މަތީ ތައުލީމު ހާސިލް ކުރުމަށް ސްޓޫޑެންޓް ލޯނު ދޭއިރު ހުރިހާ ރަށަކުން ދަރިވަރަކަށް ވެސް އެ ފުރުސަތު ލިބޭނެހެން ލޯނު ދޫކުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ދެ ރަށް ނުވަތަ ތިން ރަށް ހުންނަ ދާއިރާތަކުން ހުރިހާ ރަށަކަށް ސްލޮޓް ދިނުމަށްފަހު ހަތަރު ރަށް ހިމެނޭ ދާއިރާގައި އެއް ރަށަށް ސްލޮޓް ދިނުމުގެ ބަދަލުގައި ހުރިހާ ރަށަކަށް ސްލޮޓް ރިޒާވް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
މަތީ ތައުލީމުގެ ލޯނަށް ބަދަލުތަކެއް ގެނެސް، ލާމަރުކަޒީގޮތުން ބަހާލާފައިވާ ނުވަތަ އިންތިހާބީ 87 ދާއިރާއަށް ފުރުސަތުތަކެއް ކަނޑައެޅި ނަމަވެސް އެ ކެޓަގަރީއަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށާއި، އެހެންކަމުން އެކަމާ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެން ހުޅުވާލާ ލޯނު ސްކީމެއްގައި މިހާރަށް ވުރެ ވެސް ބޮޑަށް ރަށްރަށުގައި ތިބި މީހުންނަށް ފުރުސަތު ފަހިވާގޮތަށް ސްކީމް ބަދަލުކުރުން ވިސްނުން އެބަހުރި ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ލޯނުގެ ތެރެއިން، 87 ފުރުސަތު ހާއްސަކުރީ ލާމަރުކަޒީ ގޮތުން ބަހާލާފައިވާ ދާއިރާތަކަށެވެ. އެ ކެޓަގަރީއަށް 46 ދަރިވަރުން ކުރިމަތިލި ނަމަވެސް، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ލޯނު ލިބިފައިވަނީ 10 ދަރިވަރަކަށެވެ.
މިއަހަރު ފުރަތަމަ ހުޅުވާލި ލޯނު ސްކީމަށް 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ލޯނު ލިބިފައިވަނީ 514 ދަރިވަރުންނަށެވެ. އެ ދަރިވަރުންގެ ކިޔެވުމަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.