ތެލުގެ ބޭނުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ އެރޭބިއާއަށް އާދޭސްކުރަމުން ގެންދާތާ 2 މަސްދުވަސްފަހުން ޗައިނާގެ ރައީސަށްސަޢޫދީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.
އިއްޔެއިން ފެށިގެން ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާއަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި އަދި ގަލްފުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއިއެކު ބައްދަލު ކުރައްވާނެކަމަށާއި އެބައްދަލުވުން ތަކުގައި 30 ބިލިއަން އެމެރިކާ ޑޮލަރުގެ ހަކަތައާއި ވަސީލަތްތައް ގާއިމުކުރުމުގެ އެއްބަސްވުމެއް ކުރެވޭނެކަމަށް ސަޢޫދީ އެރޭބިޔާ އިން ބުނެފިއެވެ.
މި ބައްދަލުވުން ތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދު ޗައިނާގެ ފުޅަފުން ބޭރަށް ގެންދަން ރައީސް ޒީ ކުރައްވާ މަސައްކަތަށް މަގުފަހިވެގެންދިއުމާއިއެކު ގަލްފުގައި ސައޫދީއާއި ޗައިނާގެ ގުޅުން އިތރުވެގެންދާ މިންވަރު ހާމަކޮށް ދިނުމުގެ ފުރުސަތު ރައީސް ޒީ އަށާއި ވަލީ އަޙުދު މުޙައްމަދަށް ފަހިވެގެން ދާނެއެވެ.
ޗައިނާގެ ނޫސްތަކުން ރައީސް ޒީ ގެ ދަތުރުފުޅު ސިފަކުރަނީ ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިގްތިސާދުން ސައޫދީގެ ރަސްކަމުގައި އަލުން ކޮލިލުން ކަމަށެވެ. އަދި ހަމައެއާއެކު ސަޢޫދީ އާއި އެމެރިކާގެ ގުޅުން ގެނބިގެންދާ މިންވަރުވެސް ހާމަވެގެން ދާނެކަމަށެވެ.
ރައީސް ޒީ ރިޔާޒަށް މި ވަޑައިގަންނަވަނީ ކޮވިޑްގެ ބަލިމަޑުކަމަށް ޗައިނާއިން އެކަށައަޅާފައިވާ ހަރުކަށި ޒީރޯ ޓޮލެރެންސް އިން ދުރަށް ޖެހިލެވިދާނެކަމުގެ ނިޝާން ތަކެއްވެސް ފެނިގެންދިޔަ ދުވަހެއްގައެވެ. ކޮވިޑްގެ ބަލިމަޑުކަމާއިގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން ޗައިނާގައި ގެންދަނީ ހަމަނުޖެހުންތަކެއްވެސް ހިންގަމުންނެވެ. އަދި އެންމެފަހުގެ ޚަބަރު ބުނާގޮތުގައި ކޮވިޑް ރެސްޓްރިކްޝަން މިހާރުވަނީ މުޅީން ދޫކޮށްލަން ނިންމަވާފައެވެ.
ސަޢޫދީ އާއި ޗައިނާގެ މި ބައްދަލުވުމާއި ގުޅޭގޮތުން ސައޫދީ ނިއޯމް މެގަ ޕްރޮޖެކްޓުގެ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރުކަންވެސް ކުރައްވާ ޢަލީ ޝިހާބީ ވިދާޅުވީ މިއީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތުގެ ތާޖު އެޅުވުން ކަމަށާއި އަދި އެމެރިކާއިން ކިތަންމެ ކަންބޮޑުވިޔަސް މި ވަރުގަދަ ގުޅުން ދެން ހީނަރު ނުކުރެވޭނެ ކަމަށެވެ.
ރައީސް ޒީ ފުރާވަޑައިގަތުމުގެ ކުރިން އިއްޔެ ޗައިނާގެ ޚާރިޖީ އޮފީހުގެ ސްޕޯކްސް ޕަރސަން މާއޯ ނިންގް ވިދާޅުވީ މިއީ ދުނިޔެ ދަތިއުނދަގޫ ޙާލަތަކަށް ވެއްޓިގެންދާ މިވަގުތުގައި އެކުވެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި ކުރިއްސުރެން ރޭވިފައިވާ ގޮތަށް ހަމަޖެހުނު ބައްދަލުވުމެއް ކަމުގައެވެ.
އަދި މިއީ ޗައިނާއާއި ޢަަރަބީންގެ އެކުވެރިކަން ފުރިހަމައަށް ދަލީލުކުރެވޭނެ ބައްދަލުވުމެއް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީއްސުރެން އަރަބި ދުނިޔެއާއެކު އެންމެ ފުޅާ ދާއިރާއެއްގައި ތަޢާރުފްކުރެވޭ ސިޔާސީ ޙަރަކާތް ކަމުގައެވެ.
އެމެރިކާއާއި ސަޢޫދީގެ އެކުވެރިކަމުގައި ފަހަކަށްއައިސް ރެނދުލައި ފަޅަފަޅައިގެން ހިގައްޖެއޭ ބުނުމަކީ ހަގިގަތެވެ. ރަޝިޔާއާއި ބައިވެރިވެގެން ސަޢޫދީން ތެޔޮ އުފައްދާ މިންވަރު ދަށްކުރަނީކަމަށް ބުނެ މިދިޔަ އޮކްޓޯބަރު މަހު ރައީސް ބައިޑަން ސަޢޫދީއާ ދިމާލަށް އިނގިލި ދިއްކުރުމާއި އަދި އެކަމުގެ ހިތިރަހަ ދައްކާލާނަމޭ ވިދާޅުވުމުން އޭރުވެސް ނުތަނަވަސްކަން އުފެދިގެންދިޔަ ގުޅުން މާބޮޑަށް ގޯސްވެގެންދިޔަ ސަބަބަކަށް ވިއެވެ.
އެމެރިކާއަކީ ސަޢޫދީގެ ވިޔަފާރީގައި އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ދިހަވަރަކަށް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް މިހާރު މިފެންނަނީ ޗައިނާއިން ސާޅަނގަ އަކުން ދުއްވާލި އުންޑައެއްގެ ދުވެލީގައިގޮސް އެމެރިކާގެ ވިޔަފާރި ފިނިހަކުގެ ދުވެއްޔަށް ވައްޓާލިތަނެވެ. 2012 ވަނައަހަރު އެމެރިކާއިން 76 ބިލިއަން އެމެރިކާޑޮލަރުގެ ވިޔަފާރި ސަޢޫދީ އާއިއެކު ކުރިނަމަވެސް މިދިޔަ އަހަރު އެވިޔަފާރީގެ ޖުމުލަ އަކީ އެންމެ 29 ބިލިއަން ޑޮލަރެވެ.
އެމެރިކާއިން ކަޅުލިސްޓަށް ލާފައިވާ ޗައިނާގެ ވޫވޭ ޓެކްނޯލޮޖީސް ކޮމްޕެނީގެ ގިނަ ޙަރަކާތްތަކެއް މެދިއިރުމަތީގައި ހިނގަމުން ފާއިތުވެގެން މިދާ ހައެއްކަ މަސްދުވަހުގެ ތެރޭގައި ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި އިލެކްޓްރިކް ޓްރާންސްމިޝަން ފޯރުކޮށް ދިނުންފަދަ މުހިންމު ޕްރޮޖެކްޓްތައްވެސް ހިމެނެއެވެ. އަދި ޗައިނާގެ ބެލްޓްރޯޑް އިނިޝިއޭޓިވް އާއި ސަޢޫދީގެ 2030 ގެ މަޝްރޫއުގައި ދެގައުމު އެކުއެކުގައި ފިޔަވަޅު އަޅަމުން ދިއުމާމެދު އެއްބަސްވުމަކަށްވެސް އާދެވޭނެއެވެ.
އެމިރޭޓްސްގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގ ޔިމިންގ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ޗައިނާއާއެކު ގަލްފުގެ 6 ގައުމުން ގާއިމްކުރާ ފްރީ ޓްރޭޑްގެ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައެވެ. ހަމަ އެހެންމެ އީރާންއާއި އެކު ޗައިނާ ވަނީ ވަރަށް ގާތް ގުޅުމެއްވެސް އުފަށްދާފައެވެ.
އަރފަބިދުނިޔެއާއި ޗައިނާގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން
ކުވޭތުގައި ހުންނަވާފައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ކައުންސެލަރ ޑެރެކް ޗޯލެޓް ވިދާޅުވީ އަރަބި ދުނިޔެއިން ޚިޔާރުކުރާނީ އެމެރިކާ ނުވަތަ ޗައިނާ ތޯ އަހާކަށް އެމެރިކާ ބޭނުމެއް ނުވެއެވެ. އެމެރިކާއިން ބުނަން ބޭނުންވާ އެއްޗަކީ ތިޔަ ކުރެވޭ ކަންތަކާމެދު ވިސްނައިގެން ތިބުމެވެ.
2 Responses
ޕެޓްރޯ ޑޮލަރ މަރުވަނީއެވެ. ދެން ވިސްނައިގެން ތިބޭށެވެ. ބޮޑު ކަމެއް ދިމާވާނެއެވެ. އެމެރިކާ ހިމޭނަކުން ނޯވެވޭނެއެވެ. ކޮންމެވެސް ޓެރެރިސްޓް ހަނގުރާމައެއް އިތުރަށް ޖައްސާނެކަމަށް ފެނެއެވެ.
ކައުންސެލަރ އެ ވިދާޅުވި އެއްޗަކާމެދު ވިސްނާ ފިކުރުކުރުން މާ ބުއްދިވެރިއެވެ.