މިގައުމު ބިނާކުރުމުގައި އަވަށްޓެރިންގެ ތަޖްރިބާވެސް ބޭނުން

Loading

Facebook
Twitter
WhatsApp

އަވަށްޓެރި އިންޑިއާއަކީ އަޅުގަނޑުމެން ދަތުރުކުރަން ބޭނުންވާ ޑިމޮކްރެސީގެ ނަމޫނާއެކޭ ބުނެވިދާނެއެވެ. ނަމޫނާއެކޭ މި ބުނީ އޭގައި ރަނގަޅު ގޮތްތަކަކާއި ނުރަނގަޅު ގޮތްތަކެއްވެސް ހިމެނިފައި ވާތީއެވެ. 

ނުރަނގަޅ ުކަމަށްބެލެވޭ ކަންތައްތައް ދޫކޮށްލާފައި ރަނގަޅު ކަންތަކުން ފިލާވަޅު ލިބިގަތުން ބޭނުމެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ އިސްސަފުގައި އޮންނަން ޖެހޭ ގައުމެކެވެ. އާބާދީގެ ގޮތުން މުޅިދުނިޔޭން ދެވަނަ އެވެ. ތަޢުލީމާއި ތަފާތު ހުނަރުގެ ތަޖްރިބާކާރުންގެ ނިސްބަތުން މުޅި ދުނިޔޭން އެއްވަނައޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ބިމުގެ މުއްސަނދި ކަންވެސް އުޅޭނީ ދުނިޔޭގެ އެންމެ މުއްސަނދި ދިހަ ގައުމުގެތެރޭގައެވެ. ތަރައްގީގެ މަގުގައި ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވެވޭނެ ހުރިހާ ވަސީލަތެއް ވަނީ ލިބިފައެވެ. 

އެކަމަކުވެސް ދުނިޔޭގެ އެއްވަނަ މަގާމަށް ނުދެވިފައި އެ އޮތީ ކީއްވެގެންތޯ ބަހުސް ކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އެ މަގާމު އިންޑިއާއަށް ލިބުމަކީ އެދޭވޭގޮތެވެ. އަޅުގަނޑުމެން މިހާރު ވިސްނާ ފިކުރުކުރަން ޖެހެނީ އިންޑިއާގެ މަސްރަހުން ރަނގަޅު ފިލާވަޅުތަކެއް ލިބިގަތުމަށް ކަމުގައި ދެކެމެވެ.                                                                         

1947 ވަނައަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު ދެކުނު އިންޑިއާ ކަމުގައި ބެލެވޭ ޓެމިލް ނާޑު އާއި ކެރެލާއާއި ކަރްނާޓަކާއާއި  އަދި އަންދުރަޕްރަދޭޝްގެ (އަދި މިހާރުގެ ތެލަންގާނާ ސްޓޭޓާއެކު) އާބާދީއަކީ އެ ގައުމުގެ  ފަންސަވީސް އިން ސައްތަ އެވެ. އަދި އާންމުގޮތެއްގައި އެ ޝަހަރުތަކަށް ނިސްބަތްކުރެވޭ ރައްޔިތުންނަކީ މެދުފަންތީ އާއި ފަގީރުން ކަމުގައިވަނީ ބެލެވިފައެވެ. 

މިޙާލަތުން އަރައިގަތުމަށްޓަކައި ދެކުނު އިންޑިއާއަށް ސިސްބަތްކުރެވޭ ސްޓޭޓް ތަކުން ވަރަށް ބުރަ މަސައްކަތްތަކެއް  ކުރަންޖެހުނެވެ. އަދި ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި 1980 ވަނައަހަރުގެ ފަހުން އާ ހިތްވަރަކާއެކު މަސައްކަތްކުރަން ފެށިއެވެ. ވަކި މީހެއްގެ އިސްނެގުމަކުންވެސް ނޫނެވެ. ކޮންމެ ޝަހަރެއްގައިވެސް ހިންގަމުން ގެންދިޔައީ އެބައެއްގެ އަމިއްލަ ވަންތަކަމެވެ. 

އަމިއްލަ ވިސްނުމާއި ފިކުރެވެ. އަމިއްލަ އާދަކާދައިގެ މައްޗަށް ބިނާކޮށް ތަންފީޒުކުރެވެމުންދިޔަ އުސޫލުތަކެވެ. ބައެއްފަހަރު ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް ރައްޔިތުންގެ އަޒުމަކަށް ވެފާއޮތީ ހުޅުވިފާއޮތް ޑިމޮކްރެސީގެ ފުރުސަތުތައް ކާމިޔާބުކުރުމެވެ.                   

އިންޑިއާގައި އާބާދީއާއި ތަޢުލީމާއި ސިއްޙަތާއި އަދި ތަރައްގީ އާބެހޭ މަޢުލޫމާތު އެއްކުރުމުގައި މަސައްކަތް ކުރަމުން އަންނަ ނީލަކަންޓަންގެ ހޯދުންތަކުން ޚާއްސަ ކަންތައްތަކެއް ފާހަގަކުރެވިގެން ހިނގައްޖެކަމަށް އޭނާ ބުނެފައިވެއެވެ. އެންމެފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކޮށްފައިވަނީ އިންޑިއާގެ އުތުރުގެ ސްޓޭޓް ތަކަށްވުރެން ދެކުނުގެ ފަސް ސްޓޭޓްގައި ދަރިމައިވުން މަދުކަމެވެ. އަދި އިންޑިއާގެ އެހެން ޝަހަރު ތަކަށްވުރެން ދެކުނު އިންޑިއާގެ ޝަހަރު ތަކުގައި ދަރިމައި ވުމުގައި މަރުވާ އަންހެނުންގެ ނިސްބަތް ވަރަށް މަދު ވެފައި އަދި ޅަދަރިންނަށް ދެވޭ ކާނާއާއި ސިއްޙީ އަޅާލުންވެސް މާބޮޑަށް ރަނގަޅު ކަމުގައެވެ. އަދި ގިނަ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތައްވެސް ދެވޭނެ ގޮތް ދެކުނުގެ ސްޓޭޓްތަކުގައި މާ ރަނގަޅަށް އިންތިޒާމް ކުރެވި އަދި އެގޮތަށް ކަންތައް ކުރެވެމުން ދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ ސަލާމަތް ސިއްޙަތެއްގައި އެކުދިންގެ 5 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ. 

ހަމައެފަދައިން ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ސިއްޙީ އެހީތެރިކަންވެސް މާފަސޭހައިން ލިބޭނެގޮތަށް ހަމަޖެހިފައި ހުރުމުގެ ސަބަބުން އެކުދިން ގިނަދުވަހު ދިރިހުރުމުގެ ފުރުސަތުވެސް ލިބިފައި އޮވެއެވެ. އަދި ދަނޑުވެރި ކަމުގައި އުމުރުގެ ދުވަސްތައް ހޭދަކުރުމުގެ ބަދަލުގައި މަތީ ތަޢުލީމުގެ ފުރުސަތުވެސް ތަނަވަސް ވެފައިހުރުމުގެ ސަބަބުން ދިރިއުޅުމަކާއި ކުރިމަތިލާން ޖެހޭއިރު ރަނގަޅު މުސާރަލިބޭ އެހެން ވަޒީފާތަކުގެ ފުރުސަތުވެސް މާގިނައެވެ.                                                    

ދެކުނުގެ ފަސް ސްޓޭޓްގެ ރައްޔިތުންގެ މެދުގައިވެސް މިކަހަލަ ވިސްނުމެއް ގެންގުޅުމުގެ ނަތީޖާ ފެނިގެންދަނީ ދިރިއުޅުމުގެ މައިދާނުގައިވެސް ގިނަ ދަރިންތަކެއް ހޯދުމުގެ ބަދަލުގައި ރަނގަޅު ސިއްޙަތެއްގައި ގެންގުޅެވި އަދި ރަނގަޅު ތައުލީމެއްފޯރުކޮށް ދެވިދާނެ އަދަދަކަށް ދަރިން ހޯދުމުގެ އާދައެއް އަށަގެންފައި ހުރުމެވެ.

އެ ދަރިންނަކީ ރަނގަޅު ސިއްޙަތެއްގައި ބޮޑުކުރެވިފައިވާ ތަޢުލީމީ ދަރިންނަށް ވުމުގެ ސަބަބުން ސިޔާސީ މައިދާނުގައިވެސް  އެ ދަރިންގެ ޙައިސިއްޔަތު އުފުލިގެން ދާނެތީއެވެ. ޚުލާސާގޮތެއްގައި ބުނާނަމަ ދެކުނު އިންޑިއާގެ ފަސް ސްޓޭޓުގައި އުފަންވާ ދަރިންނަކީ ސިއްޙީ ވަސީލަތްތަކާއި ތަނަވަސްކަމާއި ރައްކާތެރިކަން ލިބިފައިވުމުގެ އިތުރުން އިޖްތިމާއީ ގިނަ ފުރުސަތު ތަކަކަށް ހުޅުވާލެވިފައިވާ ވެއްޓެއްގައި ބޮޑެތިވަމުން އަންނަ ދަރިން ތަކެއ ްކަމުގައި ވަނީ ބެލެވިފައެވެ. މިސާލެއްގެ ގޮތުން ބުނާނަމަ އުތުރު އިންޑިއާގެ ސްޓޭޓްތައް ދެކުނުގެ ސްޓޭޓްތަކަށް އަޅާކިޔާއިރު އެފްރިކާގެ ސަބް ސަހާރާއާއި ޔޫރަޕްގެ ގައުމު ތަފާތު ފެންނަން ހުރެއޭ ބުނެވިދާނެއެވެ.                                       

އިންޑިއާގެ ޝަހަރުތަކަށް ބަލާއިރު ސްކޫލްތަކުގައި ދަރިވަރުންނަށް ސަރުކާރުން ހިލޭ މެންދުރުގެ ކެއުން ދޭން އެންމެފުރަތަމަ ފެށީ ޓެމިލްނާޑޫގައެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މުޅި އިންޑިއާގައިވެސް އެންމެ ގިނަ ކުދިން ސްކޫލަށް ދަނީ ޓެމިލްނާޑޫގައެވެ. 

ލިބެންހުރި މަޢުލޫމާތު ތަކަށް ބަލާއިރު ދެކުނު އިންޑިއާގެ ޝަހަރުތައް އުޅެނީ  ސިއްޙަތާއި ތަޢުލީމާއި އަދި އިގްތިސާދީގޮތުން އިންޑިއާގެ އެހެން ޝަހަރު ތަކަށްވުރެން މާކުރީގައެވެ. މިހެންވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟                                  

ކެރެލާއަށް ބަލާއިރު ނޯބެލް އިނާމު އިކޮނޮމިކްސް އިން ލިބިވަޑައިގެންފައިވާ އަމަރްތާޔާ ސެން ސިޔާސީ ނުފޫޒުގެ ބޭނުންވެސް ކުރައްވައިގެން އެ ސަރަހައްދުގެ އާދަކާދައަށް ފެތޭގޮތަށް ސިއްޙީ ތަޢުލީމު ދިނުމުގެ ނިޒާމެއް ވަނީ ގާއިމް ކުރައްވާފައެވެ. އަދި ޕްރޭނާ ސިނގްހ ފަދަ ބޭފުޅުން ވަނީ ސަރަހައްދީ އައިޑެންޓިޓީއެއް އަށަގަންނުވާ ފައެވެ.                            

ދެކުނުގެ ޝަހަރު ތަކުގައި ކާމިޔާބީ ތަކެއް  ޙާސިލު ކުރެވިފައިވީ ނަމަވެސް އާބާދީ އިތުރުވުން ކުޑަވުމުން ދިމާވާ މައްސަލަ ތަކަށްވެސް އަލިއަޅުވާލަން ޖެހެއެވެ. އެންމެ ބޮޑަށް ފާހަގަ ކުރަންޖެހެނީ އެސަރަހައްދު ތަކުގެ އާބާދީ މަދުވުމުގެ ސަބަބުން ޓެކްސް ނަގަންޖެހޭ މިންވަރު އިތުރު ކުރަން ޖެހުމާއި އަދި އާބާދީގެ ނިސްބަތުން މައިސަރުކާރުން ލިބެންޖެހޭ ޓެކްސްގެ ޙިއްސާ މަދުވުމަކީ މައްސަލައެވެ. އަދި އަލަށް ތަޢާރުފް ކުރެވުނު ޓެކްސްގެ ނިޒާމުން މިކަންތައް އަދި މާބޮޑަށް ގޯސްވުމެއެވެ.                        

ކުރީގައި ޓެކްސްނިޒާމް އޮންނަގޮތުން ކޮންމެ ސަރަހައްދީ ސަރުކާރަކުންވެސް އެތެރޭގެ ބައެއް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ނުސީދާ ކޮށް ބައެއް ޓެކްސް ނެގުމުގެ ހުއްދަ އޮވެއެވެ. މިގޮތުން ލިބޭފައިސާއިން ސްކޫލްތަކުގެ މެންދުރު ކެއުން ފަދަ ކަންތައްތަކަށް ޚަރަދު ކުރެވެއެވެ. 

ނަމަވެސް މިހާރު މުޅި އިންޑިއާ އެކުލެވޭގޮތަށް ޖީ. އެސް. ޓީ. ގެ ނިޒާމެއް އެކުލަވާލުމުން މައިސަރުކާރުން ދޭ ޙިއްސާ އަކުން ފުއްދުން ނޫން އެހެންގޮތެއް ނެތެވެ.ޓެމިލް ނާޑުގެ މާލީ ވަޒީރު ވިދާޅުވެފައިވާ ފަދައިން މުޅި ގައުމު އެއް ނިޒާމެއްގެ ދަށަށް ވެއްދީމާ ސަރަޙައްދީ ސަރުކާރުން މާލިއްޔަތު އިތުރުކުރަން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މިހާރު މިވީގޮތުން ސަރަޙައްދީ ސަރުކާރުތައް މިއޮތީ މުނިސިޕަލިޓީ ތަކަކަށް ބަދަލުވެފައެވެ.

މި ކަމުގެ ސަބަބުން ދެކުނުގެ ސަރަހައްދީ ސަރުކާރުތަކުން މައި ސަރުކާރާމެދު ހިތްހަމަނުޖެހުން ގެންދަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ.                                                  

2020 ވަނަ އަހަރު ސަރަޙައްދީ ސަރުކާރުތަކަށް ޓެކްސް އިން ލިބެންޖެހޭ ޙިއްސާ ލިބުނީ އެ  ނުލިބި ލަސްވެ ބޮޑު ހަމަނުޖެހުމަކަށް ގޮސް އެންމެފަހުން ޝަރީއަތަށް ދާނެކަމުގެ އިންޒާރު ދިން ހިސާބުންނެވެ. މިއަހަރުވެސް މައިސަރުކާރުން ތެލުގެ އަގު ދަށްކުރުމާއި ގުޅިގެން ސަރަޙައްދީ ސަރުކާރު ތަކުންވެސް އެ ގޮތަށް އަމަލުކުރަންއެންގުމުން ނުރުހުން އަމާޒުވެގެން ދިޔައެވެ. 

ހަމައެއާއެކު އުއްތަރު ޕްރަދޭޝްގެ ރައްޔިތުން ބޭނުންވަނީ މައި ސަރުކާރުން ޓެމިލްނާޑޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެއްފަދައިން އެމީހުންނަށްވެސް ޚިދުމަތް ފޯރުކޮށް ދިނުމަށެވެ. ނަމަވެސް ހަގީގަތަކީ އުއްތަރު ޕްރަދޭޝްގެ އޮޅުންބޮޑު ޓެކްސްނިޒާމުގެ ސަބަބުން އެއްކުރެވޭ ޓެކްސް އަށްވުރެން ޓެމިލްނާޑުން ޖަމާކުރާ ޓެކްސްގެ މިންވަރު މާގިނަކަމެވެ.  

މަރުކަޒީ ސަރުކާރުން ރާވާފައިވާ ގޮތުން މުސްތަގްބަލްގައި މައިސަރުކާރާއި ސަރަޙައްދީ ސަރުކާރުތަކުގެ ގުޅުން އިތުރަށް ގޯސްވުމަކީވެސް ވެދާނެގޮތެކެވެ. 2026 ގެ ފަހުން ޕާލަމެންޓުގެ ގޮނޑި ލިބޭނީ އާބާދީގެ ނިސްބަތުންނެވެ. ވިމާ ދެކުނު ސަރަޙައްދުގެ ފަސް ސަރުކާރުގައިވެސް އާބާދީ މަދުވުމުގެ ސަބަބުން ޕާލަމެންޓުންވެސް ޖާގަލިބޭ ގޮނޑީގެ އަދަދު މަދުވާނެއެވެ.                                        

މިސްޓަރ ނީލަކަންޓަންގެ ހޯދުންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ދެ ތިން ކަމަކަށް ވަރަށް ކުރުކުރުކޮށް އަލިއަޅުވާލާނަމެވެ. ދިވެހީންގެ ޙާލަތާއި އަޅާ ކިޔާލުމަށްޓަކައެވެ.                                        

އިންޑިއާގެ އުތުރުގެ ސްޓޭޓްތަކުގެ އާބާދީ އިތުރުވުމުގެ ސަބަބުން ދެކުނުގެ ޝަހަރުތަކާ އެއްފަދައަކުން ތަޢުލީމާ ސިއްޙަތާއި ދިރިއުޅުމުގައި އަމިއްލަ ފައިމަތީގައި ދެމިތިބުމުގެ ފުރުސަތެއް ނުލިބުނެވެ. މަރްކަޒީ ސަރުކާރުން އެ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮށެއްވެސް ނުދެވުނެވެ. ޝަހަރުތަކާއި ނުގުޅޭ ވަރަށް އާބާދީ އިތުރުވެގެން ދިއުމުގެ ނަތީޖާއެވެ. އަޅުގަނޑުމެންގެ ވެރިންގެ އިސްތަށިފުޅުގައި އަށަގެންފައިވާ އެއްފަސްކޮށްގެން ނޫނީ ތަރައްގީ ނުކުރެވޭނެ ކަމުގެ ވިސްނުމުގެ ސަބަބުން މާލޭގެ ސަރަޙައްދު މިއޮތީ ތޮއްޖެހި ތަނުގައި ދިރިއުޅޭ މީހުންނަށް މުސީބާތަކަށް ވެފައެވެ.

ނަތީޖާއާއި ބެހޭގޮތުން ލިޔާކަށް ނެތީމެވެ. އެހެންނަމަވެސް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ބަލާއިރު ބޯހިޔާވަހިކަން ލިބޭކަށް ނެތެވެ. ކުލި ދައްކައިގެން ދިރިއުޅުންގުރުބާން ކުރަންޖެހުމަށް ނިމުމެއް ފެންނާކަށް ނެތެވެ. އާބާދީ ގިނަވުމުގެ ސަބަބުން ސިއްޙީ ނިޒާމު އޮތީ ބޮއްސުން ލާފައެވެ. އެތައް ސްކޫލެއް ހުރި ނަމަވެސް ރަނގަޅު ޖީލެއް ބިނާކުރަން ބޭނުންވާ ތައުލީމްއާއި ތަރުބިއްޔަތު ދެވޭކަށް ނެތެވެ. 

ކްލާސްތައް އޮތީ ފުރިފައެވެ. ކޮންމެ މާއްދާއެއް ކިޔަވާދޭން ލިބެނީ ކުޑައިރުކޮޅެކެވެ.ވައްކަމާއި ފޭރުމާއި މީހުންމެރުން ދުވަހަކުވެސް މިރާއްޖޭގައި އަޑު ނަހާ ވަރަށް ގިނަވެއްޖެއެވެ. ތަނާއި ނުބައްދަލު ނުބެލެހެއްޓޭ އާބާދީއެއްގައި ހިނގާނެ ހުރިހާ ނުރައްކަލެއް އާންމު ވެއްޖެއެވެ.                                                                           

ރާއްޖޭގައި ލިބެންހުރި ވަޒީފާތަކަށް ދިވެހިން އަހުލުވެރި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަހަލައެވެ. ވަޒީފާގެ ބާޒާރާއި ކުދި އަދި މެދުފަންތީގެ ވިޔާފާރީގެ ބޮޑުބައެއް އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ދިވެއްސަކަށް ވަޒީފާ ލިބުމުގެ ފުރުސަތަކީ ލިބިފައިވާ ތައުލީމެއްގެ މައްޗަށް ބަލައިގެން ލިބޭ އެއްޗަކަށް މިހާރަކު ނުވެއެވެ. ކޮންމެވެސް ސިޔާސީ ފަރާތެއްގެ ނުފޫޒުން ނުވަތަ ބިދޭސީއެއްގެ ޝިފާރިޝް ލިބިގެންނޫނީ އިންޓަރވިޔު އިން ފާސްވެވޭނެ މަގެއް ނެތެވެ.                                                                            

ދިވެހި ގައުމަކީ ދިވެހި ރައްޔިތުންގެ މިލްކެކެވެ. މި ގައުމުގެ ވަޒަންވެރިންނަށް ހެޔޮގޮތްތައް ހޯދާ ދިނުމަށްފަހުގައި ނޫނީ ބިދޭސީންގެ ވާހަކައަށް ފުރުސަތު ނުދިމުގެ އިޚްތިޔާރަކީ ދިވެހި ރައްޔިތުންގެ ޙައްގެކެވެ. 

އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކުގެ ރައްޔިތުން ފަދައިން ނުގުޑާނެ އަޒުމެއް ބިނާކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ރަންބިސްއަޅާ ކުކުޅު، ޓްއަރިޒަމުން ފަށާގަންނަމާ ހެއްޔެވެ. ކޮންމެ އަތޮޅެއްގައި ހިންގާ ކޮންމެ ޓްއަރިމްގެ މަސައްކަތެއްގައި ދިވެހިންނަށް އަދި ޚާއްސަކޮށް އެ އަތޮޅުގެ ރައްޔިތުންނަށް ވަޒީފާ ދިނުން ލާޒިމްކުރަން ޖެހެއެވެ. 

އެންމެ މަދުވެގެން ނުވަދިހަ އިންސައްތަ ވަޒީފާއަކީ ދިވެހިންނަށް ޚާއްސަ ކުރެވެން ޖެހޭ ވަޒީފާއެއްކަމުގައި ގާނޫނީ ގޮތުން ބާރު ހޯދަން ޖެހެއެވެ. 

ރައްޔަތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެކެވެ. އެބޭފުޅުން އެކަން ކޮށްދެއްވާނެއެވެ. މި ގައުމަކީ ހުރިހާ މާނައެއްގައިވެސް ދިވެހިންގެ ގައުމަކަށް ހަދަން އަޒުމް ކަނޑައަޅާށެވެ. މާދަމާ ކުރަން ލަސްކޮށްފިނަމަ ހެރިޔާކޮށްގެންވެސް ދެނެއް މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެއެވެ.                                          

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް