ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ފަރާތްތަކަށް އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.
ގަރާރުގައި ބުނެފައިވަނީ ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލާ، ހިލާފު ގަވާއިދެއް ކަމަށެވެ. އެހެންކަމުން ބްރޯޑްކާސްޓުކުރުމުގެ ވިޔަފާރި މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ނުދިނުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.
ގަރާރުގައި ބުނެފައިވާގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކުގައި މެންބަރުން އުޅުއްވައެވެ.
އަދި ވޯލްޑް ކަޕް ޕީއެސްއެމް އިން ދެއްކުމަށްޓަކައި މީޑިއާނެޓަށް ފައިސާ ދައްކާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ އެކި ރިސޯޓުތަކާއި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދައުލަތުގެ ޓީވީ މެދުވެރިކޮށް އެ މުބާރާތް ބެލޭނެކަން ކަށަވަރުކުރަން ބޭނުންވާ ކަމަށްވެސް ގަރާރުގައިވެ އެވެ.
މި ގަރާރުގައިވަނީ ވޯލްޑްކަޕް މުބާރާތުގެ ރައިޓްސް ވަކިބަޔަކު ކޮންޓްރޯލްކޮށްގެން ގެންގުޅުން ހުއްޓުވައި ދިނުމަށް އެދިފައިވެއެވެ. އަދި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މެދުވެރިކޮށް ބެލޭނެކަށް ކަށަވަރު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އަދި ބްރޯޑްކާސްޓިން ވިޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމް މެންބަރުން ކޮންޓްރޯލްކޮށް ފޯރުވާ ނުފޫޒުތައް ދެނެގަނެ އެ ބޭފުޅުން ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށްވެސް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އަދި މީގެ ިއތުރުން ރީބްރޯޑްކާސްޓިން ހިދުމަތް މިނިވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށްވެސް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.