ލެފްޓް ވިންގުގެ މެމްބަރުންނާއި އަދި އަރަބި ދަރިކޮޅުގެ މެމްބަރުންނެވެ. ޝަރުޢީ ނިޒާމު އިސްލާޙު ކުރައްވާނެ ކަމަށް ވިދާޅުވެ އަލަށް އައްޔަންކުރެވުނު ޖަސްޓިސް މިނިސްޓަ ޔާރިވް ލެވިން ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަށް ރައްދުދީ މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދަނީ އެއީ ސުޕްރީމް ކޯޓުގެ ބާރުކަނޑުވާލަން އޭނާ ރާވާފައިވާ ރޭވުމެއް ކަމުގައެވެ. 

ދެކުނު ތެލްއަވީވުގެ ޔަވްނޭ ސަރަޙާއްދުން މުޒާހަރާގައި ބައިވެރިވި 77 އަހަރުގެ ޑެނީ ސައިމަން ބުނީ އިސްރާއީލު މިދަނީ ބާރުގަދަ އެންމެ މީހެއްގެ މުށުތެރެއަށް ވަންނަމުން ކަމަށާއި އެމީހާ ކޮށްފައިވާ ކުށްތައް އިންސާފުކުރަން ހުރަސް އެޅުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް އޭނާ ކޮށްފާނެ ކަމަށެވެ. ސައިމަން އިޝާރާތް ކުރީ ބޮޑުވަޒީރު ނަތަންޔާހޫއަށެވެ. 

ސްޓޭންޑިން ޓްގެދަރ ގެ ނަމުގައި އިފްތިތާޙު ކޮށްފައިވާ މި މުޒާހަރާގެ ތެރެއިން ރުލާ ދާއޫދު ބުނެފައިވަނީ އަހަރެމެން އަޑަށް ބާރުލާފައި މިގޮވަނީ މި ގައުމުގައި ޔަހޫދީންނާއި އަރަބިންނާއި އަދި ތަފާތު އެހެން ކޮމިޔުނިޓިތަކުގެ އަހުލުވެރިން ސަލާމަތާއި ރައްކާތެރި ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ނަގާ ނުލުމަށާއި ޢަދުލު އިންސާފު ހަމަހަމަ ކަމާއެކު ގާއިމް ކޮށްދިނުމަށެވެ. 

މިގައުމުގައި ދިރިއުޅެމުން ގެންދާ ފަލަސްތީނީން ނާއި ޔަހޫދީންގެ ބައެއް މަޒްހަބުތަކުގެ އަހުލުވެރިންނާއި  އިދިކޮޅަށް ގާނޫނުތައްބަދަލުކުރަން ނަތަންޔަހޫގެ ސަރުކާރުން މަސައްކަތް ކުރާނެކަން އަހަރެމެން ދެނެތިބޫމު ކަމުގައި އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. މި ނަތަން- ޔާހޫ މަރެއްނުވޭތ؟ މަހީކުރީ މި ބަލާވެރިކަން ނިމިއްޖެކަމަށެވެ. ފިރިއައުނު ޢާއިލާދޯ؟

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް