ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ސައޫދީ އެރޭބިޔާއާއި އީރާނާ ދެމެދު ފަސްފަހަރެއްގެ މަތިން ވަރަށް މަތީ ފެންވަރުގައި ބައްދަލުވުން ބޭއްވިފައިވީނަމަވެސް އެ ދެގައުމުގެ ޒަމާންވީސިޔާސީ ދެކޮޅުވެރިކަމާހުރެ ބައިނަލް އަގްވާމީ މީޑިއާއިން އެއްވެސް ސަމާލުކަމެއް ދީފައިނުވާތީ އެކަމާދޭތެރޭ އީރާނުގެ ރައީސް އިބްރާހިމް ރައީސީ ހައިރާންވެ ވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެއެވެ.
ހަމަ އެއާއެކު އެ ބައްދަލުވުންތައް އިންތިޒާމް ކޮށްދީފައިވާލެއް ފުރިހަމަކަމަށްޓަކައި އިރާގު ސަރުކާރަށް ތަޢުރީފް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. “ އިރާގު ސަރުކާރުގެ އިސްނެގުމާއެކުކުރެވެމުން މިދާ މަސައްކަތުން ގަލްފު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށާއި ބޭރުގެ ނުފޫޒޫން އެއްކިބާވެ ތިބުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ ”. ވަރަށްފަހަކާއި ޖެހެންދެންވެސް އެމެރިކާއަކީ އެންމެގާތް އެކުވެރި ގައުމުކަމަށް ބަލަމުންގެންދިޔަ ގައުމަކުން މިދިޔަ އަހަރުން ފެށިގެން “ ހަނގުރާމައިގެ މިޝަން ނިމުނީ “ ކަމަށްއިއުލާންކުރުމާއެކު ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓެމުންދާގައުމަކުން (އިރާގުން) އެހެން ގައުމުތައް ސުލްހަކުރަން ކުރެވޭނީ ކޮން ކަމެއްތޯ ބައިނަލް އަގްވާމީ މީޑިއާގައި ސުވާލު އުފައްދާފައިވެއެވެ.
ސައޫދީ އެރޭބިޔާއާއި އެމެރިކާގެ ގާތް ގުޅުން ހީނަރުވެ ބަލިކަށިވަމުން ދާކަން އޮއިލްޕްރައިސް ޑޮޓް ކޮމް އިން ފާހަގަކުރަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. 2014 އިން 2016 އަށް ހިނގާދިޔަ ތެޔޮ އުފައްދާ މިންވަރާއި އަގުކަނޑައެޅުމަށް މެދުވެރިވި ދެބަސްވުންތަކަށް ވުރެން ބޮޑަށް މިބަދަލުތައް އަންނަން ފެށީ ސަޢޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. 2021 ވަނަ އަހަރު އޭޕްރިލް މަހުގެ ފަހުކޮޅު މުޙައްމަދު ވަރަށް ސާފުބަހުން ވިދާޅުވެފައިވަނީ އަހަރެމެން މި މަސައްކަތް ކުރަމުން ގެންދަނީ އީރާނާއެކު ވަރަށް ޚާއްސަ ގުޅުމެއް އުފެއްދުމަށެވެ. އީރާނުގެ ޙާލަތު ގޯސްވާކަށް އަހަރެމެން ނޭދެމެވެ. އަހަރެމެންބޭނުންވަނީ އީރާނުވެސް ކުރިއަށް އަރާށެވެ. އަދި މިސަރަހައްދާއި މުޅިދުނިޔެއަކީވެސް ކާމިޔާބު ތަނަކަށް ވުމެވެ. މުޙައްމަދުގެ މި ވިދާޅުވުމާއި ގުޅިގެން އީރާނާއި ސަޢޫދީ އެރޭބިޔާގެ ފުރަތަމަ ހަތަރު ބައްދަލުވުން އިރާގުގައި ބޭއްވިގެން ދިޔައެވެ.
އެންމެ ފުރަތަމަ ބައްދަލުވުމުގެ ހުރިހާ ކަމެއް ރޭއްވެވީ އިރާގުގެ އޭރުގެ ބޮޑު ވަޒީރު މުސްތަފާ އަލް ގަދީމީ ގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. އިރާގު ސަރުކާރުން އެ ބައްދަލުވުން ބޭއްވުނުކަން ކަށަވަރުކުރި ނަމަވެސް އެ ބައްދަލު ވުމާބެހޭ އެއްވެސް މައުލޫމާތެއް ރިޔާޒުން ނުވަތަ ތެހެރާނަކުންވެސް އޭރު ހާމައެއް ކޮށްފައެއް ނުވެއެވެ.
އީރާނާ ދޭތެރޭ މުޙައްމަދު ބިންސަލްމާނުގެ ވިސްނުންފުޅު މިގޮތަށް ބަދަލުވެފައިވަނީ އިއްތިފާގަކުން ސަޢޫދީ އެރޭބިޔާގެ ތެޔޮ ކުންފުނި އަރާމްކޯ ފުޅާކުރުންވެސް ކުރިޔަށް ގެންދާންފެށި ދުވަސްވަރާއި އަދި ބެއިޖިންއާއި އެކު އީރާނުގެ ގުޅުންވެސް އިތުރަށް ބަދަހިކުރަން މަސައްކަތް ކުރެވެމުން ދިޔަ ދުވަސް ވަރަކާއެވެ. 2019 ވަނަ އަހަރު ސޮއިކުރެވުނު 25 އަހަރުދުވަހުގެ އެއްބަސްވުމާއެކު އޭރުވެސް އަދި މިހާރުވެސް ބެއިޖިންއަކީ ތެހެރާނުގެ އެންމެ ގާތް ބައިވެރިޔާއެވެ. އަދި އެމެރިކާގެ ބަދަލުގައި ޗައިނާއަކީ މެދުއިރުމަތީގެ މައިގަނޑު ސުޕަރޕަވަރ ކަމުގައި ހެދުމަކީ އީރާނުގެ ވިސްނުމެވެ.
މި އަންނަންފެށި ބަދަލު ތަކުގެ ތެރޭގައި 2021 ވަނައަހަރު މާރޗްމަހުގެ ތެރޭގައި އަރާމްކޯގެ ސީ. އީ. އޯ. އަމީން ނާސިރު ވިދާޅުވެފައިވާ “ ޗައިނާއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުން ކަށަވަރު ކޮށްދިނުމަކީ އަހަރެމެންގެ އެންމެ އިސް މަގްސަދެވެ. ހަމައެކަނި ކުރިއަށް އޮތް ފަސް އަހަރު ދުވަހަކަށް ނޫނެވެ. ކުރިއަށް އޮތް ފަންސާސް އަހަރަށްވުރެންވެސް ކުރިއަށެވެ ”.އަދިވެސް އޭނާ ވިދާޅުވިއެވެ. “ މުޅިން އާ ފެށުމެއް އުދަރެހުން ދައްކާލައިފިއެވެ. ޗައިނާގެ އިގްތިސާދީ ތަރައްގީއާއި ރައްޔިތުންގެ ފުދުންތެރި ކަމުގައި އަހަރެމެންގެ ބޮޑު ހިއްސާއެއް އޮތުމަށް އަހަރެމެން ބޭނުންވެއެވެ.
އެ މަގުން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގައި އަދި އެމަގުގައި ޗައިނާއިން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ކުރާ ދަތުރުގެ ބައިވެރިންގެ ގޮތުގައި އަހަރެމެން ތިބޭނަމެވެ ”. މި ބަސްފުޅުތަކުން ސަޢޫދީ އެރޭބިޔާއިން ޗައިނާގެ ވަންބެލްޓް ވަންރޯޑްގެ މަޝްރޫއާއި ދޭތެރޭ ގެންގުޅޭ ވިސްނުމާއި ކުރިއަށް އޮތް ޒަމާންތަކަށް މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ނެތިދިއުން ވަރަށް ރީތިކޮށް ފެނިގެންދެއެވެ.
ސައޫދީގެ މި ބަދަލަކީ ހަމައެކަނި އީރާނުގެ ގާތް ސްޕޮންސަރ ޗައިނާއާއިއެކު އޮތް ގުޅުމެއްނޫނެވެ. ސައޫދީގެ ގުޅުން ރަޝިޔާއާއި އެކުވެސް މަބޮޑަށް ރަނގަޅުވަމުން ދާކަން ފާހަގަކުރެވެމުން އެބަ ދެއެވެ. 2014 އިން 2016 އަށް ހިނގާދިޔަ ތެޔޮ އުފައްދާނެ މިންވަރު އަދި ތެލުގެއަގުކަނޑައެޅުމުގެ ދެކޮޅުވެރި ކަމުގައި ސަޢޫދީއަށް ލިބުނު މާލީ ގެއްލުން ތަކުގެ އިތުރުން އޯޕެކްގެ އެންމެ ބޮޑު ބައިވެރިޔާގެ މަގާމުގެ ހައިބަތަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރަމުން ދިޔައެވެ.
އޯޕެކްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގަލްފުގެ ހުރިހާ ގައުމަކަށްވެސް އޯޕެކްގެ މި ދެކޮޅުވެރިމާ ކުރިމަތިލާންޖެހިއެގައުމުތަކުގެ މާލީ ޙާލަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން އެ ގައުމުތަކުގެ ބަހަކީ އެ ޖަމްއިއްޔާއަށް މާ މުހިންމު އެއްޗަކަށް ނުވިތަންވެސް ފެނިގެން ދިޔައެވެ.
މިހާހިސާބުން ދެން ފެނިގެން ދިޔައީ ތެޔޮއުފައްދާ މިންވަރާ ބެހޭގޮތުން 2016 ވަނައަހަރު އޯޕެކްގައި އެއްބަސް ވުމަކަށް އާދެވި އޭގެ ތެރެއަށް ރަޝިޔާގެ ބުރަދަން އިތުރު ކުރެވި އޯޕެކް ޕްލަސް އުފެދިގެންދިޔަ ތަނެވެ. އަދި އެމެރިކާގެ ބަދަލުގައި ރަޝިޔާއަކީ ސަޢޫދީގެ ހަކަތައިގެ ކާމީޔާބީގެ އެންމެ ފާހަގަކުރޭ ބައިވެރިޔާ ކަމުގައިވެސް ވެގެން ހިނގައްޖެއެވެ. ރަޝިޔާއާއިއެކު ސަޢޫދީއަށް އޮތީ ކާމިޔާބީ ތޯ ނުވަތަ ނާކާމިޔާބީ ތޯ މުސްތަގްބަލްގައި އެނގިގެން ދާނެއެވެ.
އޮއިލްޕްރައިސް ޑޮޓް ކޮމް އިން ހޯދި ހޯދުންތަކުން ޖޯ ބައިޑަންގެ ރިޔާސަތަށާއި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާއި ގުޅޭގޮތުން ސައޫދީން ދެކޭގޮތް ކޮންމެވެސް ވަރަކަށް އޮޅުން ފިލިއެވެ.
ބައިޑަންގެ އިންތިޚާބީ ކެމްޕޭން ތަކުގައިވެސް ސަޢޫދީއާއި ދޭތެރޭ ބެހެއްޓި ދުރުކުރުން ސަޢޫދީންވެސް ގެންދިޔައީ ވަރަށް ރަނގަޅަށް ދެނެގަންނަމުންނެވެ. އެމެރިކާއާއި ސަޢޫދީގެ ގުޅުންތައް އަލުން މުރާޖަޢާ ކުރަން ބޭނުންވާކަމަށާއި ޔަމަން ހަނގުރާމައިގާ އެމެރިކާއިން ސައޫދީއަށްކުރާ ތާއީދުވެސް އަނބުރާ ގެންދަންބޭނުންވާ މޭރުމަކުން 2020 ވަނައަހަރު އޮކްޓޯބަރު މަހުގެ 2 ވަނަދުވަހު ރައީސް ބައިޑަން ވަނީ ވާހަކަ ދައްކާފައެވެ. އަދި އެމެރިކާގެ މަގާމަކީ ހަތިޔާރު ގަތުމަށް ތެޔޮދީގެން އަގުވަޒަންކުރެވޭނެ އެއްޗެއްވެސް ނޫނެވެ.
އަދި ޖަމާލް ޚަޝޯގީ މަރާލާފައިވަނީ މުޙައްމަދު ބިން ސަލްމާނުގެ ސީދާ އޯޑަރަށް ކަމުގައި ސީ. އައި. އޭ. އިން ހޯދާފައިވާ ހޯދުންތައް އެއީ ޙަގީގަތް ކަމުގައި ގަބޫލު ކުރާކަމަށާއި އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރިންނާއި އެކުގައިވެސް އިންސާނީ ކަރާމަތާއި އިންސާނީ ޙައްގުތައް ދެމެހެއްޓުމަށް އެމެރިކާއިން ފަސްނުޖެހޭނެ ފަދަ މޭރުމަކުން ރައީސް ބައިޑަން ވަނީ ވާހަކަ ދައްކަވައިފައެވެ. ބައިޑަންގެ މި ވާހަކަތައް ސަޢޫދީގެ ވެރިން ތަރުޖަމާ ކުރެއްވީ ނުރުހުންތެރި ކަމާއި އެކުގައެވެ.
1973 ން ފެށިގެން ފާއިތުވެދިޔަ ހަފްތާއާއިހަމަޔަށް ބަލާއިރު ސަޢޫދީން ތެޔޮ އުފައްދާފައިވަނީ ގާތްގަނޑަކަށް ދުވާލަކު އަށެއްކަ މިލިއަން ފީފާއެވެ. އެހެންވީމާ ސަޢޫދީން ހާމަކުރަމުން ގެންދާ މިންވަރަށް އެމީހުންގެ ރިޒާވްގައި ތެޔޮ ނެތީ ކަމަށްވެސް ވެދާނެއެވެ.
އެނގިކަށަވަރުވާ އެއްކަމަކީ ރައީސް ބައިޑަންގެ ފޯނުކޯލަށް ޖަވާބު ދިނުމަށްވެސް މުޙައްމަދު ބިން ސަލްމާނު ބޭނުން ނުވުމުން ތެލުގެ އަގު ހެޔޮކުރެވިދާނެ ގޮތަކަށް ކަންތައް ހަމަޖައްސައި ދިނުންއެދި އެމެރިކާއިން އެދޭ އެދުމަށް ސަޢޫދީން ދެކޭގޮތް އެންމެނަށްވެސް އެނގި ހާމަވެގެން ދާކަމެވެ. އަދި ތެލުގެ އަގު އިތުރަށް އުފުލުނު ކަމުގައިވިޔަސް ސަޢޫދީން ތެޔޮ އުފައްދާ މިންވަރު އިތުރު ނުކުރާނެ ކަމަށް ދިން އިންޒާރަކީ ހަމައެކަނި އެމެރިކާގެ މިހާރު ރައީސްގެ ބަދަލުގައި މުޅި ހުޅަނގަށް އަމާޒުކޮށް ދީފައިވާ އިންޒާރެއް ކަމުގައި ބެލެވިފައި ވެއެވެ.
މިދިޔަ ފެބްރުއަރީގައި ރަޝިޔާ- ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު ސަޢޫދީން އަމަލުކުރާނީ އޯޕެކް ޕްލަސްގެ އެއްބަސްވުމާއި އެއްގޮތަށް ރަޝިޔާއާއި އެކުގައިކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މުޙައްމަދު ބިން ސަލްމާނު ވިދާޅުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.
މިކަންތައްތައް މިގޮތަށް ހިނގަމުން ދިޔައިރު ހަތިޔާރުގެ މައިދާނުގައި އެމެރިކާއާއި އެންމެ ވާދަވެރި ޗައިނާއާއިއެކު ސަޢޫދީން ކުރަމުންދިޔަ މަޝްވަރާތަކުގެ ނަތީޖާ، ޗައިނާ- ޖީސީސީ ގެ ފްރީޓްރޭޑް އެއްބަސްވުން ވުޖޫދުވެގެން އައުމާއި އެންމެފަހުގެ ބައްދަލުވުމުގައި ސަޢޫދީ އެރޭބިޔާ އާއިއެކު ކުވޭތާއި ބަޙްރައިނާ އޮމާނާއި އަދި ގަލްފުގެ އެކުވެރިކަމުގެ ޖަމާއަތުގެ ޢާންމު ސެކްރެޓަރީ ބައިވެރިވެ ވަޑައިގަތުން ފާހަގަކުރަންޖެހެއެވެ. ޗައިނާއާއިއެކު ގަލްފުގެ ގައުމުތަކުން ކުރިއަށްވުރެން މާ ބަދަހި ގުޅުމަކަށް މަގު ފަހިވެގެން ދިއުމަކީ އެމެރިކާގެ މުހިންމުކަން ކުޑަވެގެން ދިއުންކަމުގައި އެ ސަރަހައްދުގެ މީޑިއާއިންވެސްގެންދަނީ ހާމަކުރަމުންނެވެ.
އީރާނާއި އެކު ޢަރަބި ގައުމުތައް ސިޔަސީގޮތުން ބަދަހިގުޅުމެއް އުފެއްދުމަކީ އިޒްރޭލާއި އެމެރިކާ އެއްގޮތަކަށްވެސް ވިޔަނުދޭނެ ކަމެއްކަމުގައި ދެފަރާތުގެ ޢަމަލުތަކުން ވަނީ ހާމަކޮށްދީފައެވެ. އެހަަނަސް އެގުޅުން މިދަނީ ދުވަހަކަށްވުރެ ދުވަހަކަށް ފައުޅުކަން ބޮޑުގޮތެއްގައި ދުނިޔަށް ދައްކަމުންނެވެ.
2 Responses
ގަލްފު ސަރަހައްދުގެ އެއްބައިވަންތަކަމަކީ މުޅި އިސްލާމީ އުންމަތަށް ލިބޭމެ އެންމެ ބޮޑު ކާމިޔާބީއެވެ. އެކަމަކު އެކަން ފަނިކޮށްލަން ޔަހޫދީންނާއެކު ހުޅަނގުން ކުރެވުނު ކޮންމެ ކަމެއް ކުރާނެއެވެ.
ކޮންމެވެސް ގޮތަކުން ތިކަމަށް އެމެރިކާއިން ޓުރެޕިޑޯ ޖަހާނެއެވެ. މުސްލިމް އެންމެން އެކަތިގަނޑަކަށް ވެއްޖެނަމަ ދުނިޔޭގެ ބާރުވެރިކަން މުސްލިމުންގެ އަތްދަށަށް އަންނާނެކަން އެންމެންވެސް ދެނެއެވެ. އެހެންވީމާ މުސްލިމުން މުސްލިމުގައުމުތަކުގައި އުޅޭ ކާފަރުންގެ އެޖެންޓުންލައްވާ ބައިބައިކުރަނީއެވެ. އަދި އެފަދަ އެޖެންޓުން އެއީ ގައުމުގައި ހަވަރު ތުންފުހިކަން އެނގިތިބެމެ އެކީޔާ ކަނު ޑިމޮކްރެސީގެ އަވައިގައި ޖައްސުވައި ގައުމުތަކުގައި ހަމަނުޖެހުން އުފައްދާއި އެ ހަވަރު ތުންފުހިތަކަށް ވެރިކަން ހޯދައިވެސް ދެނީއެވެ. ވަރަށް ޙީލަތްތެރި ގޮތަކަށެވެ. އިންޝާﷲ މުސްލިމުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާށިއެވެ. އާމީން!