ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އީރާން! 

Loading

Facebook
Twitter
WhatsApp


1980 ގެ ތެރޭން އަށެއްކަ އަހަރުދުވަސް ހޭދަވެގެން ދިޔައީ ހުޅަނގުގެ ވަސްވާސް ތަކުން އަރަބި ދުނިޔެ ގަޑުބަޑުކޮށް އޭރު އަރަބި ދުނިޔޭގައި މިލިޓްރީގޮތުން އެންމެ ފުންނާބު އުސްކަމަށް ބެލެވުނު އިރާގުގެ ރައީސް ސައްދާމް ޙުސޭނު ރަންބުއްދި ކޮށްލައިގެން އީރާން ތަޅާސުންނާފަތި ކޮށްލަން ކުރި މަސައްކަތު ގައެވެ. ދެ އަވަށްޓެރިން ތަޅާ ހަފުސް ކޮށްލެވެމުން ދިޔައީއެވެ. 

           އަވަށްޓެރިންނޭ ބުންޏަސް ގާތް އަވަށްޓެރިންނެވެ. އިރާގާއި އިރާން ވަކިކޮށްދޭ ސައްތަލް އަރަބު ކަނޑު އޮޅީގައި ނަގިލިލައިގެން އޮންނަ ބޯޓުފަހަރު އޮއިވަރު ބަދަލުވުމުން ދެފަރާތުގެ ދޮނޑުދޮށަށް ބީހޭނީ ވަރަށް ކައިރިވީމާ ނޫންތޯއެވެ. އާދެ! އަށް އަހަރު ދުވަހު އީރާނާއި ދެކޮޅަށް އެމެރިކާއިން ވާގިވެރިވެގެން އަރަބި ގިނަ ގައުމުތަކުން ކުރި ހަނގުރާމައިން ލިބުނީ ކޮންނަތީޖާއެއް ހެއްޔެވެ. 

ދެ ގައުމުގެ އިގްތިސާދާއި ރައްޔިތުންގެ އާންމު ދިރިއުޅުން ފަނަރަ ސޯޅައަހަރު ފަހަތަށް ޖެއްސީއެވެ. ކާމިޔާބު ލިބުނީ ހުޅަނގުގެ ގައުމުތަކަށެވެ. އެތައްމިލިއަން ޑޮލަރެއްގެ ހަތިޔާރުތައް ވިއްކާލެވުނީއެވެ. ދެގައުމުގެ އެތައް ރައްޔިތަކު މަރުވެ އެތައްބަޔަކު ހުވަފަތްވެ ޔަތީމްވެގެން ދިޔައީއެވެ. ތިމާގާތަށް ޚަބަރަކައިގެން އަންނަމީހާ ގެނެސްދޭ ޚަބަރު ގަބޫލުކުރުމުގެ ކުރިން ހަގީގަތަކީ ކޮބައިތޯ ބަލަން އޮންނަ ދީނީއިރުޝާދަށް ފަރުވާކުޑަ ކުރެވުމުގެ ހިތި ނަތީޖާއެވެ. އަދި އަމުދުން އަވަށްޓެރިންނާއެކު އޮންނަ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ހީކުރެވުނަސް އެޚަބަރެއްގެ ހަގީގަތަކީ ކޮބައިތޯ މާބޮޑަށް ބަލަން ޖެހޭނެތާއެވެ.                                                               

އީރާނަކީ ވަރަށް މުއްސަނދި ގައުމެކެވެ. އީރާނުގެ ރައްވެހިންގެ މެދުގައި ދުނިޔަވީ ކަންތައްތަކުގައި ބޮޑެތި ތަފާތު ވިސްނުން ތަކެއް ހުރިނަމަވެސް ގައުމީ ވަންތަކަމުގައި އީރާނުގެ ރައްޔިތުންނަކީ ލާމަސީލު ބައެކެވެ.އޮންނަނީ ވަރަށް ވަރުގަދަ ގައުމިއްޔަތެއްގެ އެއްވިސްނުމެކެވެ. ކޮންމެ ރައްޔަތަކުވެސް ބުނާނީ އީރަނަކީ މަގޭ ގައުމެވެ. މިކަން ހުޅަނގުގެ ގައުމުތަކަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެ ގައުމު ބައިބައި ކޮށްލުމަށްޓަކައި ތަފާތު އުކުޅުތައް ގެންދަޔައީ ބޭނުން ކުރަމުންނެވެ.                           

އީރާނުގެ ފަނާކުރަނިވި ހަތިޔާރުގެ މައްސަލާގައި ދުނިޔޭގެ ބޮޑެތިބާރުތަކާއެކު ކުރެވިފައިވާ އެއްބަސްވުން ވަނީ ރައީސް ޓްރަމްޕުގެ ސަރުކާރުގައި އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އީރާނުގެ އިގްތިސާދަށް އެމެރިކާގެ ހުރަސް އެޅުންތައް ނައްތާލުމަށްޓަކައި އެގައުމުގައިހުރި ތެލާއި ގޭހުގެ ބޭނުންކޮށްގެން މިހާރު ކުރިމަތި ވަމުންދާ ހަކަތައި ނުކުޅެދުންތެރި ކަމުން ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަރިއަޅާލުމުން އަރައިގަތުމާއި ތެލާއި ގޭހުގެ އަގުތައް ދަށްކުރުމަށް އާ ސިޔާސަތެއް އީރާނުން މިހާރު އެކުލަވާލަމުން އެބަގެންދެއެވެ.

ޗައިނާއާއި ރަޝިޔާވެސް ބައިވެރިވެގެން ހިންގޭ މަޝްރޫއެއްގެ ގޮތުގައެވެ. އޯޕެކާއި ރަޝިޔާ ގުޅިގެންވެސް ދުނިޔެއަށް ކުރިމަތި ވަމުންދާ ތެލާއި ގޭހުގެ މައްސަލަ ޙައްލުނުކުރެވޭނެތީ އީރާނުން ގަސްދުކުރަނީ އެ ގައުމުގެ އާޒާދެގާން އެވެ ކިއުނު ބިޔަބޮޑު ތެލުގެ ރިޒާވް އިތުރަށް ފުޅާކުރުމަށެވެ. އާޒާދެގާންއަކީ އުތުރާއި ދެކުނަށް ދެ ބަޔަކަށް ބެހިފައިއޮތް ތެޔޮ ދަނޑެކެވެ. އެއްބަސްވުމުގެ ވާހަކަތަކުގައި ބައިވެރިވުމަށް ބާރު އެޅުމުގެ އިތުރުން އެ ތެޔޮދަނޑު ފުޅާކުރުމުގައި އީރާނަށް އަދި މިމަސައްކަތް ކުރާ ޗައިނާއާއި ރަޝިޔާއަށްވެސް އިތުރު ފައިދާތަކެއް އެބައޮތެވެ. މި ތެޔޮދަނޑަކީ އިރާގާއެކު ހިއްސާކުރެވޭ ތެޔޮ ދަނޑެއްވެސް މެއެވެ. 

އީރާނާއި އަދި މިތެޔޮދަނޑު ފުޅާކުރުމުގައި އެހީތެރިވެދޭ ރަޝީޔާއަކީ ހުޅަނގުގެ އިގްތިސާދީ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ދެ ގައުމުކަމުގައިވީ ނަމަވެސް އިރާގަކީ އެފަދަ އެއްވެސް އުނދަގޫ ކުރުމަކާއިކުރިމަތިލާން ޖެހިފައިވާ ގައުމެއް ނޫނެވެ. މީގެ މާނައަކީ އެ ތެޔޮދަނޑުން ތެޔޮ ބޭރުކުރުމުގައި އެއީ އީރާނުން ނުވަތަ އިރާގުން ބޭރުކުރާ ތެޔޮކަން  އޮޅުވާލުމަށް މަގުފަހިވެގެން ދިއުމާއެކު ސާޅީސް އަހަރުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށްޓަކައި އީރާނަށް އިތުރު މަގެއްވެސް ހުޅުވިގެން ދާނެއެވެ. 

އެތަނުން ބޭރުކުރެވޭ ތެލަކީ އިރާގުން ނުވަތަ އީރަނުން ބޭރުކުރެވޭ ތެލެއްކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެތީއެވެ. އީރާނުގެ ކުރީގެ ޚާރިޖީވަޒީރު މުޙަންމަދު ޒަރީފް ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަންނާނެ ގޮތްތަކަށް އަހަރެމެން ވަރަށް މޮޅުވާނެ ކަމަށެވެ. ރަނގަޅު އަގެއްދޭން ތައްޔާރަށް ތިބި ބަޔަކަށް އެ ފިލާވަޅުތައް އަހަރެމެން ދަސްކޮށް ދީފާނަމެވެ. އާޒާދެގާން ތެޔޮދަނޑު ފުޅާ ކުރުމުގެ މަސައްކަތް ކުރެވެމެންދަނީ އިރާގުގެ ބައިވެރިވުމާވެސް އެކުގައެވެ. އީރާނުން ވިސްނަމުން ގެންދާގޮތަށް ހުޅަނގުގެ މަލާމާތުގެ “ ހުދުޖުއްބާގެ “ މަގާމު އީރާނަށް ހާސިލުކުރެވިއްޖެނަމަ ތެލުގެ އަގު ކަނޑައެޅުމުގައި މެދުއިރުމަތީގެ ގައުމު ތަކަށް އާދަޔާޚިލާފް ބާރުތަކެއް ލިބޭނެއެވެ.                                                               

އީރާނުގެ ތެލުގެ ރިޒާވްކަމަށް ކަށަވަރުކުރެވިފައިވާ 157 ބިލިއަން ފީފާއަކީ ދުނިޔޭގެ ތެލުގެ ރިޒާވްގެ 10 އިންސައްތަ އަދި އޯޕެކްގެ 13 އިން ސައްތައެވެ.   އީރާނުގެ ބިޔަ ތެލުގެ ރިޒާވެކޭ އެއްފަދައިން އެ ގައުމުގައި ހުރި ގުދުރަތީ ގޭހުގެ 1193 ޓްރިލިއަން ކޮޑި ފޫޓުގެ ރިޒާވަކީވެސް މުޅިދުނިޔޭގައި ހުރި ގޭހުގެ ރިޒާވްގެ 13 އިންސައްތައެވެ. އަދި ރަޝިޔާ ފިޔަވާ މުޅި ދުނިޔޭގައިވެސް ގޭހުގެ ރިޒާވް އެންމެގިނައީ އީރާނުގައެވެ. އަދި އެއީ އޯޕެކް ގައުމުތަކުގައި ހުރި ގޭހުގެ ތިންބައިކުޅަ އެއްބައެވެ. އަދި ގޭސް ހޯދުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގައިވެސް އީރާނުން އިތުރުގޭސް ފެނުމުގެ ނިސްބަތަކީ ގާތްގަނޑަކަށް 80 އިންސައްތައެވެ. އާންމުގޮތެއްގައި އެހެން ހިސާބުތަކުގައި މި ނިސްބަތުގެ އަންދާޒާއަކީ ގާތްގަނޑަކަށް 35 އިން ސައްތައެވެ. މި މުއްސަނދިކަން ފޭރިގަތުމަށްޓަކައި ހުޅަނގުންކުރާ މަސައްކަތްތައް ހުއްޓާލާނެކަމަށް ބަލައިގެން ނުވާނެއެވެ. މިކަން އެންމެބޮޑަށް އެގެނީވެސް އީރާނަށެވެ.                                   

ހައިޑްރޯ ކާރބަންގެ މުއްސަދިކަން ވަރަށްބޮޑަށް ލިބިފައިވާ ހުޅަނގު ކަރޯން ސަރަހައްދުގެ އާޒާދެގާން އަކީ ތެލުގެ އެންމެ ގިނަ ރިޒާވް ހުރި ސަރަހައްދެވެ. އަދި ހަމަ އެސަރަހައްދުގައި އުތުރާއި ދެކުނަށް ފެތުރިފާއޮތް ޔާރާން  އާއި ޔަދާވަރާން އަކީވެސް ވަރަށްބޮޑު ދެ ރިޒާވެވެ. ހުޅަނގު ކަރޯން ސަރަހައްދުން ތެޔޮ ނެގުމުގެ ޚަރަދަކީވެސް ދުނީޔޭގެ ނިސްބަތު އެންމެ އަގު ހެޔޮކޮށް ތެޔޮ ނެގޭ ސަރަހައްދެވެ. އަދި އެތަނުގެ ރިޒާވަކީ 670 މިލިއަން ފީފާކަމަށް އިރާނުގެ ޕެޓްރޯލިއަމް މިނިސްޓްރީން މަޢުލޫމާތު އެނގޭ ފަރާތަކުން އޮއިލް ޕްރައިސް.ކޮމް އަށް މަޢުލޫމާތު ދީފައިވެއެވެ. އޭގެ އަގަކީ ފީފާއެއް 70 އެމެރިކާޑޮލަރު ކަމުގައި ބެލިއަސް އީރާނަށް އިތުރު 47 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ. މިއަދުގެ ތެލުގެ އަގަކީ 85 ޑޮލަރެވެ.                                                 

އާޒާދެގާން ތެޔޮ ދަނޑަކީ 1960 ގެ މިފަހުން ހޯދުނު އެންމެ ބޮޑު ތެޔޮ ދަނޑެވެ. އެތަނުގައި ޖުމުލަ 42 ބިލިއަން ފީފާތެޔޮ ހުރިކަމާށާއި އޭގެ ތެރެއިން 7 ބިލިއަން ފީފާގެ ތެޔޮ ނެގޭނެ ކަމަށް ބެލެވެއެވެ. އީރާނާއެކު ދުނިޔޭގެ ބާރުގަދަ 6 ގައުމުން ހެދި އެއްބަސްވުމުން 2018 ވަނައަހަރު އެމެރިކާ އަމިއްލައަށް އެކަހެރިވެ ގަތުމާއެކު އީރާނުން ބޭނުންވީ ހުޅަނގު ކަރޯން ސަރަހައްދުން ނަގާ ތެލުގެ މިންވަރު ދުވާލަކު 530000 ފީފާއަށް ހަމަޖެއްސުމަށެވެ.

އަދި އެއީ އޭރު އެވްރެޖްގޮތެއްގައި ތެޔޮ ނަގަމުންގެންދިޔަ މިންވަރަށް ހައެއްކަ ވަރަކަށް އިންސައްތައަށް ކުޑަކުޑަ އިތުރު ކޮށްލުމަކުން ހަމަޖެއްސިދާނެ އަދަދެކެވެ. ނަމަވެސް މިހާރު އެއަދަދު އެވަނީ ގާތްގަނޑަކަށް ހަތަރެއް އިންސައްތައަށް ދަށްކޮށްފައެވެ. އީރާނާއެކު ކުރެވުނު އެއްބަސްވުމުން އެމެރިކާ އެކަހެރިވެގަތުމުން ހުޅަނގު ކަރޯން އިން ތެޔޮ ނެގުމުގެ މަސައްކަތުގައި މެމޯރަންޑަމް އޮފް އަންޑަސްޓޭންޑިންގހެދި ބައިނަލް އަގްވާމީ ތެޔޮ ކުންފުނި ތަކަށްވެސް ގޮންޖެހުން ތަކަކާއިކުރިމަތިލާން ޖެހުނެވެ. މީގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ޓޯޓަލް އިން ދެކުނު އާޒާދެގާން ތަރައްގީކުރަން ކުރި އެއްބަސްވުން ހިމެނެއެވެ. 

އޭރު އީރާނުން ގެންދިޔައީ އެ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ބައެއް އެހެން ކުންފުނިތަކާއި އެކުވެސް މަޝްވަރާ ކުރަމުންނެވެ.  އެހެންނަމަވެސް އެ ވާހަކަތަކުން މާރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވުމުން އީރާނުން ނިންމީ ޓޯޓަލް ކުންފުންޏަށް ކޮންޓްރެކްޓްދިނުމަށެވެ. އެހެންނަމަވެސް އެމެރިކާއިން އެ އެއްބަސްވުމުން އެކަހެރިވުމަށްފަހު އީރާނާއެކު ދެން ވިޔަފާރި ކުރާ ކޮންމެ ގައުމަކަށް ވެސް އެމެރިކާގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެކަށް އެނގުމާއެކު ފަރަންސޭސިންނަށްވެސް އެ މަޝްރޫޢު އޮތީ ކުރިއަށް ނުގެންދެވިފައެވެ.                                               

2018 ވަނައަހަރުގެ މޭމަސް ހާތާންގައި މި ދިމާވި ހުރަސްތަކުގެ ތެރޭން ނިކުންނާނެ ގޮތަކަށް ތެޔޮ ކުންފުނިތަކުން ބަލަންތިއްބާ ދެންފެނުނީ އީރާން-ޗައިނާގެ 25 އަހަރުދުވަހުގެ އެއްބަސް ވުމުގެ ދަށުން ޗައިނާއާއި ރަޝިޔާއިން އީރާނުގެ ތެޔޮދަނޑުތައް ތަރައްގީކުރުމުގެ މަސައަކަތް ފަށައިގަތް ތަނެވެ. މި މަޝްރޫއު ތަކުގައި ރަޝިޔާއިންވެސް ބައިވެރި ވުމުގެ ފުރުސަތު އޮތީ ފަހިކޮށްދީފައެވެ. 

އެހެންނަމަވެސް ރައީސް ޓްރަމްޕްގެ ވެރިކަމުގައި ރަޝިޔާ އަދި ޗައިނާއިންވެސް ފާޅުގައި އީރާނާއެކު މި ވިޔާފާރި ކުރުމުގައި ފަހަތުފަޔަށްވެސް ބުރަވާން ޖެހުނެވެ. މިހާރު ރައީސް ބައިޑަން އޯވަލް އޮފީހަށް ވަނުމަށްފަހު ހުރިހާކަމެއްވެސް މިވަނީ އަނެއްކާވެސް ބަދަލު ވެފައެވެ. އަދި ޔުކްރެއިން-ރަޝިޔާގެ އަރާރުންވެސް ކުރިމަތިވެފައި އޮތުމާއިއެކު ޗައިނާއިން ގެންދަނީ  ތައިވާން އަށްވެސް ފާރަވެރި ވަމުންނެވެ.           

އީރާނުގެގައުމީ ތެލާބެހޭ ކުންފުނިން ހާމަކުރާގޮތުގައި އާޒާދެގާން ތެޔޮ ދަނޑުން ކުރިއަށް އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި 24000 މީހުންގެ ވަޒީފާ ކަށަވަރު ކުރެވުމާއެކު އަދި 115 ބިލިއަން ޑޮލަރުގެ އާމްދަނީ އެއްވެސް  އީރާނަށް ލިބިގެންދާނެއެވެ.                                                       

އަށް އަހަރު ދުވަސް ވާންދެން އެއްގައުމުން އަނެއްގައުމު ވުޖޫދުންފޮހެލަން ކުރުވި ހަނގުރާމައިގެ ފަހަތުގައި ތިބީ ކޮންބައެއްކަން އަދި އެމީހުންގެ މަގްސަދަކަށް ވެފައިއޮތީ ކޮން ކަމެއްކަން އެނގުމުން މިހާރު އެ އީރާން އާއި އިރާގުން ވެސް ބޭނުންވަނީ ދެ ގައުމު އެކުގައި އާރާސްތު ކުރާށެވެ. ދުވަސްތަކެއް ގެއްލިގެން ދިޔައީއެވެ. އެކަމަކު އެކުވެރިކަމާއި ރަޙްމަތްތެރިކަން ކަށަވަރު ކުރެވިއްޖެނަމަ ނަތީޖާ ވަރަށް ފޮނިވާނެއެވެ.                              

Loading

One Response

  1. ހުޅަނގު ގެ މުޅި މަގްސަދަކީ އެއްގޮތަކުން ނުވިއްޔާ އަނެއގޮތަކުންނަމަވެސް އިސްލާމީ ދުނިޔޭގެ މުއްސަނދި ކަމާއި ގުދުރަތީ ވަސީލަތްތަކަށް ވެރިވެ ގަތުމެވެ. މާތް ﷲ އިސްލާމީ އުންމަތުގެ ވެރިންނަށް ތެދުމަގު ދައްކަވައި ހެޔޮކަންތައްތަކުގައި އެކުވެރިކަމާއި އެއްބާރުލުން ދޭ ބަޔަކު ކަމުގައި ލައްވާށިއެވެ..އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް