ޖެހިގެން އަންނަ ހަފްތާގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ އަންވަރ އިބްރާހީމްގެ އިތުބާރު އޮތް މިންވަރު ބެލުމަށް ވޯޓު ނެގުން ތާވަލް ކުރެވިފައިވަނިކޮށް މެލޭޝިޔާގެ ކުދި ސިޔާސީ ޕާރޓީތަކާއި އެކުވެސް މިދިޔަ ހުކުރުދުވަހު ގައުމުގެ އެއްބައި ވަންތަކަން ދެމެހެއްޓުމަށްޓަކައި އަޙުދުނާމާއެއްގައި ސޮއި ކުރައްވައިފިއެވެ.
އަންވަރު ވިދާޅުވީ ޕާލަމެންޓުގައި އަހަރެންގެ އިތުބާރު އޮތް މިންވަރު ހާމަކޮށްދިނުމަށާއި މުޙުޔިއްދީނުގެ ޝައްކުތައް ފިލުވާ ދިނުމަށްޓަކައި ޖެހިގެން އަންނަ ހަފްތާގެ ހޯމަ ދުވަހު ޕާލަމެންޓުގައި ވޯޓުނެގުން ބާއްވާދެއްވާނޭ ކަމަށެވެ.
އަންވަރު އިބްރާހީމަކީ 2020 ވަނައަހަރުން ފެށިގެން މެލޭޝިޔާއަށް ގެނެވުނު 4 ވަނަ ބޮޑުވަޒީރެވެ. މީގެ ކުރީގެ 2 ބޮޑު ވަޒީރުންގެ ސަރުކާރު ނިމިގެން ގޮސްފައިވަނީ މެލޭޝިޔާގައި އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައެވެ. ޕާރޓީއެއްގެ ޓިކެޓުގައި ޕާލަމެންޓަށް ހޮވުމަށްފަހު އެހެން ޕާރޓީ އަކަށް ބަދަލު ވުމަކީ މެލޭޝިޔާގެ ގާނޫނުން މިހާރު މަނާ ކޮށްފައިވާ ކަމެކެވެ.
މެލޭޝިޔާއިން އެ ގާނޫނު ފާސްކުރީ މިއަހަރުގައެވެ. އެހެންނަމަވެސް ސިޔާސީ ޕާރޓީ އެއް އެކުގައި އަނެއް ސިޔާސީ ޕާރޓީ އަކަށް ތާއީދުކުރުމާއި ބައިވެރި ވުމަކީ މަނާކަމެއް ނޫނެވެ. އަންވަރު ވިދާޅުވީ ސިޔާސީ ޕާރޓީ ތަކުން މިގޮތަށް އަޙުދު ނާމާއެއްގައި ސޮއިކުރަން ޖެހުނީ ފާއިތުވެގެންދިޔަ އަހަރުތަކުގައި މެލޭޝިޔާގެ އެންމެހާ ކަންތައް ބޮއްސުންލައިގެންގޮސް ގައުމުގެ ތަރައްގީއާއި ކުރިއެރުން އިނދަޖެހިގެން ދިއުމުން މި ގައުމު އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ދެމެހެއްޓުމާއިއެކު މެލޭ ދަރިކޮޅުގެ އާދަކާދަތަކާއި ޙައްގުތަކައްވެސް ޙުރުމަތްތެރި ކުރުމާއި އާންމުގޮތެއްގައި މުޅި ރައްޔިތުންގެ ޙައްގުތައް ރައްކާތެރި ކުރުމަށާއި ގައުމުގެ އިގްތިސާދާއި ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ސަރުކާރުގެ ހިންގުން ބިނާކުރުމަށްޓަކައި މިހާރު ފެންނަންއޮތް އެންމެ ރަނގަޅު ރާސްތާއަކީ މިއީ ކަމުގައި އަހަރެމެންނަށް އެއްބަސްވެވޭތީއެވެ.
މި މައުޟޫއުގައި އަހަރެމެންގެ ޚިޔާލުތަފާތުވުން ތަކާމެދު މިނިވަން ކަމާއެކު ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ. އަހަރެމެން އެއްވެސް ބަޔަކަށް އަޣްލަބިއްޔަތު ލިބިފައި ނެތްކަން ގަބޫލުކުރުމާއިއެކު ދެބަސްވެވޭ މަދު ކަންތައްތައް މަޝަވާރާކޮށް ޙައްލުހޯދުމަށާއި އެއްބަސްވެވޭ ގިނަ ކަނަތަކަށް އަވަސް ޙައްލު ހޯދައި ނަތީޖާނެރުމަށް އެއްބަސްވުމަކަށް އާދެވުނީއެވެ.
ވަކިން ޚާއްސަގ ޮތެއްގައި މީގެކުރީގެ ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ދީފައިނުވާ އިރުމަތީ މެލޭޝިޔާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމަށް ދެން އިޙުމާލު ވެވެން ނެތްކަމަށްވެސް އެއްބަސް ވެވުނުކަމަށެވެ. އަދި އިރުމަތީ މެލޭޝިޔާގެ ސަބާހް އާއި ސަރަވަކް އަދި ބޯރނިއޯ ޖަޒީރާގެ ތަރައްގީއަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި އަންވަރު ވަޢުދުވެ ވަޑައިގެންނެވިއެވެ.