އަހަރެންނަކީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ ފިރިހެނަކީމެވެ. އަހަރެން ދިރިއުޅޭ ގެ ހުންނަނީ މީހުން އުޅޭ ހިސާބާ ވަރަށް ދުރު އެކަހެރި ސަރަހައްދެއްގައެވެ. ކުރަން ހުންނަ ބައެއް ކަންކަން ނިންމާލުމަށްފަހު އާންމުކޮށް އަހަރެން ނިދަނީ ލަހުންނެވެ.
އެއީވެސް އޭގެ ތެރެއިން ރެއެކެވެ. ލެޕްޓޮޕް ހިފައިގެން ސިޓިންގރޫމުގައި އަހަރެން އިނީމެވެ. ކުއްލިއަކަށް ބޭރު ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. މީހަކަށް ފިލަން ދުވެފައި އަންނަ މީހަކު ތަޅައިގަންނަހެންނެވެ.
”އަހަރެމެން އެތެރެއަށް ވައްދަބަލަ! މަންމަވެސް ބޭރުގަ އެބަހުރި.“ ވައި އަޑަކުން ކުޑަ ފިރިހެންކުއްޖަކު ބުނި އަޑު އިވުނެވެ.
ގަޑިއަށް ބަލައިލީމެވެ. ދަންވަރު ދެގަޑިބައިވީއެވެ. ގޭގައި އުޅެނީ އަހަރެން އެކަނިކަމުން، ދޮރު ހުޅުވުމުގެ ކުރިން އަހަރެން ސެކިއުރިޓީ ކެމެރާއިން ބަލައިލީމެވެ. ދޮރުމަތީގައި ތިބީ ކުޑަ ތިން ކުދިންނެވެ. ގާތްގަނޑަކަށް ދިހަ އަހަރާ ހަތް އަހަރާ ދެމެދުގެ ކުދިންނެވެ. އަންހެން ކުއްޖަކާއި ދެ ފިރިހެންކުދިންނެވެ. ލައިގެން ތިބީ އަހަރެމެން ކުޑައިރު ލައިއުޅޭ ބާވަތުގެ ހެދުންތަކެކެވެ.
ދޮރު ހުޅުވުމުގެ ކުރިން އަހަރެން ދެވަނަ ވިސްނުމަކަށް ދިޔައިމެވެ. ދޮރުގައި އިން ޕީޕްހޯލުގައި ލޯ ޖަހާފައި އަނެއްކާވެސް ބަލައިލީމެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ކުދިންގެ ލޯ ހުރީ އެއްކޮށް ކަޅުކުލައިގައެވެ. ލޮލުގެ ހުދުބައި ނުވެސް ނެތީއެވެ. އަހަރެން ބިރުން ފަހަތަށް ޖެހުނީމެވެ. ފުލުހުންނަށް ގުޅީމެވެ. އޭރު ދޮރުގައި ބާރަށް ވަކިއަޅާކަހަލަ އަޑުފަށްގަނޑެއް އިވެއެވެ.
”އަހަރެމެންނަށް އެނގޭ އެތެރޭގަ ހުރެގެން އެބަ ބަލާކަން. ހުޅުވަބަލަ!“ ވައި އަޑަކުން، ކުރިއަށްވުރެ ހަރުކަށި ރާގަކަށް އަނެއްކާވެސް ބުންޏެވެ.
ދިހަވަރަކަށް މިނެޓު ފަހުން ފުލުހުން އަތުވެއްޖެއެވެ. އޭރު ބޭރުގައި އެކަކުވެސް ނެތެވެ. އެ މީހުން ގޭގެ ބޭރު ވަށައިގެން ބެލިއެވެ. އެތެރެއަށް ވަދެ ފާސްކުރިއެވެ. ސެކިއުރިޓީ ކެމެރާގެ ރިކޯޑިންގ ބެލިއެވެ.
”ބޭރުގަ ތިބީ ތިން ކުދިންކަން ޔަގީންތަ؟ ރިކޯޑިންގގަ ފެންނަނީ ހަތަރު ކުދިން.“ ވަރަށް ބެލުމަށްފަހު އަހަރެންނަށް ގޮވާފައި ފުލުސް އޮފިސަރު ދެއްކިއެވެ.
ސިހިގެންގޮސް ހުރެވުނު ތަންވެސް ނޭނގުނެވެ. މަޑުމަޑުން ފަހަތަށް ފަހަތަށް ހިނގައިގަނެވުނެވެ.
”އަހަރެން އޭރުވެސް ހުރީ ގޭތެރޭގަ.“ އެ ވަގުތު ގޭތެރޭން ވައި އަޑަކުން ބުނި އަޑު އިވުނެވެ.
އަޑު އައި ދިމާއަށް ސިހިފައި ބަލައިލެވުނެވެ. ކޮޓަރި ދޮރުމަތީގައި ހުރީ ހަމަ އެ ސިފައަށް ހުރި ހައެއްކަ އަހަރުގެ ފިރިހެންކުއްޖެކެވެ. ލޮލުގައި ހުދު ބައެއް ނެތެވެ. ލައިގެން ހުރީ ހަމަ އެކަހަލަ ހެދުމެކެވެ.
(ނިމުނީ)
ތަރުޖަމާއެއް
![]()
