ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ރަސްމީ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި މިހާރު ސިންގަޕޯރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި އެ ގައުމުގެ ކުރީގެ ރައީސް  ގޮޓަބާޔާ ރާޖަޕަކްސަ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެކަމަށް ވަކި ތާރީޚެއް އަދި ނުނިންމަވައެވެ.                                                      

ސްރީލަންކާގެ ކެބިނެޓްގެ ވަޒީރު ބަންދުލާ ގުނަވަރްދަނާ ވިދާޅުވީ  ރާޖަޕަލްސަ އުޅުއްވަނީ ފިއްލަވައިގެން ނޫންކަމާއި އަދި އެމަނިކުފާނު ވަޑައިގަތުމުގައި ގައުމުގެ ސިޔާސީ މަސްރަހަކާ އެއްވެސް ގުޅުމެއްނެތް ކަމުގައެވެ. ގުނަވަރްދަނާ މިހެން ވިދާޅުވެފައިމިވަނީ ރަޖަޕަކްސަ ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައި ދިރިއުޅުއްވަން ގަސްދު ކުރައްވާފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިގެންދާ ދުވަސްވަރެއްގައެވެ.   

ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށަށްގޮސް ޢާންމު ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި އަދި ބޭސްފަރުވާ ގަންނާނެ ފައިސާވެސް ގައުމުގެ ޚަޒާނާގައި ނެތި ހުސްވުމުން ރައްޔިތުން ބަނޑަށްޖެހި ހަދާނެގޮތް ހުސްވެ މަގުތަކަށް ނިކުމެ ރާޖަޕަކްސަ އާއި ސަރުކާރު އިސްތިއުފާ ދިނުމަށްގޮވާ މުޒާހަރާ ކުރަމުންގޮސް ރައީސްގެ ގަނޑުވަރަށާއި ސަރުކާރުގެ އެންމެ ހައިބަތުހުރި ބައެއް އެހެން އިމާރާތްތަކަށް ވަދެގަނެ ބައެއް އިމާރާތްތަކުގައި ރޯކޮށްލާ ހަދަމުން ދަނިކޮށް އަނބިކަނބަލުންނާއި ދެ ބޮޑީ ގާރޑުންނާއެކު ރާޖަޕަކްސަ ގައުމުން ފިއްލަވައިގެން ޖުލައި 13 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި އޭގެ އަނެއްދުވަހު އަމިއްލަ ދަތުރުފުޅެއްގައިކަމުގައި ވިދާޅުވެ ސިންގަޕޯރަށް ވަޑައިގަތީއެވެ.                                                                         

1948 ވަނައަހަރު އިނގިރޭސީން އަތުން މިނިވަންކަން ލިބުމަށްފަހު ވޭތިވެގެން ދިޔަ އަހަރުތަކުގައި ދުވަހަކުވެސް ނުދެކޭފަދަ އިގްތިސާދީ ނުކުޅެދުން ތެރިކަމާކާ ސްރީލަންކާގެ 22 މިލިއަން ރައްޔިތުން ކުރިމަތި ލާން މިހާރު މިއޮތީ ޖެހިފައެވެ. ކާބޯތަކެއްޗާއި ހަކަތައާއި ބޭސްފަރުވާގެ ވަސީލަތްތައް ލިބުން އޮތީ އޭގެ އެންމެ ނިކަމެތި ހާލަތުގައެވެ. އެހެން އިބާރާތަކުން ބުނާނަމަ އެ ގައުމުގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު މިހާރު އޮތީ ދެފައި ބިނދިފައެވެ.                                                 

ރާޖަޕަކްސަ ސިންގަޕޯރަށް ވަޑާއިގުތުމުން 14 ދުވަހުގެ ވިޒާއެއް ލިބިވަޑައިގަތެވެ. ސިންގަޕޯރގެ ވަޒީރެއް ނުވަތަ މަތީފެންވަރުގެ އެއްވެސް ބޭފުޅެއް ލަންކާގެ ރައީސް ގޯޓާގެ އެރައިވަލްއަކަށް މަރުޙަބަ ކިޔަން ނުދެއެވެ. އެއަށްފަހު 14 ދުވަހަށް ދެވުންވިސާ މިހާރު އޮތީ އޯގަސްޓުމަހުގެ 11 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށް ދީފައެވެ. ސިންގަޕޯރ ސަރުކާރުން ހާމަކުރާގޮތުގައި ރާޖަޕަކްސަ ސިންގަޕޯރުގައި މިހާރު އެހުންނަވަނީ އާންމު ފަރުދެއްގެ ހައިސިއްޔަތުންނެވެ. އަދި އެމަނިކުފާނަށް ސިންގަޕޯރުން ސިޔާސީ ހިމާޔަތް ނުދެއްވާނެއެވެ. ރާޖަޕަކްސަ ސިންގަޕޯރަށް ވަޑައިގަތުމަށްފަހު ރައީސްކަމުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.                       

ގޮޓަބާޔާ ރާޖަޕަކްސަބެ ބޭބެ އަދި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އާއި މާލީ ވަޒީރު ބަސިލް ރާޖަޕަކްސަ މިހނގާ ޖުލައިމަހުގެ 28 ވަނަދުވަހާއި ހަމަޔަށް ގައުމުންބޭރަށް ނުދެވޭގޮތަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ކުރި އަމުރު އެގައުމުގެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އާއި އަދި ޢާންމު މަސްލަހަތަށްޓަކައި މަސައްކަތްކުރަމުން އަންނަ އެހެން 3 އޭޖެންސީއަކުން ހުށައެޅި ޝަކުވާތަކަކާއި ގުޅިގެން އެ އަމުރު މިހާރު އޮތީ އޯގަސްޓް މަހުގެ 2 އާއި ހަމަޔަށް އިތުރުކޮށްފައެވެ.                

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ދިފާޢީ ވަޒީރުކަމުގައި ހުންނެވިއިރު ގޮޓަބާޔާ ރާޖަޕަކްސަ ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ހިންގަވާފައިހުރި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް އެދި އިންސާނީ ހައްގުތަކަށްޓަކައި ވަކާލާތު ކުރަމުން ގެންދާ ބައިނަލް އަގްވާމީ ޖަމާއަތަކުންވެސް ގެންދަނީ ސިންގަޕޯރ ސަރުކާރަށް ބާރު އަޅަމުންނެވެ. 

ގޯޓާ އަތުގައި އެމެރިކާގެ ޕާސްޕޯޓެއް އޮތް ނަމަވެސް އެމެރިކާއިންވެސް  ވަނީ، މިހާރުގެ ލަންކާގެ ޕޮލިޓިކަލް  ޚާލަތަށްބަލައި އޭނާޔަށް ޕޮލިޓިކަލް ގޮތުން ހަމްދަރުދީވެ މަރުހަބާ ނުކިޔައިފައެވެ.                    

Loading

One Response

  1. އަހަރެމެންގެ ސަރަހައްދުގެ ގައުމުތަކުގައި އެންމެ ޝަރަފްވެރި މަގާމު ލިބުނީމާވެސް ދެން މިވެރިން މިއުޅޭ ޗަކަގޮތެއްދޯ. ދިވެހިން ބުނެ އުޅޭފަދައިން ތުންބުރިކާޅަށް ގުއިފެނުނީމާ ވާގޮތް މިވަނީ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް