ސަންދާނު ދަ ބްލެކް ޑޭ! 4 ވަނަބައި

Loading

Facebook
Twitter
WhatsApp
sandhaanu news

7 ޖުލައި 2002، މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ސަންދަނުގެ ބައިވެރީންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމަކާއި އަދި އެއް އަހަރު ދުވަހަށް އަރުވާލުމަށް ކުރީގެ ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމްގެ ބޭނުންފުޅަކަށް ދިވެހިރާއްޖޭގެ ޢަދާލަތުގެ ދަރުބާރުން ފުރަތަމަފަހަށް (ރައްޔިތުން ބިރުދެއްކުމަށްޓަކައި) މިފަދަ ޙުކުމެއް ކުރި ފުރަތަމަ ދުވަހެެވެ. މިހާރުގެ ސިޔާސީ ކުދިންނަށް މިޙަގީގަތް ނޭނގި އޮތުމަކީ ހަމަ އެކަށިގެންވާ ކަމެކެވެ. އެހެންވުމާއި އެކު ސަންދާނު މިގެނެސްދިނީ ދިވެހިރާއްޖެ ޑިމޮކްރަސީ އާއި ޢަދުލު އިންސާފުގެ މަގަށް ކުރި އެތަކެއް ދަތުރުތަކަކުން ހަނދާނުން ފިލައިގެން ނުދާނޭ އެއް ބާބެވެ.

ދެންފަހެ. އެބަދަލަކީ ޚުތުބާގެ ތެރަށް ދެގަނދު ލިޔެ ހީރަސް ޖަހައިގެން ގެނެވުނު ބަދަލެއްނޫނެވެ. އެތަކެއް ބައެއްގެ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު ވަރަށްކެރިގެން ކުރެވުނު ގުރުބާނީތަކެއްގެ ހެޔޮނަތީޖާއެކެވެ. އަދި ކިއެއްތަ ވެލާނާގޭ ކުނިގޮނޑުން “ވަގަށް” ނެގި ޓިކެޓްބުރިއެއްގެ ޙުކުމަކުން އަރުވާލެވުނު އަރުވާލުމަކުން ގެނެވުނު ބަދަލެއްވެސް ނުމެނޫންމެއެވެ. ސަންދާނަކީ ދިވެހިރާއްޖޭގައި ކުރީގެ ގޮށްމުށުގެ ވެރިޔާ މަޢުމޫނު ޢަބުދުލް ގައްޔޫމުގެ އަނިޔާވެރި ކަރަޕްޓް ޢާއިލީ ވެރިކަމުގެ ސިސްޓަމް ބަދަލުކުރުމަށްޓަކައި ބަޔަކުވީ ގުރުބާނީގެ އެންމެވަރުގަދަ ހަންމުށިކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިކަމަށް ހެކިދެވޭނީ ކުރީގެ ސީޕީ އާދަމް ޒާހިރު އާއި އޭރުގެ ލެފްޓިނެންޓު ޢަބުދުﷲ ރިޔާޒް  އާއި އޭރުގެ ޕީޖީ ޑރ. މުޙައްމަދު މުނައްވަރަށެވެ. ހަމަ އެހެންމެ ކުރީގެ ޑިފެންސް މިނިސްޓަރީގެ މިނިސްޓަރު ޅިޔަނު އިލްޔާސް އިބުރާހިމް އާއި ސްޓޭޓް މިނިސްޓަރު އަންބަރީ ޢަބުލްސައްތާރާއި ނައިބު އިސްތަފާ އިބްރާހިމް މަނިކެވެ. ނުވަތް ސީދާ ކުރީގެ ރައީސް ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމުއަށެވެ.

ސަންދާނުގެ ޙަޔާތުން މިބަލައިލަނީ ޢުމުރުދުވަހަށް ސަންދާނުގެ ބައިވެރިން ޖަލަށް ލުމުުން ނަޒާކީ ޒަކީ ގެ ޑައިރީން  ހިއުމަންރައިޓްސް ކަމިޝަންގެ ރައީސް އޮނަރަބްލް އަޙުމަދު މުޖުތަބާގެ އަރިހުގައި އޭރުގެ ވެރިކަމުގެ ނާންމާންކަމާއި ދައުލަތް ހިންގަންއޮތް ސަރުކާރުގެ އަނިޔާވެރި ޙާލަތުން ތަޖުރިބާ ކުރެވުނު ތަޖުރިބާތަކުން މަދުބައެކެވެ:
ވިދާލުވޭ ….

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން!

http://sandhaanu.today/1075/

http://sandhaanu.today/1102/

http://sandhaanu.today/1237/

 

ސިޓީގެ 3 ވަނަ ބަޔާއި ގުޅޭ…..

 

މިމައްސަލަތައް އަޅުގަނޑު މިހުށަހެޅީ ތިޔަ ކޮމިޝަނުން ބައްލަވައިދެންވުން އެދިއެވެ. حكم ތަންފީޒު ކުރުމަށް މީހުން ބެއިތިއްބުމަށް ކަނޑައެޅިފައިވާ ގޮޅިތަކުގައިވެސް ކަންތައްތައް ހުންނަ ގޮތާއި އެތަނުގެ ސެކިޔުރިޓީ ބަލަހައްޓާ ސިފައިން ކުށްވެރިންނަށް ކުރަމުން ގެންދާ އިހާނާތްތެރި ކަންތަކާއި، ކުށްވެރިންނާއި މުޚާތަބްކޮށް ދައްކާ ވާހަކަތައް އެއީވެސް އާދައިގެ ކަމެއް ނޫނެވެ. ދެތިން އެއްމަހުން އެއްމަހު ބޭރަށް ނެރެ ބިންމަތީގައި 3 ނުވަތަ 4 ގަޑިއިރު ބައިތިއްބައި ސިފައިންގެ ބޭފުޅުން ކުށްވެރިންނާއި މުޚާތަބު ކުރާ ވާހަކަ ތަކުގެ ތެރެއިން އަޅުގަނޑު މިވާހަކަ ފާހަގަ ކޮށްލާނަމެވެ. (މިބާވަތުގެ ވާހަކަތައް ވަރަށް ގިނައެވެ). މިކަން ހިންގަނީ އަބްދުﷲ ޝާހިދު (އައްޕަ) ތ. ތިމަރަފުށި / މާޖެހިވިލާއެވެ. “ ކަލޭމެން ނަމާދު ކުރަންވާނީވެސް އަހަރެމެންނަށް ދައްކާށެވެ. އަހަރެމެންނަށް ފެނިގެން މަތީފަރާތުގައި އެވާހަކަ ދަންނަވާނީވެސް އަހަރެމެންނެވެ. ކަލޭމެންނަށް ރަނގަޅު ގޮތެއް ވާނީ އަހަރެމެން ދަންނަވާ ދެންނެވުމަކާއި ގުޅިގެންނެވެ. “ މުސްލިމް ބައެއްގެ ތެރޭގައި މިދަރަޖައިގެ ބަޔަކު ތިބުން އެއީ ތިޔަ ކޮމިޝަންވެސް قبول ކުރައްވާނެ ކަމެއް ނޫންކަން ނޭގެއެވެ. ނަމަވެސް މިއީ حقيقتއެވެ. މިއީ ކުޑަ ކުޑަ މިޘާލެކެވެ. މިހެން ނެރޭ ކޮންމެ ދުވަހަކީ ކޮންމެ މީހަކު އޮރިޔާން ކުރުމުގެ ”ހިތްހަމަ ޖެހުން“ ސިފައިން ހޯދާ ދުވަހެކެވެ. އަދި ބައެއް ގައިދީންނާއި އޮރިޔާން ޙާލު ގުދަށް ބާއްވާފައި އެއް އޮފިސަރު އަނެއް އޮފިސަރަކަށް އެތަނުގައި ތިބޭ ހުރިހާމީހުނަށް އަޑުއިވޭފަރަށް “ އައްދޭ މީޅާގެ ކަބަޑު ހާދަ ބޮޑޭދޯ“ ބުނާނެއެވެ. އަސްތަޣުފިރުއްﷲ !

އަދިވެސް ތަކުރާރުކޮށް ދަންނަވަމެވެ. އަސްލު މައްސަލަާއި ބެހޭގޮތުން ލިޔަމެވެ. އަޅުގަނޑު ސަންދާން ނޫސް ލިޔުމުގައި ބައިވެރިވީމެވެ. ސަންދާނު ނޫހަކީ ޤައުމުގެ ސަިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ މިންވަރު ދައްކައިދޭ ލިޔުމެކެވެ. މިލިޔުން ލިޔެފައިވަނީ ދިވެހި ދަރީންގެ އަތްތަކަކުންނެވެ. ލިޔުމުގައި ލިޔެފައިވާ ވާހަކަތަކަކީ ދިވެހިން ގޯޅިގޯޅި ކަންމަތީގައާއި، މަސް މާރުކޭޓުގައާއި، ހޮޓާ ތަކުގައި އާއމުކޮށް ދައްކާ ވާހަކަތަކެކެވެ. އޭގައި ލިޔެފައިވަނީ ހަމަ ސަންގާއި ހުކުރު ފަދަ، ވަކިބަޔަކު ހިއްޕުޅާ ނުވެދާނެކަމަށް ނުބަލާ، ފާޅުކުރާ ނޫސް މަޖައްލާތަކުގައި ލިޔެވުނު ކަހަލަ ވާހަކަތަކެވެ. އޭގައި ލިޔެފައިވަނީ ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރަން އުޅުނު ދެފަހަރުވެސް ކަންތައް ވީގޮތެވެ. އެކަމުގައި އުޅުނު މީހުން ބަންދުކުރި ވާހަކައެވެ. ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ނޫހުގައި ލިޔާ މީހާއަށް ދިމާވާ އުދާސްތަކުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ސަރުކާރުގެ ސިޔާސަތާއި ޚިލާފަށް އަނގަ ގަދަ ކުރަނީ ވިއްޔާ ބަންދު ކުރާ ވާހަކައެވެ. ބައެއް ވަޒީރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ކަންތައްތައް ހިންގާފައިވާ ވާހަކައެވެ. މިބާވަތުގެ ކަންތައްތަކާއި ގުޅިގެން ރައްޔިތުން މަޖިލިސްގޭގައި ބައެއް ވަޒީރުންނާއި ކުރެވުނު ސުވާލު ތަކުގެ ވާހަކައެވެ. އަދި މިގޮތަށް ކުރެވުނު ބައެއް ތަޙްޤީގު ތަކުގެ ވާހަކައެވެ. سبحانﷲ ! މިحقيقة ލިޔުނު މީހުން ޢުމުރަށް ޖަލަށް ލާންޖެހޭނެ ބާވައެވެ! މިއީ ހަޤީގަތާއި ޚިލާފް ވާހަކަ ތަކެއް ބާވައެވެ. އަދި ކީއްކުރަންތޯއެވެ. މިވާހަކަތައް ލިޔެ އިންޓަރނެޓަށް ލާ ފޮނުވީ ދިވެހި ރައްޔިތުންނަށެވެ. ބިދޭސިންނަކަށްވެސް ނުމެ ނޫނެވެ. ދިވަހި ސަރުކާރުގައި ކޮރަޕްޝަން ފެތުރިފައި ވަނީ ނުލާހިކު ބޮޑަށެވެ. މިކޮރަޕްޝަނާއި ބެހޭ ގޮތުން އަޅުގަނޑުމެންގެ ލީޑަރުންވަނީ ލައުޑް ސްޕީކަރ ތަކުން ވާހަކަ ދައްކާފައެވެ. މިކޮރަޕްޝަނާއި ބެހޭގޮތުން އަލްމަރްހޫމް އިބްރާހިމް ޝިހާބު ވިދާޅުވީ ފަހަތުން މިލިޔާ އިބާރާތެވެ. “ ކުރިއާއި ޚިލާފަށް މިހާރު ތަފާތު ނަންތަކުގައި ގިނަގުނަ އޮފީސްތައް ވަނީ ހެދިފަ. ނަމަވެސް މިއޮފީސްތަކަށް ރައްޔިތުން ޚިދްމަތް ހޯދަން ދިޔައިމާ އަންގަނީ (މީގެ ފަންސާސް އަހަރު ކުރިން ގިނަ އޮފީސްތައް ނެތް ދުވަސްވަރު ތަކުގައިވެސް އަންގާގޮތް) ’ކަލްދޯ ބަޖޭ އާއޯ، ’ކަލްދޯ ބަޖޭ އާއޯ‘ މިކަލްދޯ ބަޖޭ އަކުން ދިވެހިން ސަލާމަތްވެވޭނެ ގޮތެއް ނެތް“ މިހެންނެވެ. މާލޭގެ ހުޅަނގު ފަރާތުގެ ހިއްކި ބިމުގައި ހުންނަވައިގެން މިހާރުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް މާލޭގެ ރައްޔިތުންނާއި މުޚާތަބްކޮށް ދެއްވި ތަޤްރީރެއްގައި ދިވެހި ސަރުކާރުގެ ކޮރަޕްޝަނާއި ބެހޭގޮތުން ވިދާޅުވީ ފަހަތުން މިލިޔާ އިބާރާތެވެ. “ ސަރުކާރުގެ އެއްވެސް އޮފީހަކުން، ހަމައެއްވެސް އޮފީހަކުން ސައި ނުދީ މައްސަލައެއް ނިންމައެއް ނުދޭ. އަދި ކީއްކުރަންތޯއެވެ. ޤާޞީވެސް ސައި ނުދީ މައްސަލައެއް ނިންމައި ނުދޭ“ އެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ސައިނުދީ މައްސަލަެއް ނިންމުމަށެވެ. حقيقة އަކީ ސައިނުދޭމީހާގެ މައްސަލަ އޮންނަނީ ނުނިމިއެވެ. މިއީ މީގެ އަހަރުތަކެއް ކުރީގެ ޙާލަވެ. މިހާރު ޙާލަތުވާނީ އެތަކެއް ދަރަޖައަކަށް އުފުލިފައެވެ. މިވާހަކަތައް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އެކަކު އަނެކަކަށް ދެއްކުމުގެ އިޚްތިޔާރު ނެތްކަމަށް ދެކޭ ކޮންމެ މީހަކީ ދިވެހި ދައުލަތާއި އިދިކޮޅު ޚިޔާލު ގެންގުޅޭ މީހެއްކަން ޔަޤީނެވެ. ދަންނަވަމެވެ. ސަންދާނުގައި ލިޔެފައިވަނީ އަޅުގަނޑާއި، އަޙްމަދު އިބްރީހިމް ދީދީއާއި އިބްރާހީމް މޫސާ ލުތުފީގެ އަމިއްލަ ޚިޔާލެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ޚިޔާލުތަކެވެ. ދިވެހި ރައްޔިތުންގެ މަޖިލީހިގައި ކުރެވުނު ތަޙްޤީގު ތަކުގެ ވާހަކައެވެ. މާލޭގެ ރަށްގޮވާ ވާހަކަތަކެވެ. މުޅި ޤައުމު ގުގުމާލެވިފައި ވަނީ މިވާހަކައިންނެވެ. މިވާހަކަތައް ނޭގޭ ކުޑަކުއްޖަކުވެސް މިދިވެހި އުޑުގެ ހިޔާ ދަށުގައި ނެތެވެ. ކުރީގައި ދެންނެވިހެން މިވާހަކަތައް ލިޔެ އިންޓަރނެޓް ވިއުގައަކަށް އަޅުގަނޑުމެން ފޮނުވީމެެ. އީ-މެއިލް ކުރީ މިދިވެހި ލޮބުވެތި މިވަޒަނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށެވެ. ނުވަތަ މިޤައުމުގެ އަހުލުވެރިންނަށެވެ. ސަންދާނުގެ 8 ނަމްބަރުގައި ސަންދާނާއި ބެހެގޮތުން ވަރަށް ތަފްޞީލްކޮށް ލިޔެފައިވާނެއެވެ. ސަންދާނުގެ މޮޓޯއިން ސަންދާނުގެ މަޤްޞަދު އެންމެންނަށްވެސް އެގޭނެއެވެ. ސަންދާނުގެ މޮޓޯއަކީ “ ޢަދުލު އިންސާފު މުޖުތަމައުގެ ހަމަޖެހުން“ މިއެވެ. ސަންދާނުގައި ލިޔެފައިވާ ވާހަކަތަކަކީ ސަންދާނުގެ މަސްޢޫލުވެރިން އަމިއްލަ ޚިޔާލަށް ލިޔާ ވާހަކައެއް ނޫން ކަމަށް ބަޔާންކޮށްފައިވާނެއެވެ. ސަންދާނު ލިޔާ މީހުން ކޮށްފައިވާ ކަމަކީ، މީހުން ދައްކާ ވާހަކަ އަޑުއަހައި އެއީ ހަޤީގީ ވާހަކައެއްކަމަށް ގަބޫލު ކުރެވޭނަމަ އެ ވާހަކަތައް ސަންދާނުގައި ލިޔުންކަމަށްވެސް އެލިޔުމުގައި ބަޔާން ކޮށްފައި ވާނެއެވެ. މިގޮތަށް ލިޔެވޭ ވާހަކަ ތަކުގައިވެސް ޙަޤީގަތާއި ޚިލާފް ވާހަކައެއް ހުރިތޯ ޗެކްކުރުމަށް އިލްތިމާސްކޮށް އޭގެ އަހުލުވެރިންނަށް އެދިފައިވާނެއެވެ. ތިމާއަށް މާތްﷲ ދެއްވާފައިވާ ސިކުނޑި ބޭނުންކޮށް ވިސްނުމަށާއި މީހުން ދައްކާ ވާހަކަ ޤަބޫލު ނުކުރުމަށާއި އަދި ކީއްކުރަންތޯއެވެ. ސަންދާނުގައި ލިޔެފައިވާ ވާހަކަތައް قبول ކުރުމަށްޓަކައި އިތުރަށް ހޯދާ ބެލުމަށް އިލްތިމާސް ކޮށްފައި ވާނެއެވެ. ސަންދާނުގައި ފާޅުކުރެވިފައި ވާނީ ދިވެހިން ޚިޔާލެވެ. މަޝްވަރާއެވެ. މިފަދަ ކަމެއްގައި ޤާނޫނު އަސާސީގެ 29 މާއްދާއަށް ދާކަށް ނުޖެހެއެވެ. އަމުދުން އެމާއްދާގެ ދަށުން ދެވެން އޮންނަ އެންމެ ބޮޑު އުޤޫބާތް ނިޔާ ކަނޑައަޅަން ޖެހުމަކީ އިންސާނީ ޙައްޤުތަކާއި ޚިލާފް ޢަމަލެކެވެ. އަދި މިފަދަ ބޮޑު އުގޫބާތެއްގައި ޙުކުމް ތަންފީޒު ކުރަން ކުޑަ ގޮޅިއެއްގައި ބެހެއްޓުމީ އިންސާނީ ހައްޤުތޯއެވެ. ކޮމިޝަނުން މިނުކުތާތަކާއި މެދު ވިސްނަވާ އަވަސް ފިޔަވަޅު އަޅުއްވައި ދެއްވާނެ ކަމުގައި ދެކެމެވެ.

އޭ ޢިއްޒަތްތެރި ކަމިޝަނަރއެވެ. ދިވެހި ދައުލަތަކީ ކޮބައިތޯއެވެ. މިމައްސަލާގައި ދައުލަތަކީ ކޮބައިކަން އެނގުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. އެހެނީ، އަޅުގަނޑުމެންގެ މައްޗަށް ދިވަހި ސަރުކާރުގެ ވަކީލު ޢާމިރު  ދައުވާ އުފުލާފައިވަނީ ދިވެހި ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން އުޅުނު ކަމުގެ ކުށުގެ މައްޗަށެވެ. ލިޔުމުގެ ކުލައިގާވެސް އަދި ސިފައިގާވެސް ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން އުޅުނީކަމަށް ބެލެވޭނެ ނިޝާނެއް ސަންދާނު ނޫހުގައި ނުވެއެވެ. އެއީ ހިނގާދިޔަ ވާހަކައެއްގެ ނުވަތަ ކަމެއްގެ ޚަބަރު އަނެކާއަށް ފޯރުކުރުމެވެ. މިފަދަ ޢަމަލުތަކަކަށް 21 ވަނަ ގަރުނުގެ އަހުލުވެރިން ދައުލަތާއި އިދިކޮޅު ޙަރަކާތެކޭ ނުކިޔައެވެ. ދުނިޔެމަތީގައި މާޒީވެ ގޮސްފައިވާ ދައުލަތްތަކާއި މެދުވެސް މިފަދަ ޚިޔާލުތައް ފާޅުކުރެވި ގޮސްފައިވެއެވެ.

އޭ ޢިއްޒަތްތެރި ކަމިޝަނަރއެވެ. އަޅުގަނޑުމެންނަށް ފަރާތަކުން ލިބުނު މަޢުލޫމާތު އަނެކަކަށް ފޮނުވި ފޮނުވުމުގައި ފަހަރުގައިވެސް ދިމާވެދާނެ އެންމެ ބޮޑުކަމަކީ ހަޤީގަތާއި ޚިލާފް މަޢުލޫމާތު ނުވަތަ ވާހަކަ ލިޔެވުމެވެ. ނުވަތަ ފޮނުވުމެވެ. އަދި އެކަށީގެންވާ ފުރުޞަތު އަޅުގަނޑުމެންނަށް ނުދެއްްވަނީ ވިއްޔާ އެއީ ހަޤީގީ ވާހަކައެއް ކަމަށް ޘާބިތުކޮށް ނުދެވި ހިގައިދާނެއެވެ. ނަމަވެސް އެއީ ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން އުޅުނީ ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. އަދި މިނޭވާގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ބަންދު ކުރެއްވުމާއި ގުޅިގެން ފުލުހުން އަޅުގަނޑުމެން ބަންދު ކުރެވުނު ސަބަބު ކަމުގައި އެންގެވި ކަމަށް މިސިޓީގެ މަތީގައި ބަޔާން ކޮށްދެއްވާފައިވާ ވާހަކަތަކަށް ވުރެން ދުރަށް އަޅުގަނޑުމެން ނުގެންދެވޭނެ ކަމަށެވެ. އެހެނީ، އަޅުގަނޑުމެން ކުރި ގޯސް ޢަމަލަކީ ގޯސް ނުވަތަ ޤާނޫނާއި ޤަވާއިދާ ޚިލާފް ކަމެއް ކަމަށް ބަލަނީ ވިއްޔާ ބެލޭނެ ހަމައެކަނި ގޮތަކީ އެއީއެވެ. އެމީހަކު ކުރި ޢަމަލަކުން ނޫނީ އެމީހަކު ކުށްވެރި ކޮށްލެވޭނެ ޤާނޫން ތަކެއް ނުހުރެއެވެ. ލިޔެގެން އުޅެނީ ލިޔުމެކެވެ. އަނެކަކަށް ޚަބަރެއް ކުރުމަށް ލިޔެވުނު ލިޔުމެކެވެ. ސަންދާނުގެ އަދަދުތައް ވިދާޅުވާށެވެ. މިހާރު ކަމިޝަނުން އެހުރިހާ ލިޔުންތަކެއް ބެއްލެވޭނެއެވެ. ގާޞީ އަރީފު ގެންގުޅުނު މިންގަނޑު ކޯޓުން ހޯއްދަވައިގެން ބައްލަވާށެވެ. ހުރިހާ ކަމެއް ކުރެއްވުމަށް ކޮމިޝަނުގެ ޤަވާއިދު ހުއްދަ ކުރޭ ނޫންތޯއެވެ. އޭރުން އެއީ މަޢުލޫމާތު ބަދަލުކުރުމަށް ލިޔެފައިވާ ލިޔުމެއްކަން ސާބިތު ވާނެއެވެ. 2002 ޖުލައި 7 ގެ ދިވެހި ސަރުކާރުގެ އިއުލާނުން އެއީ ނޫހެއްކަން ޔަޤީން ކޮށްދީފައިވެއެވެ. އަޅުގަނޑުމެން ކުރި ޢަމަލަކީ ކުށެއްކަމަށް ސާބިތު ވެއްޖެނަމަ އެދައުވާ ކުރަންޖެހޭނީ ޤާނޫލް އުގޫބާތުގެ ޗެޕްޓަރ 3 ގެ 88 (ހ) ގެ ދަށުންނެވެ. މިކުށް ކޮށް ثابت ވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން 6 މަސްދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދުކުރުން ނުވަތަ -/150 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ވީމާ ދަންނަވަމެވެ. އިއްޒަތްތެރި ކަމިޝަނަރއެވެ. ޤައުމުގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެވުމުގެ ބޮޑު ޒިންމާ މަނިކުފާނު ވަނީ ކޮނޑުފުޅުގައި އަޅުއްވާފައެވެ. މަނިކުފާނުގެ ވާޖިބު އަދާ ކުރެއްވުމުގައި އިންސާފުން ބޭރުވެ ވަޑައިނުގެން، އިންސާނިއްޔަތުގެ ގޮތުން އަޅުގަނޑުގެ މިމައްސަލަ ރިއާޔަންކޮށް ޢަދުލުވެރި އޯޑަރެއް ނެރުއްވައި ދެއްވުންއެދި އާދޭސް ދަންނަވަމެވެ. އިންސާނީ އިއްޒަތާއި ކަރާމަތަކީ ޢަދުލު އިންސާފު ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. މިއަދު އަޅުގަނޑު ވާނީ ނުކުރާ ކުށެއްގެ ބޮލުގައި އަޅުވައި ޢުމުރަށް ޖަލަށް ލާފައިކަމަށް ހަރުއަޑުން ގޮވަމެވެ. މިއަދު މިހިނގާ ކޮންމެ ސިކުންތަކީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަށް ބަރުދާސްތު ކުރަން ދަތި ވޭނީ މުޞީބާތެއް އިޙްސާސް ކުރަން ޖެހިފައިވާ ސިކުންތެކެވެ. މުޅި ހަޔާތް ވަނީ ބަރުބާދު ވެފައެވެ. ކުދި ދަރީންގެ އުއްމީދީ މުސްތަޤްބަލް ވަނީ ބަނަވެ މާޔޫސް ވެފައެވެ. ވީމާ އަވަސް ނިޔާއަކަށް އެދެމުން މިސިޓީއިން ދަންނަވަމެވެ. ސިޓީ މިނިންމާ އެންމެ ފަހު ސިކުންތާއި ހަމައަށްވެސް އަޅުގަނޑު މިހުރީ އަޅުގަނޑުގެ އިންސާނަކަށް ވާތީ ލިބެންޖެހޭ ގިނަ ޙައްޤުތަކުން ބޭރުކޮށް މަޙްރޫމް ކޮށްލާފައޭ މިދަންނަވަނީ ހަމައެކަން ކުރެވިފައިވާލެއް ނުބައި ކަމުންނެވެ. ކޮމިޝަނުން މިފަދަ ކަންތަކަށް ވިސްނަވައި ފާޑު ވިދާޅުވެ އަދި ކުރެވިފައިވާ ޙުކުމަށް ވިޔަސް އެކަން ރަނގަޅު ގޮތަކަށް ބަދަލު ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގައި ދެންނެވިދާނެއެވެ.

އެކަމަކު ސިޓީ ނިންމާލުމުގެ ކުރީގައި ވަރަށް މުހިއްމު ވާހަކައެއް ލިޔަން އެބަޖެހެއެވެ. އެއީ އަޅުގަނޑުމެން ސަންދާނުގެ ބައިވެރިންގެ ތެރެއިން ނިސްރީނު ހިމަނައިގެން އެއުޅެނީ އެއްވެސް އަސްލެއްގެ މައްޗަށް ބުރަވެގެނެއް ނޫނެވެ. ނިސްރީނަކީ ސަންދާނުގެ އެއްވެސް މިންވަރެއްގެ ބައިވެރިއެއް ނޫނެވެ. ސަންދާނު ނެރޭ ބަޔަކު، އެއްވެސް ހާލެއްގައި ނިސްރީނަކަށް ނޭގޭނެއެވެ. އަޅުގަނޑާއި އަޙުމަދު އިބްރާހީމް ދީދީއާއި އަދި އިބްރާހީމް މޫސާ ލުތުފީ ހަޤީގަތުގައި މިގޮތަށް ދެންނެވީމެވެ. ނިސްރީނުވެސް ހަޤީގަތުގައި އޭނާއަށް ސަންދާނުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށް ދެންނެވިއެވެ. ނިސްރީން އެދުވަސްވަރު ވަޒީފާ އަދާކުރީ އިބްރާހީމް މޫސާ އޮފީހުގައި ކަމަށް ވުމުން، ސަންދާނުގެ ހަޤީގަތް އެނގޭނެ ކަމަށް ބަލައި، އޭނާގެ މައްޗަށް ވެސް حكم އިއްވީއެވެ. މިކަމުގައި އެއްވެސް ހެއްކެތް ޤަރީނާއެއް ނެތެވެ. ނިސްރީނުގެ މައްޗަށް ޘާބިތުވާނެ ކުށަކީ ސަންދާނަށް އީ-މެއިލް ފޮނުވުމެވެ. އަދި އޭގައި މަޢުމޫންއަކީ ފިރުއައުނު ކަހަލަ މީހެކޭ އޮތްއޮތުމެވެ. ސަންދާނަށް ސަޕޯޓކޮށް ވަރަށް ގިނަ މީހުން އީ-މެއިލް ކުރިއެވެ. އެއީ ވަކިބައެއްކަން އެގިގެން ފޮނުވި އީ–މެއިލް އެއް ނޫނެވެ. ނިސްރީނުގެ އީ–މެއިލް އަކީވެސް މިގޮތަށް ލިޔެވުނު އީ–މެއިލެކެވެ. ވީމާ ލަސްނުކޮށް ނިސްރީނުވެސް ދޫކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުން އެދެމެވެ. މިސިޓީގައި ސަންދާނު މެދުވެރިކޮށް ޚިޔާލު ފާޅުކުރުމުގައި ކުށްވެރިވެފައި ތިބި އެހެން މީހުންގެ ވާހަކަ މިގެނައީ ކަމިޝަނުގެ ފުރިހަމަ މަޢުލޫމާތަށެވެ. ވީމާ އެކަމުން މިމައްސަލަ ދިރާސާ ކުރެއްވުމަށް އަދި ތަޙްޤީގު ހިންގަވާ ބެއްލެވުމަށް ކޮމިޝަނަށް ފަސޭހަފުޅު ވާނެތީއެވެ.

މިސިޓީގައި ސަންދާނު މެދުވެރިކޮށް ޚިޔާލު ފާޅުކުރުމުގައި ކުށްވެރިވެފައި ތިބި އެހެން މީހުންގެ ވާހަކަ މިގެނައީ ކަމިޝަނުގެ ފުރިހަމަ މަޢުލޫމާތަށެވެ. ވީމާ އެކަމުން މިމައްސަލަ ދިރާސާ ކުރެއްވުމަށް އަދި ތަޙްޤީގު ހިންގަވާ ބެއްލެވުމަށް ކޮމިޝަނަށް ފަސޭހަފުޅު ވާނެތީއެވެ.

މާތްﷲ ތިޔަ ކޮމިޝަނަށް ރަނގަޅުގޮތުގައި ތެދުމަގުން އިންސާނީ ޙައްޤުތަކުން މަޙްރޫމް ކުރެވިފައި ތިބި މީހުންނަށް އެ ޙައްޤުތައް ހޯދައިދިނުމުގައި މަސައްކަތް ކުރުމުގެ ތަޢުފީގު ދެއްވާށިއެވެ. މަނިކުފާނުފަދަ ތަޖުރިބާ ތަކެއް ކުރެވިފައިވާ އިންސާނީ ހައްޤުތަކަށް ލޯބިކުރައްވާ ބޭފުޅަކު ކޮމިޝަންއާއި ޙަވާލުވެލެއްވީތީ، އަޅުގަނޑު ވަރަށް ޝުކުރުވެރިވަމެވެ. އަދި ﷲގެ ޙަޞްރަތުގައި މަނިކުފާނާއި މަނިކުފާނުގެ ޓީމަށް މިފަދަ ކަންތައްތަކުގައި ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރަމެވެ. އާމީން

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

20 ޖެނުއަރީ 2004

28 ޒުލްޤައިދާ 1424

 

ޚާދިމަކުމް

މުޙައްމަދު ޒަކީ

މ.އަހުމަދީއާބާދު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

 

ކޮޕީ : އެޓާރނީ ޖެނެރަލް އޮފީސް / މާލެ

މިނިސްޓްރީ އޮފް ހޯމް އެފެއާރޒް / މާލެ

މިނިސްޓްރީ އޮފް ޖަސްޓިސް / މާލެ

ގައުމުގެ ޙާލަތު މިފެންވަރަށް ގޮއްސާވުމުން އަނިޔާވެރި ޢަދުލް އިންސާފެއްނެތްކަން ހާމަކޮށްދިނުމުންވެސް 2015 އާއި ހަމަ އަށް މަސައްކަތްކޮށްގެންވެސް މިނާއިންސާފީ ޢަމަލުތައް ބެލެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. އެންމެފަހުން 2015 ފައި HRCM ދެއްވި ޖަވާނު ތިރީގައި އެވަނީއެވެ. އަޅުގަނޑަށް މިހާރުވެސް ގަބޫލުކުރެވެނީ މާބޮޑު ބަދަލެއް އިންސާފު ލިބިދިނުމުގައި އަދިވެސް ނާންނަކަމެވެ. އެހެނީ ސަރުކާރުން ގަދަކަމުން ބަންދުކޮށްގެން ގެންގުޅޭ މީހުނާއި ގައިދީންނަށް ޝަރީޢަތެއްގެ އެޕީލް މަރުޙަލާއަށްވެސް ދެވެނީ އެފަދަ މީހުނަށް ގާނޫނީވަކީލަކާއި ބައްދަލުވެވޭނޭގޮތް ހަދާއިދީގެނެވެ. އަދި އެފަދަ ފުރުސަތެއް ފަހިކޮށްދީނެވެ.

އެންމެފަހުގެ ތާރީޚެއްގައި އަޅުގަނޑު ދުށީ ބުރޯގެ މަޖިލިސް ޑްރާމާއެވެ. ބުރޯވަނީ ޗައިނާއިން ސްޓޭޓް ވިސިޓެއް ނިންމާފައި މާލެ ވަޑައިގަތުމުން އިއްޒަތުގައި ފުލައިޓުން ފޭބުމުން އޭނާގެ އަމިއްލަފުޅު ސަރުކާރުން  އެރެސްޓްކޮށް ދޫނިދޫއަށް ގެންގޮސްފައެވެ. އެބަންދުގައި ބަހައްޓާފައ މަޖިލިސްއިން އޭނާއަށް ޙާޒިރުވާން އަންގާ ޙާޒިރުނުވިކަމަށް ބަލާ ރިޔާސަތުން ޖަޖްމަންޓްދެއްވީއެވެ. މީއީ މި ދިވެހިދައުލަތުގެ ނަމުގައި ސަރުކާރު ހިންގަން ޙަވާލުވެތިބޭ ޚާއިނުންގެ ޢަމަލުތައް ހުންންގޮތެވެ. ބޭނުންވަނި ހެޔޮބަދަލެކެވެ.ނަމަވެސް މިގައުމު މިފަދަބަލަކަށް ގެނައުމަށްޓަކައި ރައްޔަތުންގެ ޒިންމާ އަދާނުކުރެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ!

Loading

7 Responses

  1. ވަރަށް ހިތްވަރު ކުރެވިއްޖެތާއެވެ. 2004 ކުން 2015 ނޮވެންބަރާ ހަމަޔަށް އެ ސިޓީގައި ބަޔާންކުރެވިފައިވާ ލޮލުންދެކެ އަތުން ހިފާފައިވާ އަނިޔާތަކާއި ނާއިންސާފުން އިންސާފު ލިބިދެވޭތޯ އަދުލްއިންސާފުގެ ދަރުބާރުގެ ޙާލަތު އަމިއްލަ ތަޖުރިބާއިން އެނގިލަން ބޭނުންވާތީ ތި ލިޔުނުސީޓީ އަށް އެއްވެސް ކުރިއެރުމެއްނުލިބި ފައިލް ކުލޯސްކޮށްލުމުން ގައުމުގެ ހިއުމަން ރައިޓްސް އާއި ދައުލަތް ހިންގުމަށް ރައްޔަތުން އިސްކުރާ ސަރުކާރުތަކުން ހިއުމަން ރައިޓްސް އާއި ޢަދުލް އިންސާފަށް ލޯބިކުރާވަރު އެނގިއްޖެއެވެ. ކޮބާ އަންނިބެގެ ސަރުކާރުގައިވެސް ހަމަ ބެލޭގޮތެއްނުވިދޯ؟ ނުވާނެތާ އެވެސް ވެރިކަންހޯދަން ޖެހި ސަކަރާތް ގަނޑެއްވިއޔާއެވެ. ތި ސަންދާނު ގުރޫޕަށްވެސް ހީވީ އެއީ މަންޑޭލާހެންތާއެވެ. ހިހޫތަނުން މަކަރާއި ޖަހައިގެން ކާލާނެކަމެއް ނުވިސްނުނު ވިއްޔާއެވެ. ދެން އައިސް އެދިޔައީ ތިއަނިޔާތަކުގެ މޭސްތިރި މައުމޫނުގެ ކޮށްކޯފުޅު ޔާމީނުގެ ސަރުކާރުދޯއެވެ. އޭރުދެން ތުއްދޮންބެ ތިކަހަލަ ޢަމަލުތަކެއް ނުބެލޭނެތާއެވެ. ދެން އެސަރުކާރު އެދިޔައީ ބޮޑު ހިބަރު ވަދެއްގައި ޖެހިގެނޯލައެވެ. ދެން އަނެއްކާ މިއޮތީ ހިތްތިރި އޯގާވެރި ސޯލިޙުގެ ސޯލިޙު ސަރުކާރެވެ. ކަލޭމެން ސޯލިޙާށް ވަކިން ތި މުސީބާތުގެ ވާހަކަ ލިޔެ ވާގޮތެއް ބަލާލުންވެސް ރަނގަޅު ކަމަށް ފެނެއެވެ. އެއީ 2004 ން 2015 އަށް ހަމަ އެއްވާނަކަށް ތިކަމުގައި ހިފަށްޓާލިއިރު ދެން ސޯލިޙުގެ ސޯލިޙު ސަރުކާރުން ތިއަނިޔާތަކާއި ގެއްލުމުގެ ބަދަލު ހޯދަން އެދެން ހަމަ ފެންނާތީ ލިޔެނުނީއެވެ. ދިވެހި ސަރުކާރުގެ ތިކަހަލަ ޖަރީމާތަށް ބައިވަރެވެ. އަންނިބެ ނެގީ ޢަބުދުﷲ ގާޒީއެވެ. ހަމަ ހުސް ލަނޑާ!

    1. ސޯލިޙުގެ ސޯލިހު ސަރުކާރުގެ ބޮޑުވަޢުދު ރިލުވާނު ކޮބާތޯ. ހުސް ހޮޅިވާހަކަ ރައްޔިތުން ހެއްލަންވެގެން. އެއްކަމެއްވެސް ނުވާނެ. އަނގަތަޅަތަޅާ ތިއްބާ 2023 އައިސް ބޯމަތިވާނީ. ދެން އަނެއްކާވެސް އެހެން ސްޓޯރީއެއް ޖެއްސީމާ އޯކޭ ވާނެޔ؟

  2. ހިއުމަންރައިޓްސް އޮފް މީލްޑިވްސް ވެސް މިހާރު އަމިއްލަ ތަޖުރިބާއިން ތިއެނގުނީނު ހަމަ ސުމެއްގެ ތަނެއްކަން. އެހެންތާ ވާނީވެސް އެތަނަށް ލާނެމީހުން ގެ ނަންވެސް ފޮނުވަނީ ރައީސްމީހާ. ވީމަ ވަޒިފާ ލިބުނީމާ ރައިސް މީހާއަށް އެތަނުން ވަޒީފާ ލިބޭ މެމްބަރުން ”ތެދުވެރި“ ވާންޖެހޭނެ. ވީމާ އެތަނުންވެސް ބެލޭނީ ރައީސްމީހާ ނޫނީ ރުހުންދޭ މަޖިލިސްގެ ބޮޑުން ބޭނުންވާ މައްސަލައެއް ބޭނުން ފިނިހަކު ސްޕީޑެއްގައި. ނޫންތަ؟

  3. ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންއަމާންކަންލިބިގެންވާ ވެއްޓެއްގައި ދިރިއުޅުނު ޒަމާނެއް ތާރީޚުން އެނގޭކަށްނެތެވެ. އެމީހުން އަބަދުވެސް އުޅެމުން ގެންދިޔައީ ދައުލަތް ހިންގަންތިބި ބަޔަކުގެ ނޯކަރުންތަކެއްގެ ގޮތުގައެވެ. ކުރީގެ ވާހަކަތައް ލިޔެވިފައެއްނެތެވެ. ލިޔެވޭނެގޮތެއްވެސް ނެތެވެ. ފަހުގެތާރީޚުގައި ދިވެހިރައްޔިތުންނަށް އަމާން ކަމާއެކު ދިރިއުޅުން ކަށަވަރު ކޮށްދިނުމަށްޓަކައި ކަންހިނގަމުންދާގޮތް ރައްޔިތުންނަށް އޮޅުންފިލުވާދިނުމަށް އޭރުގެ ސަންދާނުން އަޑުއުފުލަމުންގެންދިޔައެވެ. އެހެންނަމަވެސް އެ އަޑުތައް ރައްޔިތުންނާ ހަމަޔަށް ފޯރުމަށް ހުރި ހުރިހާ މަގުތަކެއް ދައުލަތުން ގެންދިޔައީ ބަންދުކުރަމުންނެވެ. އެންމެފަހުން އެ އަޑުތަކުގެ ވަސީލަތާއި އެކަމުގައި އުޅުނު މީހުންވެސް ނެތިކޮށްލެވުނީއެވެ. މިއީ އޭރުގެ ހާލަތެވެ. އޭގެ ފަހުން ހަމަހިލާ ތިހެންނަކުންނުވާނެޔޭ ކިޔައި ގަދަބަސްބުނެ އިސްލާހުގެ މަސައްކަތްފެށި ބަޔަކަށް ރައްޔިތުންގެ ތާއީދު ލިބުނެވެ. ނަމަވެސް ތޮށިގަނޑު ފަޅާލާފައި ނުކުތްއިރު ފެނުނީ ކުރިއަށް ވުރެންވެސް ނިޔަތް ނުބައި ބައެވެ. އަދުލު އިންސާފު ނެތުމުގެ އިތުރުން ތަހްޒީބުގެ ނަމުގައި ދިވެހިންގެ އާދަކާދަވެސް ނައްތާލަނީއެވެ. ދިވެހިންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އިސްލާމް ދީންވެސް ފަނޑުކޮށްލަނީއެވެ. ދިވެހިންގެ ބައިތުލަމާލަކީ ބަޔަކުމީހުންގެ ވާރުތަމުދަލަކަށްވެއްޖެ ކަހަލައެވެ. ބަހާލަނީއެވެ. ބައިއަޅަނީއެވެ. ދަރިންގެ ދަރިންނަށް ދަރަނިވެރިކުރުވައިފިއެވެ. ދައުލަތުގެ ވެރިޔަކު ޚިޔާރުކުރުމަށް ރައްޔިތުންނަށް ފުރުސަތުތަކެއް ހުޅުވާދީފިއެވެ. އެކަމަކު އިޚްތިޔާރުކުރުމުގެ މަގު ބަންދުކޮށްފައެވެ.

  4. ސަރުކާރަކަށް ފަހު ސަރުކާރެއް ބަދަލުވަމުން ދެއެވެ.ނިންމާލެވުނީ.ދައުލަތާއިދިކޮޚުޢަމަލެއް ހިންގައިގެން ޖަލަށް ޅަމުން އެދިޔަ ނަމެވެ. އޭގެ ބަދަލުގައި ޖަލަށް ލަނީ ކޮންމެވެސް އެހެން އިލްޒާމެއް އަޅުވާ ފުލުހުން ލައްވާ ﷲ ގެކަލާމްފުޅުގައި އަތްލައްވާ ދޮގުހުވައެއް ކުރުވައިގެން ނެވެ..ސަންދާނުންމަސައްކަތް ކުރީ ގައުމުގައި އޮތް އަނިޔާވެރި ޑިކްޓޭޓަޝިޕް ނައްތާލުމުގެ މަސައްކަތެވެ.އެހެނަސް ލިއުންތެރިން ހެޔޮނިއަތުގައި ކުރާމަސައްކަތަށް ކުލަ އަންނާނީ ވަރަށްގިނަ ޒަމާނުންކަން ގަބޫލު ކުރައްވާށެވެ.މިޖީލު ވެސްނިމި ހިނގައިދާނެއެވެ.އެހެނަސް ސަންދާންގެ ލިއުންތެރިންގެ މަސައްކަތް ނުނިމޭނެއެވެ. އެކަކުނެތުމުން އިތުރު ލިއުންތެރިން މިގައުމަށް އިންޞާފު ލިބެންދެން މަސައްކަތް ހުއްޓާނުލާނެ ކަމަށް ހީކުރަމެވެ.

  5. ފަހަކަށް އައިސް ނޫސްވެރިން ޖަލަށް ލަނީ އެހެން އިލްޒާމެއް އަޚުވާ ފުލުހުންލައްވާ ދޮގުހުވާކުރުވައިގެންނެވެ. މިކަންކަން ކުރުވުމުގެ އޭރު ބޮޑަކަށް ހުންނެވީ ލޯންސްޓަރ އާދަމް ޒާހިރެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް