މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރިންގެ ދީންމަތީގައި

Loading

Facebook
Twitter
WhatsApp

 އިސްލާމް ދީނުގައި ކަނޑައެޅިގެންހުރި ފަރުޟު ކަންތައް ކުރުމަށް އަމުރު ކުރުމެއްނެތި ކަނޑައެޅިގެންހުރި މަނާކަންތައް ޙަރާމް ކުޅައުމެއްނެތި ޙައްދު ތަޢުޒީރުގާއިމް ނުކޮށް ތިބެ ކަންތައް ތަކެއް ކުޅަޔަކަސް އެ ހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނެވޭނެ ބާވައޭ ހިތަށް އަރައެވެ.

     ދީނާއި ވެރިކަމަކީ އެއްމާބަޑު ދެ އެއްޗެވެ. މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރީންގެ ދީންމަތީގައެވެ. މިބަހުގެ މުރާދައަކީ ވެރިންގެ ކިބައިގާ ހުރި ދީންވެރިކަމެއްގެ މަތީގައޭ ބުނެތެވެ. އެހެން ވީއިރު ދީނުގެ ހެޔޮ ކަންތައް ތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް ތިމާމެންގެ ވެރިކަމުގެ ދަށުގައި މާތް ﷲ ލައްވާފައިވާ އެކަލާނގެ އަޅުތަކުންގެ ކަންތައް ސުލްޙަވެރިކޮށް އެމީހުންނާއިގެން ހިނގުމަށް އެ ކަލާނގެ ދެއްކެވި ތެދުމަގުގައި ހިނގާފައި ނުދެވޭނަމަ އެފަދަ ވެރީންނަށް ތިބޭ ބައެއްގެ ކުށް ކިހާ ބޮޑުވާނެ ތޯއެވެ؟

ތެދުމަގުގައި ހިނގާފައި ދެވޭ ޢަދުލުވެރި ބަޔަކު ކަމުގައި އެބައިމީހުންވާނަމަ އެބަޔަކަށް ހުރި ނިޢުމަތްތައް ކިހާ މަތިވެރި ވާނެތޯއެވެ.

     ރާއްޖޭގައި މީސްތަކުން ކުރަމުންދާ ޙާރާމް ކަންތައްތަކާ ފާޙިޝް ޢަމަލުތައް އިންތިހާއަށް ގިނަވަމުން ދާއިރު ދީނުގައި ކަނޑައެޅިގެންހުރި މިފަދަ ހަޑިމުޑުދާރުޢަމަލުތަކާއި ފާޙިޝް ޢަމަލްތައް ހިންގާ ފަރާތްތައް އެއްވެސް ފަރުދާއެއް ނެތި މީސްތަކުންނަށް ހާމަވަމުން ދާއިރުވެސް އެބައިމީހުންގެ މައްޗަށް ޙައްދު ތަޢުރީޒު ގާއިމް ނުކޮށް ތިބުމަކީ ﷲ ގެ ލަޢުނަތް އެބައެއްގެ މަށްޗަށް ލައްވަފާނެ ފަދަ ބިރުވެރި ކަމެކޭ ހިތަށް އަރާތީ އެވާހަކަ ދެއްކެނީއެވެ.

ވައްކަންކުރުމާ ރިޝްވަތުހިފުމާ ރިޝްވަތުދިނުމާ ފިތުނައުފެއްދުމާ ނެތިނުބައި މޮށުމާ ދެބައޮޑުވުމާ ޝިރުކު ކުރުމާ، ޙައްގަކާނުލައި މީހުން މެރުމާ ރޭޕްކުރުމާ މުސްލިމުންގެ އަބުރު ކަތިލުމާ މިހެންގޮސް ﷲ ޙަރާމް ކުރެއްވި އެންމެހައި ނުބައި ފާފަކުރާ މީހުން ރާއްޖޭގައިވަނީ އިންތިހާއަށް ގިނަވެފައެވެ. އަދި މިފަދަ މީހުންނަކީ ފާޅުކަން ބޮޑުކޮށް މިކަންކަން ކުރުމުގައި ދެމިތިބޭ ބައެކެވެ. އެހެނަސް މިފަދަބޮޑެތި ފާފަ ކުރާމީހުން ތިބެނީ އަބަދުވެސް ސަރުކާރުގެ ޙިމާޔަތުގައި ކަން ފާހަގަ ކުރަމެވެ. މިކަންކަމާއި ބެހޭގޮތުން ދައުލަތް ހިންގުމާއި ޙަވާލުވެތިބޭ ސަރުކާރުގެ ފަރާތުން ބަސް ނުބުނާއިރު މިފަފަ ކަންކަން ހުއްޓުވައި އެފަރާތްތަކުގެ މައްޗަށް ޙައްދު ތަޢުޒީރު ގާއިމް ކުރުމަށް ގާނޫނީ ގޮތުން މަތިކުރެވިފައިވާ އިދާރައްވެސް އޮންނަނީ ނިންދަވާލެވިފައެވެ.

 ރާއްޖޭގެ އާބާދީގައި ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ. އަނެއްކޮޅުން މިޒަމާނުގައި އުފެދޭ ދެޖިންސުގެ ޒުވާނުން ވެސް ނުހަނު ރީއްޗެވެ. މި ބިންމަތީގައި ﷲ ލައްވާފައިވާ އެންމެ މަތިވެރި އަރާމަކީ އަނބިފިރިކަމުގެ އަރާމުކަން ޝައްކެއްވެެސް ނެތެވެ. ސޯޝަލް މީޑިއާ އިން އެފެންނަ ޒުވާން ފަރި ޖިންސުއްލަޠީފުން އިންނާނޭ ރަނގަޅު ހެޔޮލަފާ ފިރިހެނުން ނުލިބިގެން އެދަނީ ސަލާން ޖަހަމުންނޭ ބުނުން ދޮގަކަށްވާނެ ހެއްޔެވެ. 

މޫނު ބުރުގާއެޅި އަންހެންކުދީންވެސް މީގެ ތެރޭގައި މަދެއްނޫނެވެ. އެހެނަސް އެމަތިވެރި އުފާތަކާއި އަރާމް ދޫކޮށް ﷲ ޙަރާމް ކުރައްވާފައިވާ ލިވާތުކުރުމުގެ ބޮޑެތި ފާފަތަކަށް ބިރެއް ސިހުމެއްނެތި އަރައިގަންނަނީއެވެ. ބައެއް ޢިލްމު ފޮތްތަކުން އެނގޭގޮތުގައި ފިރިހެނެއްގެ ޖިންސީ ގުވަނުގައި ފިރިހެނަކު އެނިޔަތުގައި އަތްލާހިނދު ބިރުން ބިންވެސް ތުރުތުރު އަޅައިގެންދާކަމުގައި ލިޔެފައިވެއެވެ. ވީއިރު މިއީ ﷲ ގެ ޢަޒާބާ ކޯފާއަށް ބިރުވެތިވާމުސްލިމަކު ކުރާނެ ކަމެއް ތޯއެވެ.

     ލޫތު ޢަލައިހިއްސަލާމްގެ ގައުމުގެ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގުމުގައި ހައްދުން ބޭރުވި ބައެކެވެ. ލޫތުގެފާނު ގައުމުގެ މީހުންނަށް ދެއްކެވި ޢަޒާބުގެވާހަކަ ނޭގޭނެ ދިވެއްސަކު މަދުވާނެއެވެ. އެބައިމީހުންނަށް ﷲ ފޮނުއްވި ކޯފާ އަކީ އެގައުމު ބަންޑުން ޖެއްސެވުމެވެ. އެބައިމީހުން ތިބީ ގާވެފައެވެ. ރެޑްސީ (ރަތްކަނޑު) އެއޮންނަނީ ލޫތުގެފާނުގެ ގައުމު އޮތްތާގައެވެ. އަދި އަދަށްވެސް އެކަޑު އެއޮތީ އެއެްވެސް ބޭނުމެއް ނުކުރެވޭ އަޑިނޭނގޭ ބިރުވެރި ކަނޑެއްގެ ގޮތުގައެވެ.

     ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގާ މީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ ފިރިހެނުން ފިރިހެނުންނާ ކައިވެނި ކުރުވާ ދުނިޔޭގެ ޖަމާޢަތްތަކާ ގުޅިގެންއުޅޭ އެޖަމާޢަތްތަކުގެ މެންބަރުން ކަންވެސް މިހާރު އެބަ އެނގޭމެއެވެ. އެހެންކަމުން މިއިން މީހެއްގެ މައްޗަށް ﷲ ގެ ޝަރީޢަތް ތަންފީޒު ކުރާކަށް ނުކެރޭނެކަމަށް އެ ފަޙުޝީ ޢަމަލު ހިންގާ ގިނަ ދިވެހީން މިހާރު އެބަ ގަބޫލު ކުރެއެވެ. އެއީ އެފަދަ ޙުކުމެއް އެބައިމީހުނަށް އެއްވައިފި ގައުމުގެ ވެރިޔަކު ޔޫރަޕަށް އަރައިފިނަމަ އެވެރިޔަކު މާރާލާނެ ކަމުގެ ބިރުވެސް މިހާރު އޮތުމުންނެވެ.

     ﷲ ގެ ޙަޒުރަތުގައި ތިމާ ހުއްޓިގެން ހުންނަން ޖެހޭ ދުވަހާމެދު ބިރެއްނެތްކަހަލައެވެ.   އިސްލާމީ ގައުމެކޭ ހަރުއަޑުންބުނެ ﷲ ގެ ދީން ޙިމާޔަތް ނުކުރާ މިފަދަ ވެރިކަމެއްގެ ދިދައިގެ ދަށުގައި މީސްތަކުން ތިބެން ހެޔޮވާނެތޯއެވެ. މިހާރުވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެވަނީ މަކުނުވިދުރި ކިޔާ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ އެބަލިން ރައްކާތެރި ވުމުގެ އިންޒާރު ނެރެފައެވެ. 

މިބަލި ޖެހެނީ އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ކަމަށެވެ. ޚަބަރުތައް ބުނާ ގޮތުން ރާއްޖޭގެ އާބާދީގެ %10 ޕަސެންޓާ %20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އެއްޖިންސުން ގުޅުންހިންގާމީހުން މިހާރު އެބައުޅެއެވެ. މަކުނު ވިދުރިއަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބިރުވެރި އަނެއް ސިއްޙީ މުޞީބާތެއްގެ ފެށުމެވެ. ރާއްޖެއަށް މިބަލި އަތުވެއްޖެނަމަ އެކަކުވެސް ސަލާމަތުން ހުންނާނެ ކަމުގެ އުންމީދެއްނެތެވެ. މިފެށުނު މަކުނު ޕޮކްސް އަކީ އެއްޖިންސުން ގުޅުންހިންގާ މީހުންގެ މައްޗަށް މާތްﷲ ފޮނުއްވާ މުޞީބާތެއް ނޫންބާވައޭވެސް ހިތާހިތުން ސުވާލުކޮށްލަމެވެ.

     ކަން މިހެން ހުރުމާއިއެކު މިފަދަ ބިރުވެރި ނުރައްކާތެރި ބޮޑު ފާފައެއް ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ޙައްދު ތަޢުޒީރު ގާއިމްކޮށް ﷲ ގެ ޝަރީޢަތް އެބައެއްގެ މަށްޗަށް ތަންފީޒު ކޮށްދީ މި ދީބުގައި އުޅެމުންގެންދާ އެފަދަ ވަޙުޝީ ޙައިވާނީ ކުޅިޔަށް އަރައި ނުގަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ.  މިދުނިޔެ އަކީ ވަގުތީ މަންޒިލެއްކަން އެއްވެސް ޝައްކެއްނެތި ޔަގީނެވެ. ދާއިމަށް ދިރިތިބެވޭނެ މަންޒިލެއްނޫންކަން އެނގެއެވެ.

     ރާއްޖޭގައި ދީނީ ޢިލްވެރިން ވެސް ނުހަނު ގިނައެވެ. އެހެނަސް ހިތާމަޔާއިއެކު ދެންނެވޭނީ އޭގެ ތެރެއިން ބައެއް ޢިލްމުވެރިންނަކީ ސިޔާސީ މަގްޞަދެއް ނެތި މީސްތަކުންނަށް ހެޔޮމަގަށް މަގުދައްކަން މަސައްކަތް ކުރާ ބައެއް ނޫންކަމުގައެވެ.ވާނީވެސް އެހެންތާއެވެ! އެންމެންވެސް ބޭނުންވަނީ ފައިސާ އާއި ދުނިޔޭގެ ބާރުވެރިކަމެވެ. އެހެން ކަމުން ފައިސާއަށްޓަކާ ނުވަތަ މަގާމާ ތަނަވަސް ކަމަށްޓަކާއިނޫނީ އެފަދަ ޢިލްމުވެރީން އެއްވެސް ކަމެއް ކުރައްވާތަނެއް ނުފެނެއެވެ. ފިތުނަ އުފެއްދުމާއި މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ބައިބައިވުން އުފެދޭ ޒާތުގެ ކަންކަން ނޫނީ އެބޭފުޅުން ނުކުރައްވައެވެ.

ޢިލްމުވެރީންނަކީ ވެސް އެބޭފުޅުން ދުނިޔެ މަތީގައި އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރައްވާ ތިއްބެވިނަމަ ގިޔާމަތްދުވަހު އެޒިންމާއިން ރެކެވޭނެ ބައެއްނޫންކަމުގައި ހުރިހާ ޢިލްމުވެރީންވެސް ބުނެދެއެވެ.

ތިމާއަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީސްތަކުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބާރާއި ނަރަކައިގެ ބިރުވެރިކަމުގެ ޚަބަރު ފޯރުކޮށް ނުދީ ދީނުގައި ހުރި ބައެއް ޚިލާފް އުފެދޭކަންކަން މީސްތަކުންނަށް އޮޅުންފިލުވާ ނުދީ ތިބުމުގެ ޒިންމާއިން އެދުވަހު ރެކިގަނެވޭނެ ކަމަށް އުންމީދު ނުކުރާށެވެ. ﷲ އީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އައްސަވާ ވޮޑިގެންވާ އިލާޙް އެވެ.

މިފަދަ   އިސްލާމީ ގައުމެއްގެ ރައްޔިތުން މަގުން މިވަރަށް ކައްސާލައި ނަރަކައިގެ އަލިފާނާ ދިމާލަށް ދުވަމުން ދާއިރު މީސްތަކުން ސުވަރުގެއާ ދިމާލަށް އަނބުރާލުމަށް ޢިލްމުވެރިންގެ އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން ލަސްވެއްޖެ ކަމުގައި ދެކެމެވެ. މިއީ ދީނީ ދަރުސެއް ނޫނެވެ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ދީނީ ޢިލްމްވެރީންގެ ތަގުރީރުތައް އަޑުއެހުމުގެ ނަސީބު ލިބިފައިވެއެވެ. އެހެންވެ މުސްލިމަކަށް ވީތީ ހިތުގައި އުފެދުނު ބިރުވެރި ޝުޢޫރުތަކާއި ގުޅިގެން ބުނަން އެނގޭ ގޮތަކަށް އެކަމުގެ ބިރުވެރިކަން ހާމަކުރުމުގެ ގޮތުން ދަންނަވާލީއެވެ.

Loading

One Response

  1. މިފަދަ ލިއުންތައް އަދިވެސް ގިނަކުރައްވާށެވެ. އެންމެމީހަކަށް ތެދުމަގު ލިބުނަސް އެއީ ހާދަބޮޑު ނިއުމަތެކެވެ. ސައީދުގެ މައުލޫމާތަށްޓަކައި މިލިއުމުގައި އޮތް ކުށެއް ދަންނަވާލާނަމެވެ. ލޫތުގެ ފާނުގެ ގައުމުކަމަށް ބުނެވޭ ސަރަހައްދަކީ ޑެޑް ސީ އެވެ. އެތަން އޮންނަނީ އެއްފަރާތުން އުރުދުން އަދި އަނެއްފަރާތުން މިހާރުގެ އިސްރާއީލް ހިމެނޭ ސަރަހައްދެއްގައެވެ. ރެޑްސީ އަކީ އަރަބި ބައްރާއި އެފްރިކާގެ ބައްރުގެ ދެމެދުގައި އޮންނަ ކަނޑެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް