ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ - 5

Loading

Facebook
Twitter
WhatsApp

http://sandhaanu.today/22141/ އާައި ގުޅޭ…

     ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ބޭރު ކުރިއިރު އެރަށުގެ އާބާދީއަކީ 4800 އެވެ. މީގެތެރޭގައި ހިމެނޭ ގިނަމީހުން މިހާރު ވަނީ މިދުނިޔެ އާ އަލް ވަދާޢު ކިޔާފައެވެ.

    ރާއްޖެއަށް ބޮޑުތަދެއް ކުރިމަތިވި އެދުވަސް ވަރަކީ ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ފައްސާލި ދުވަސްވަރު ކަމަށް ވުމުން ބައެއްމީހުން އެ ހައި ހޫނުގައި މަރުވެ ގޮސްފައި ވެއެވެ. އަމިއްލަ ރަށުގެ އަމިއްލަ ވަޒަނުގައި މީހަކަށް ނުދަރާ އަމިއްލަ މަސައްކަތުން ކައިބޮއި އަމިއްލަ ފައިމައްޗަށް ތެދުވަމުން ދިޔަ ހަވަރު ތިނަދޫގެ ފަޚުތުވެރި ރައްޔިތުން ވަޒަނުން ބޭރުކޮށްލައި އެތަށްބަޔަކު މަރާލާއި އެތައްބަޔަކު ބަނޑަށްޖައްސާ ލަކުޑިތަކެއް މޫދަށް އުކާލާ ބީދައިން ތިނަދޫގެ ރައްޔިތުން މުޅިރާއްޖެ ތެރެއަށް ވަނީ ބުނެވޭގޮތުގައި އުކާލެވިފައެވެ. 

އެދުވަހުގެ އިޙުސާސްތަކަކީ އެ ބިރުވެރިކަމާއި އެ ނާމާންކަމާއި އެ އަނިޔާވެރިކަން ޙައްދުން ކައްސާލައިފި ކަމުގެ އިޙުސާސެވެ. ޒާހިރު ކިޔައިދެއްވި ގޮތުގައި ޖިންސުންލަތީފުން ޚިޞާރު ކުރުމާ ރޭޕް ކުރުން ތައްވެސް އެދުވަހު އޮތީ ހައްދުން މައްޗަށް ވުރެ މައްޗަށް ގޮސްފައެވެ. ގޭގެއަށް ސިފައިން ގޮސް ޢަނީމާ މުދާ އަތުލަނީކަހަލައެވެ. އެގެއެއްގައި ހުރި ރަނާރިއްސާ ގަހަނާކޮޅަށް ދާންދެންވެސް އަތުލިއެވެ. ޢަނީމާ މުދާކަމަށް ނިންމާ އެތައްބައެއްގެ ޙައްގު އޭރުގެ ސަރުކާރުން ވަނީ ފޭރިގެންފައެވެ.

     މި އަނިޔާވެރި ޢަމަލް ހިންގި ގިނަމީހުން ވަނީ މިދުނިޔެ ދޫކޮށްފައެވެ. ވަޒީރުލްޢަޒަމްގެ ވިދާޅުބަސް ފުޅުގެ އިތުރުން ސިފައިން ބާރުގެ ބޭނުންކޮށްގެން ވެސް އެތަށް ގެޔަކުން ގަހަނާ ފޭރުނުކަމަށް އެރަށުގެ ގިނަބަޔަކު ބުނެއެވެ.  ވައްތަރީ  މީ ކުޅުނު ހިންދީ ފިލްމެއްކަހަލަ އެވެ.

ހިރިހަމައިދި މޫސާކަލޭފާނަކީ އައްޑޫ އަތޮޅު ހުޅުމީދޫ އިން ހަވަރު ތިނަދޫއަށް ވަޑައިގެންނެވި މުދައްރިސެކެވެ. އެމަނިކުފާނަށް އޭރު އެރަށު މީހުން ކިޔާ އުޅުނީ އެދުރު މޫސާ އެވެ. އެއަށްފަހު އޮޅުވެރިޔާ މޫސާކަލޭފާނެވެ. އޭރުގެ ސަރުކާރުގެ ނަންހިނގާ ޢިއްޒަތްތެރި އެއްވެސް މެއެވެ. ހަވަރު ތިނަދޫގެ ރައްޔިތުންގެ ލޯތްބާ އިޙުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ހިރިހައިދި ކަލޭފާނަކީ ދައުލަތުން މޫސާ ކަލޭފާނަށް ދެއްވި ލަގަބެކެވެ.

     ހިރިހަމަދި ކަލޭފާނު މުއްސަނދިވީ އެމަނިކުފާނުގެ މިންނެތް ބުރަމަސައްކަތުންކަން ޔަގީނެވެ.

     އޭރުގެ ސަރުކާރުގެ ބޮޑުން ހަވަރު ތިނަދޫއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރައްވައި ހުރިހަމައިދި ކަލޭފާނާ ބައްދަލު ކުރައްވާ ހައްދަވަތެވެ. ހިރިހަމައިދި ކަލޭފާނަކީ އޭރު ދައުލަތާ ނުބައްދަލު މަހުޖަނެކެވެ. މާލޭގެ ޢިތްޒަތްތެރި ގިނަބޭފުޅުންނަކީ ހިރިހަމައިދި ކަލޭފާނުގެ ރަޙުމަތް ތެރީންނެވެ. 

މާލޭ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެތެރޭގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުންވަނީ ހިރިހަމައިދި ކަލޭފާނުގެ އަތްޕުޅުން ލޯނު ނަންގަވާފައެވެ. މިބޭފުޅުން ހަވަރު ތިބަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ހޫނު މަރުޙަބާތަށް ލިބެމުންދެއެވެ. އަދި ހިރިހަމައިދި މޫސާ ކަލޭފާނުގެ ދަރީންނަކީވެސް ހަމަ އެފަދައިން މާލޭގެ ޢިއްޒަތްތެރި ބޭފުޅުންނާ އެކުވެރި ބައެކެވެ.

      މާލޭގެ މިދެންވި ޢިއްޒަތްތެރި ބޭފުޅުން ހަވަރު ތިނަދޫ އަށް ވަޑައިގަތުމަށް ހަމަޖެހުމާއެކު އޮޅުދޫ ކަރައިން އެބޭފުޅުންގެ ފަރިއްކޮޅުތަކަށް ބޭނުންވާ ތަށިތަކާ ޖޯޑުފަދަ ތަކެތި ތައްޔާރު ކޮށްގެން ގެނެސް ހިރިހަމައިދި ކަލޭފާނު ހުންނަވަނީ ތައްޔާރު ވެގެންނެވެ. ދަންނަވަން މިއުޅޭވާހަކަ އަކީ އޭރުގެ ސަރުކާރުގެ ބޮޑުންނަށް ހިރިހަމައިދި މުސާކަލޭފާނު ބަހައްޓަވާ ގާތްކަމާ ކުރައްވަމުން ގެންގެންދެވި އިޙުތިރާމްގެ ވާހަކައެވެ.

    ރައީސް މުޙައްމަދު އަމީނުގެ އިރުއްސުރެން ކިލެގެފާނާ ހަމައަށްވެސް މިގުޅުންތައް އޮތީ ބަދަހިކޮށެވެ. ބުނެވޭ ގޮތުގައި، އެހެނަސް ވެލާނާގޭ ބޭފުޅުންގެ އަނިޔާވެރި ރޭވުމުގެ ދަށުން ރައީސް އަމީން އަވަހާރަކޮށްލި ހިސާބުން ހިރިހަމައިދި މޫސާކަލޭފާނާ ސަރުކާރާ ދެމެދު އުފެދިފައިވާ އެކުވެރި ކަމުގެ ގުޅުން ހީނަރުވެ ސަރުކާރުގެ ނަފުރަތުގެ އިނގިލި ހިރިހަމައިދި މޫސާކަލޭފާނުގެ މައްޗަށް އަމާޒުވެގެންދިޔައެވެ.

      ހަވަރު ތިނަދޫއިން ހަރިހަމައިދި ކަލޭފާނާ އެމަނިކުފާނުގެ ދެ ދަރިކަލުންނާ އަދި އެރަށުގެ ކަމުވިށިވެގެންވާ ގިނަ ޢިއްޒަތްތެރި ބޭފުޅުން ދެކުނުގެ 4 އަތޮޅު ސަރުކާރާއި ވަކިވެ އަމިއްލަވެރިކަމެއް ގާއިމްކުރަން އުޅޭކަމުގެ ތުޙުމަތުގައި ހަވަރުތިނަދޫ ފަޅުކޮށްލުމުގެ 2 އަހަރެއްހާދުވަސް ކުރިން މާލޭ ގެނެސް އެބޭފުޅުން ތިއްބެވީ މާލޭބަންދުގައެވެ.

      ހިރިހަމައިދި މޫސާ ކަލޭފާނާ އެކަލޭފާނުގެ ފިރިހެން ދަރިންނާ ހަވަރުތިނަދޫގެ ތަނަވަސްކަންހުރި ކަމުވޮށިވެގެންވާ އެންމެހައި ފަރާތައް ޖަލަށްލައި އަނިޔާކުރަމުން ގޮސް ޒަހަރު ދީގެން އަވަހަހާރަ ކޮށްލެވިފައި ވަނީ 1962ވަނަ އަހަރު ހަވަރުތިނަދޫ ރައްޔިތުން އެރަށުން ބޭރުކުރި ފަހުންނެވެ.

      ހަވަރު ތިނަދޫ ފަޅުކުރިއިރު އެރަށުގެ އާބާދީގައި 4800 ރައްޔިތުން އުޅެއެވެ. އޭގެ ތެރެއިން މަދު ބަޔަކު މެނުވީ މިހާރު ދުނިޔެއަކު ނެތެވެ. މީގެތެރެއިން މިހާރު ދިރިތިބި އެންމެހައި ފަރާތްތަށް ދިވެހި ދައުލަތުން ބަލަހަށްޓަން ޖެހޭނެކަމަށް ގަބޫލު ކުރަމެވެ. އިންތިގާލީ ކޮމިޝަނެއް އުފައްދާއި މި އަނިޔާގެ ވާހަކަ ތައް ޢާންމު ކުރުމަށްވުރެ ހަވަރު ތިނަދޫން ބޭލި ފަރާތްތަކަށް ބަދަލު ދެއްވުން މާރަނގަޅުވާނެއެވެ. 

މިދެންނެވި ލާއިންސާނީ އަނިޔާތަކުގެ ބަދަލު ނުލިބޭހާ ހިނދަކު މިއަނިޔާކުރުމުގެ ބައިވެރިންގެ ކައްވަޅުގެ ޢަޒާބަކަށް ލުޔެއް ނުލިބޭނެއެވެ. މިދެންނެވީ އޭރުގެ ސަރުކާރުން އަމުރު ކޮށްގެން ސިފައިން ކޮށްފައިވާ އަނިޔާތަކުގެ ބަދަލުގެ ވާހަކައެވެ.

      މުސްލިމް އުންމަތަކަށް ނިސްބަތްވާ ސަރުކާރަކުން މިފަދަ ލާއިންސާނީ އަނިޔާ ތަކެއް މާރަށެއްގެ އާބާދީ އަށް ކޮށް އެފަރާތްތަކަށް ބަދަލު ނުދީ ތިބުމަކީ ރަނގަޅުގޮތެއް ނޫނެވެ.

    ވީމާ މުސްލިމު އުންމަތަކުން ކޮށްފައިވާ މިދެންނެވި ލާއިންސާނީ އަނިޔާ ތަކުގެ ފުރިހަމަ ބަދަލު ދީ އެފަރާތްތަކުގެ މަޢާފަށް އެދުމަށް ސަރުކާރަށް ގޮވާލަމެވެ.

   ނިމުނީ…

Loading

3 Responses

  1. ފަހަޔަކީ ވަރަށް ފުންނާބު އުސް ލިޔުން ތެރިއެކެވެ. އެހެނަސް ހަވަރުތިނަދޫނގެ މި ވާހަކަ ނުވަތަ ރިޕޯޓުގައި ލިޔުއްވާފައިވާ ވާހަކަތަކުގައި ވަރަށް ގިނަ ސުވާލު އުފެދެއެވެ. ފަހަލައަށް ތިވާހަކަ ކިޔައިދެއްވީ ޒާހިރު. ކުރީގެ ރިޕޯޓްގައި ވާފަދައިން އޭނާގެ ޢުމުރު 6 އަހަރު. 6 އަހަރުގެ ކުއްޖަކު ބޮޑުވެ މިހާރު މުސްކުޅިވާ ޢުމުރުގައި ހުރެ ތިވާހަކަތައް ކިޔައިދޭން ތިގޮތަށް އެނގިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެ. އޭރުގެ މުއާސަލާތީ ގުޅުން ހުންނަގޮތުންނާއި އެއްރަށެއް އަނެއް ރަށަކާއި ކޮމިޔުނިކޭޝަން ނެތުމާއި އަދި ތިބުނާ ބޮޑު ތަދުގެ ޙާލަތުގައި އުޅެން ޖެހުމާއި ހެދި ތި ލިޔުމުގެ ބޮޑު ބައެއްގައި ސުވާލު އުފެދެއެވެ. ރައިސް ނާސިރަކީ އަންހެން ކުދިން ހޯދައިގެން ގަޔަށް އަރާ ފެންވަރުގެ ބޭފުޅެއް ނޫނެވެ. ވީމާ އެއްވެސް އަންހެނަކު ރޭޕްކުރަން ސިގުނަލެއް ނުދެއްވާނެ ކަމަށް މަށަށް ގަބޫލުކުެވެނީއެވެ. އަދި ގޭގެއަށް ވަދެ ލޫޓުވާކަށްވެސް ނާސިރެއް ވިދާޅުވާނެހެން ހަމަ ހީނުވަނީއެވެ. މީހަކު ކިޔައިދޭވާހަކަ އަބަދުވެސް ހުންނާނީ އެމީހާ ބޭނުންވާގޮތަށް ފޮނިތޮށި ކާފޫރުތޮޅި އަޅާ ރަހަ މީރުކޮށްފައެވެ. ފަހަލަ އަދި އެއްފަހަރު ތި ލިޔުއްވި ތިނަދޫގެ 5 ރިޕޯޓް ކިޔުއްވާފައި ޒާހިރު ކުރެއް މި ސުވާލު ކޮށްލެއްވުން އެދެމެވެ.
    އަދި އެހެންމެ ކިތައްކެއް ފަހަރު ދިވެހި ސަރުކާރުން އެބައިމީހުން ވަކިވެ ގަންނަން ނޫޅުމަށާއި އެކަން ހުއްޓުވަން އެންގިތޯއެވެ. އަދި ގޯލްޑަންރޭ ތިނަދޫ ބަނދަރަށްގޮސްވެސް ކިތައްފަހަރު އިންޒަރު ދެއްވައި ހަވަރު މައިތިރިކުރަން ރަށައް ފޭބީ ކިހާވަރެއް ވެގެންތޯ؟
    ޚިޔަލަކީ އަބަދުވެސް ތަފާތު އެއްޗެކެވެ، ނަމަވެސް މިފަދަ ރިޕޯޓެއް ކިޔާލުމަށްފަހު ދިވެހި ދައުލަތާއި އިދިކޮޅު ޢާންމު ބަގާވާތެއް ދައުލަތުން ވަކިވަން ޢާންމުންގެ އެއްވެސް ބަޔަކު އިނގިރޭސިންނާއި ނުވަތަ މިހާރުނަމަ އިންޑިޔާ އާއި ގުޅިގެންވެސް އެއްވެސް ޙާލެއްގައި ހިންގަން ޖާގައެއް ނުދެވޭނެއެވެ. އެއިރެއްގެ ގައުމުގެ ވެރިޔާ އެފަދަކަމެއް ހަންމަތަ ކުރެވުނުގޮތަކަށް މައިތިރި ކުރަން ޖެހޭނެކަމަށް ގަބޫލުކުރަމެވެ.

  2. Varah rangalhu vaahaka kolheh ekamaku mikahala visnumeh ebeyflhunhe huriheneh hiyeh nuvey adhives beynun vanee ezaham thaakun ithurah ley ohoruvan kamah laafa kurevunee dhuvahaku es insaaf libumeh neiy jareemaa eh hurihaa kameh molhah dhene vodigen vanee Ahllah

  3. ރައީސް ނާސިރު ކުރެއްވި ނުބައިކަންތައްތަކުގެ ބޮޑު ދައުވާކުރިއިރުވެސް އަންހެނުންނާ ބެހުނު ކަމުގެ ދައުވާއެއްނުކުރެއެވެ. އަޅުގަނޑުމެން ބޮޑުވެގެން އައިއިރު 1960 ގެ އަހަރުތަކުގައި ނާސިރު ވެރިކަމުގައި ހުންނެވި އިރުވެސް އަންހެންކުޅީގެ ވާހަކަ ތުންތުންމަތިންވެސް އަޑު ނާހަމެވެ. އެ ޒަމާނުގައި އެއްވެސް ކަހަލަ މުވާސަލާތެއް ކުރެވެން ނެތުމުން ތަފާތުގޮތްގޮތަށް ވާހަކަ ދައްކާނެއެވެ. އަޅުގަނޑުމެންގެ މެދު ރާއްޖެތެރޭގައި އެދުވަސްވަރު ވަރަށް ހޫނުކޮށް ދެކެވުނު ވާހަކަތަކެއްވެސް ފެތުރިގެން ދިޔައެވެ. އިނގިރޭސީންގެ އަމުރަށް އައްޑޫގައި ހުރި ހުރިހާ ގުރުއާން ފޮތްތައް އަންދަމުން ދިޔަވާހަކައަކާއި ބައެއްގޭގެ ބައްތީގެ ހުޅުގަނޑުން ގުރުއާން ކިޔަވާ އަޑު އިވެމުންދިޔަ ވާހަކައެއްވެސް ފެތުރިގެން ދިޔައެވެ. އޭރު އަހަރެމެން ހިސާބުގެ ރައްޔިތުން އެވާހަކަތައް ގަބޫލުވެސް ކުރިކަހަލައެވެ. އައްޑޫ މީހުންގެ ނުބައިކަން ހާމަކުރުމުގެ ގޮތުންނެވެ. އެއީ ކޮންގޮތަކުން ކިހެނެއް އައި ވާހަކަތަކެއްކަން އެކަކަށްވެސް ބުނެދޭކަށް ނޭންގެއެވެ. ކޮންމެމީހަކުވެސް އަނެކަކުކައިރީ ބުނާއިރު އިތުރަށް ކުލަވެސް ޖައްސާނެއެވެ. މިހާރު އެއްވެސް މީހަކު “ ވޯޓުގެ ނަންބަރު ވެއްޓުނުތަން ލޮލުން ދުށީމޭ “ ބުނާފަދަ ޔަގީންކަމާއެކު ބުންޏަސް ގަބޫލެއް ނުކުރާނެއެވެ. އެއީ ކަނޑައެޅިގެން ދޮގުކަން އެނގޭތީއެވެ. އަދި މިހާރު އެކަހަލަ ވާހަކައެއް ދެއްކިޔަސް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. މީހުންގެ ވިސްނުން އޭރާ މިހާރު ތަފާތުވެގެން މިދަނީ ބައިވަރު ސަބަބު ތަކަކާއެކުގައެވެ. ފަހަލަ ސައީދުގެ ލިއުން ގަބުޅުކުރަން އުނދަގޫ ވަނީވެސް އެހެންވެގެންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް