ނިއު ޔޯރކުން އިންޑިއާގެ ނިއުދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓުގައި ރާބޮއި މަސްތުވެގެންހުރި އެމެރިކާގެ މަޝްހޫރު ވެލްސްފާރގޯ ބޭންކުގެ އިންޑިއާ އޮޕަރޭޝަންތަކުގެ ވައިސްޕްރެޒިޑެންޓް ޝަންކަރު މިޝްރާ އެ ޕްލައިޓުން ދަތުރުކުރި 72 އަހަރުގެ އަންހެނަކުގަޔަށް ކުޑަކަމު ދިއުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފިއެވެ.
ވެލްސްފާރގޯ އަކީ މުޢައްޒިފުންގެ އަޚްލާގާއި ސުލޫކީ މިންގަނޑުތަކަށް ވަރަށް ފަރުވާތރިކަމއިާއެކު ފާރަލަމުން ގެންދާ ބޭންކެކެވެ. ވަޒީފާއިން ވަކިކުރުމާއި ބޭހޭ ގޮތުން އެ ބޭންކުން ބުނެފައިވަނީ މިހާދިސާގެ ޝަކުވާއަކީ އެ ބޭންކުން އަޑުއަހަންވެސް ބޭނުންވާ ޒާތުގެ ކަމެއް ނޫންކަމުގައެވެ. އަދި އެ މައްސަލަ ތަޙްގީގުކުރަމުން ގެންދާ ސަރުކާރުގެ މުއައްސަސާތަކަށް ބޭންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައެވެ.

އެއަރލައިންގެ ފަރާތުން ޖިނާއީ ތަޙްގީގަށް އެމައްސަލަ ހުށައަޅާފައި ވާއިރު ޝަންކަރު މިޝްރާ އުޅެނީ ފިލައިގެންކަމަށް ޚަބަރުތަކުން އެނގެއެވެ. އެހެންނަމަވެސް ފުލުހުން އޭނާގެ ޢާއިލާއާއި ގުޅަމުން ގެންދާކަމަށް ވެއެވެ.
މިޝްރާގެ ގާނޫނީ ވަކީލުން ބުނަނީ އެ މައްސަލައިގާ އަންހެންމީހާއަށް ބަދަލުދީ އެވަގުތުން ވަގުތަށް މައްސަލަ އޮތީ ނިންމާފައި ކަމުގައެވެ.
އިންޑިއާ ޓުޑޭ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަދުވަހު ޝަންކަރު މިޝްރާ އެ އަންހެންމީހާގެ ހެދުންތަކާއި ދަބަސް ދޮންނަ މަންޒަރުތަކާއި އަދި ނޮވެމްބަރު 30 ވަނަ ދުވަހު އެތަކެތި އަނބުރާ ރައްދުކޮށްދިނުން ފެނިގެންދާ މަންޒަރުތަކެއް ވަޓްސްއެޕް ގައި ވަނީ ދައުރު ވެފައެވެ.
އެއަރ އިންޑިއާ އަކީ މިހާރު ޓާޓާ ކުންފުނީގެ އެއަރ ލައިނެކެވެ. ފްލައިޓުގެ ތެރޭގައި އަންހެންމީހާ ގަޔަށް ކުޑަކަމު ދިޔަ މައްސަލަ އިންޑިއާ ސިވިލް އޭވިއޭޝަނަށް ނާންގާ އޮތުމުގެ ސަބަބުން ޓާޓާ ކުންފުނި އޮތީ ހޫނުފެނަށް ވެއްޓިފައެވެ.
އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ވިދާޅުވެފައިވަނީ މިއީ އެއަރލައިންގައި މަސައްކަތް ކުރަންތިބި މީހުންގެ ތަންދޮރު ނުފިލާކަމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމުގައެވެ.