ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަސްއަހަރުގެ ވާހަކަ ދައްކަމުން އައިސް އައުކޯލިޝަނެއް އުފެދުނުއިރު ރާއްޖޭގައި މިހާރުވެސް ނަގައި ކިޔަންތިއްބެވި ސިޔާސީ ބޭފުޅުންގެ ގިނަބަޔަކު ތިއްބެވީ ގައުމުން ބޭރުގައެވެ. ޑިމޮކްރެސީގެ ހަމަ ގެއްލިފައިވާ ވެރިކަމެއް ކުރެއްވުމުގައި ޔާމީންހުންނެވީ ދަމައި އެއްރޮއްޖަކަށް ފޫގަޅުއްވައިގެންނޭ ވިދާޅުވެ، ދިއްކުރެވުނު އިގިލިތައް ވަރަށް ގިނައެވެ. ތާހިރުވެރިކަމެއް ގައުމުގައި އަލުން ގާއިމްކުރުމަށްލީ ބާރާއެކު، ވެރިކަން އެއްއަތުން އަނެއްއަތަށް ފުރޮޅުނެވެ. ކުޅިވަރުގެ ދަނޑުތައް ފުރާލަދެއްވާނޭ ކަމުގެ ވަޢުދުވެސް ޝާމިލްވާގޮތަށް ކުރެއްވި ގިނަވަޢުދުތަކާއެކު ގައުމީ ސްޓޭޑިއަމްގައި، ފުރިބާރުވެފައިވާ ރައްޔިތުންގެ ކުރިމަތީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ދަރުބާރު ފެށުނު ޙަފުލާ ވަރަށް އުފާވެރިއެވެ.
ނަމަވެސް މަތިބަރު ސަރުކާރެއްގެ ކެބިނެޓް އިޢުލާން ކުރެވިގެން ދިއުމާއެކު ހިތްތަކަށް ގެނުވީ އުދާސްކަމެވެ. ކަރަޕްޝަންއަށް ނޫނެކޭ ބުނަން އައި ސަރުކާރުގެ މަލަމަތިން ފެނިގެންދިޔައީ ރައްޔިތުން ކުރި އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭކަހަލަ މަންޒަރެއް ނޫނޭ ބައެއްމީހުން އޭރުވެސްބުނަމުން ގެންދިޔައެވެ. މީހަމައެކަނި ޚިޔާލު ތަފާތުވުމެއް ނޫންކަން އެގިގެން ދިޔައީ ރައްޔިތުން މަޖިލީހަށް ހޮވެން ވާދަވެރިންނާއި ކޯލިޝަނުގައި ހިމެނުނު ފަރާތްތަކުން ވަރުގަދައަށް ޖެއްސި ކެމްޕޭންގެ ތެރެއިންނެވެ. ނަތީޖާއަކީ ސްޕަރ މެޖޯރިޓީއެއް، އެމްޑީޕީ އިން ހޯދައި ފަސްއަހަރު ނިމެންދެން ކޯލިޝަން ނުރޫޅި އޮވެދާނެކަމުގެ ޔަގީންކަން ކުޑަވެއްޖެކަމަށް ބެލެވޭނެ ޖާގަ ސިޔާސީ ވިސްނުމުގައި ވަކިހިއްޕައިލުމެވެ. އެޔާއެކު އިދިކޮޅު ކުޑަދުވަސްކޮޅަކަށް މާޔޫސްވެގެން ދިޔަކަމަށް ބެލެވުނެވެ.
ރައީސް ޞާލިހްގެ ޔޫތް މިނިސްޓަރ ގޭގައި މަޑުކޮށްލައްވަން އެންގެވީ އެމް.އެމް.ޕީ.އާރް.ސީ ގެ ބޮޑު ޚިޔާނާތުގެ ފައިސާ ދައުރުވެގެންއައި އިރު އެމިނިސްޓަރގެ މަސްލަޙަތު ހިމެނޭކަމަށް ބެލެވޭ އެކައުންޓެއްގެ މައްސަލަ ފެންމަތިވުމުންނެވެ. އޭގެފަހުންވެސް އެކިވަރުގެ މުލާޒިމުންނާއި މެދު ކަރަޕްޝަންގެ ތުޙުމަތުތައް ދިޔައީ ކުރެވެމުންނެވެ. ނަމަވެސް ބަރުހެލި ސަރުކާރުގެ ދޫމަޅިއެއްގެ ތެރެއިން ބޯދަމައިގަނެގެން ފިލާރައްކާވާލެއްވީ ހީނުކުރާހައިމޮޅަށެވެ.
މިސަކަރާތެއް ފެށުުނުތަނާހެން މުޅިދުނިޔެ އެ ވަބާއެއްގައި ޖެހުނު ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. އިގްތިސާދަށް އައި ބޮޑުލޮޅުމާއެކު އުންމީދު ކުރަމުންއައި ނަޔާ ދަތުރުގައި ފެތުރެމުން ފަރުދާ ވަމުންއައި ކަޅުސާލެއް ލެވުނުކަހަލައެވެ. ކޯލިޝަނާހެދި ސްޕަމެޖޯރިޓީގެ އަޑު ގަދަވިވަގުތު ހިހޫތަނުން ކޭންބެއްލެވުމަށް ކޭމަށްއެރުއްވި ބޭކަލުންނަށާ ކަނބަލުންނަށް ކަންޖޭ ގޮވައިލި ކަހަލައެވެ. އެބަޔަކަށް ޖެހުނު ހިސާބަކުން ކޮވިޑް ކޮންޓްރޯލްކުރުމުގެ ދިދަ ހިފައިގެން ނުކުމެ ދައުލަތުގެ ބަޖެޓް އަޑިއަޅުވާލިއިރު ސުޕަރމެޖޯރިޓީ އޮތީ އޮތްތާނގައެވެ. ވަޒީރުން ހޫނު ފެނުލައިގެންވެސް ކުރެވުނު ކަމެއް ރައްޔިތުން މާގަޔަކާނުވިއެވެ. އެހެންވެ، އެޗް.ޕީ.އޭ އިން ނުބާނެ އެއްޗަކަށް ބެލުމެއްނެތި އުތުރިގަތީއެވެ. ބައެއްމީހުން ބުނަނީ އެހާ އެހާއެއް ނޫނެވެ. އެއީ ކޮންވާހަކައެއްތޯ އެހީމަ ބުނަނީ އިންސާފުނެތިގެން އުޅުނު މީހުންނަށް އިންސާފުގެ ތިލަފަތް ދިނީމާވެސް އޭގެވަޒަން ހަމަކުރަން ނޭގުނީމާ އެއީ ބާރުވެރިކަން ހޯދުމަށް ދެއްކި ވާހަކަތަކެކެވެ. ތިމާމެންގެ މަސްލަޙަތު އެބުނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޖެހިލުންވާނަމަ އެހާ އެހާއެއް ނޫނެވެ. ކުރީގެ ރައީސް ޔާމީނު އޭނާގެ ”ކަނާއަތާއި، ވާއަތް“ އިންސާފުގެ ކުރިމައްޗަށް ގެނައި ގެނައުން ހާދަ ހާދަހާ އެވެ.
One Response
ރައީސް ކުރެއްވި ހުވަޔާއި އެއްގޮތަށް ރައީސްކަން ކުރުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ. އަމީން.
މިވަމުން ދާގޮތް ގާތުން ބެއްލެވުން ވެސް އެދެމެވެ. އެހެނީ މި ސަރުކާރު ފެއިލްވެއްޖެނަމަ ސޯލިޙު ސަރުކާރެއްގެ ނިމުން އައީއެވެ. ދެން ސޯލިޙު ސަރުކާރެއް އައުމަށްވެސް ސިލްޖެހި ނާ މުމްކިން ވީއެވެ.