ކިއުންތެރިންނަށް މިގެނެސްދެނީ މިހާރު ހިނގަމުން މިދާ ހަފްތާގެ ބައެއް ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ކިއުންތެރިންނަށް ގެނެސްދިނުމަށް ސަންދާނުން ބޭނުން ވެއެވެ. އަދި މިކަން ރަނގަޅުކުރުމަށްޓަކައި ކިއުންތެރިންގެ ޚިޔާލުތަކަށްވެސް މަރުޙަބާ ކިޔާނަމެވެ.
ޕޮލެންޑުން ޔޫކްރެއިނަށް އެހީވަމުންގެންދާތީ ޗެޗްނިޔާގެ ރައީސް ޕޮލެންޑްއަށް އިންޒާރު ދެއްވައިފިއެވެ. އޭނަ ވިދާޅުވިގޮތުގައި އަހަރެމްނަށް ޕޮލެންޑް ބޭނުމެވެ. އެހެންވީމާ ތިޔަ ފޮނުވާ ހަތިޔާރުތައް އަނބުރާގެންގޮސް އަދި އަހަރެމެންގެ އެމްބެސަޑަރ ވޯރސޯ ގައި ހުންނަ ރަޝިޔާގެ މިލިޓަރީ ގަބްރުސްތާނަށް ޒިޔާރަތް ކުރުމުން އޭނާގަޔަށް ރަތްދަވާދު އުކި މައްސަލާގައި ރަސްމީގޮތުން މަޢާފަށް އެދުމަށްވެސް ކަދިރޯވް އިންޒާރު ދެއްވާފައެވެ. އެހެންނޫނީ ރަޝިޔާއިން އަހަރެމެންނަށް ހުއްދަ ދީފިނަމަ 30 ސިކުންތުގެ ތެރޭގައި އަހަރެމެންގެ ގާބިލުކަން ހުރި މިންވަރު ޕޮލެންޑަށް ދައްކާލާނެ ކަމަށްވެސް އޭނާ ދެއްވި އިންޒާރުގައި ވިދާޅުވެފައިވެއެވެ.
އޮސްޓްރިއާގެ ޗާންސެލަރ ކާރލް ނެހާމެރ ވިދާޅުވިގޮތުގައި މިދިޔަ ހުކުރު ދުވަހު އޭނާ އާއި ޕުޓިން ފޯނުން ދެއްކެވި އެއްގަޑިއިރުގެ ވާހަކަ ފުޅުގައި ރަޝިޔާއިން އޮސްޓްރިއާއަށް ބޭނުންވާ ހުރިހާ ގޭސް ފޮނުވާދޭނެކަން ކަށަވަރު ކޮށްދީފިއެވެ. އަދި ޔޫކްރެއިނާއެކު ހަނގުރާމައިގެ އަސީރުން ބަދަލުކުރަން ވާހަކަ ދައްކަން ޕުޓިން ތައްޔާރަށް ހުރިކަމުގެ އިޝާރާތެއްވެސް ދިންކަމަށް ވެއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މެދުވެރިވެދާނެ ކާބޯތަކެތީގެ މައްސަލަ ޕުޓިންއަށް ވަޒަންކުރެވޭ ކަމަށާއި ކަޅުކަނޑާއި އަޒޯވް ކަނޑުން ބޯޓު ފަހަރު ދަތުރުކުރެވޭނެ މަގު ހުޅުވައި ދޭނެކަމާއި އެހެނަސް އޭގެ ކުރިން ޔޫކްރެއިނުން އެ ކަނޑުތަކަށް އަޅާފައިވާ މައިން ތައް ނަގާ ސާފުކުރަން އެ ގައުމުން ޖެހޭނެކަމަށެވެ. އެހެނަސް ޔޫކްރެއިންގެ ބަނދަރުތައް ބަންދުކޮށްގެން އުޅެނީ ރަޝިޔާއިން ކަމަށްބުނެ އެމެރިކާއާއި އެމީހުންގެ ވާގިވެރިން އަޅުވާ އިލްޒާމް ރަޝިޔާއިން ދޮގުކުރެއެވެ.
ޔޫކްރެއިންރައީސް ވިދާޅުވާގޮތުގައި ޔޫކްރެއިންގެ ދޮންބަސް ސަރަހައްދުން ސީވީރޯޑޮނެޓްސްކް ސަހަރު މިހާރު އޮތީ ރަޝިޔާގެސިފައިން ތަޅާ ސުންނާފަތި ކޮށްލާފައެވެ. ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ދެއްވި އިންޓަރވިއުގައި މަލާމާތުގެ ރާގަކަށް ވިދާޅުވީ އާން ފަހެ ރަޝީޔާސިފައިންގެ އަމާޒަކީ ސަލާމަތާ ރައްކާތެރިކަމެވެ. އެ އަމާޒުގައި މިއަދު އެ ސުންނާފަތިކޮށްލީ މި ޝަހަރުގައ ޕީސް ހޮޓެލް ގެ ނަމުން ނަން ދެވިފައިވާ ހޮޓަލެވެ. މިޝަހަރުގެ ޢާންމުން ދިރިއުޅޭ ގެތަކުގެތެރޭން 90 އިންސައްތަ ގެ އެހުރީ ބިމާ ހަމަކޮށްލާފައެވެ. މިޝަހަރުގެ މުވާސަތީ ގުޅުންތައް އެއޮތީ އެއްކޮށް ނައްތާލާފައެވެ. ބޮން އަޅަމުން އެގެންދަނީ އެމީހުން ބޭނުން ކޮންމެ އަމާޒަކަށެވެ.
އުސްމިނުގައި 240 ފޫޓު ހުންނަ 5 ބުރީގެ ގުތުބް މިނާރަކީ ދިއްލީގެ އުޑުމަތިން އެންމެ ފާހަގަކުރެވޭ ތާރީޚީ ބިނާއެވެ. ނަމަވެސް 12 ވަނަ ގަރުނުގެ މިތާރީޚީ ބިނާގެ މުސްތަގް ބަލާމެދު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ ކޯޓުން ޙުކުމެއް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ހިންދޫންގެ ޝަކްވާއަކީ ގުތުބް މީނަރަކީ 1192 ވަނައަހަރު ގުތުބުއްދީން އައިބަކް އާއި ހިންދޫންގެ ވެރިންނާ ދޭތެރޭ ހިނގާދިޔަ ހަނގުރާމައިގާ ހިންދޫންގެ ވެރިން ބަލިވުމުން އެބިމިގައިހުރި ފައްޅި ތަޅާލުމަށްފަހު އެޅި އިމާރާތެއް ކަމުގައެވެ. ގުތުބު މިނާރަކީ މިހާރު ދުނިޔޭގައި ހިމާޔަތް ކުރެވިފައިވާ ވިރާސަތު ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
އެ އިމާރާތުގެތެރޭގައި މައަޗަށް އަރަން 379 ފިޔަވަޅުގެ ސިޑިބަރިއެއް ހުރެއެވެ. ހިންދޫން ގަބޫލުކުރާގޮތުގައި އެސަރަހައްދުގައި މިހާރު އެހުރި ދިއްލީގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް ބިނާކުރުމަށްޓަކައި އެތާނުގައި ހުރި ހިންދޫންނާއި ޖެއިނުންގެ މަޒްހަބަށް ނިސްބަތްކުރެވޭ 27 ފައްޅިއެއްވަނީ ނައްތާލާފައެވެ. 1926 ވަނައަހަރު އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާއިން އެކުލަވާލި ރިޕޯރޓްގައިވާގޮތުން އެތަނުން އެއް ފައްޅީގެ ތަޅުންގަނޑު ވަނީ މިސްކިތުގެ ބައެއްގެގޮތުގައި ބޭނުން ކޮށްފައެވެ.
އެ އިމާރާތް ޒީނަތްތެރި ކުރުމުގައި މުސްލިމް އަދި ހިންދޫންގެ ސަގާފަތާގުޅޭ ކުރެހުންތައް ހިމެނެއެވެ. ގުތުބް މީނާރުގައިހުރި އެންމެ ހައިރާންކުރަނިވި އެކައްޗަކީ އެއްވެސް ކަހަލަ ދަބަރުގެ ނިޝާނެއް ފެންނަންނެތް 20 ފޫޓުގެ ދިގު ދަގަނޑު ސިޑިއެކެވެ. ތާރީޚީގޮތުން ލިބޭ ހެކިތަކަށް ބަލާއިރު އެ ސިޑިއަށް 1600 އަހަރު ވެދާނެއެވެ. އޭގެ އިތުރުން ރަސްފާނުގެ މަގްބަރާއާއި ކާރވްކޮށް ހަދާފައިހުރި 5 ދޮރަކީވެސް އާދަޔާ ޚިލާފް ޙައިރާން ކުރަނިވި ވިސްނުމެކެވެ.
7ވަނަގަރުނުގައި ހިންދޫ ރަސްރަސްކަލުންނާއި 12 ވަނަ ގަރުނުގެ މުސްލިމް ރަސްރަސްކަލުންވެސް ގެންދިޔައީ ގައުމު ލޫޓުވަމުންވެ. އެހެންކަމުން 800 އަހަރު ފަހުން މިހާރު ގުތުބް މީނާރުގެ މައްސަލަ ކޯޓަށް ވައްދައިގެން ގައުމުގެ އަމާންކަން ނަގާލަން އުޅުމަކީ ރަނގަޅު މަގްސަދެއްގައި ކުރެވޭ ކަމެއް ނޫންކަމުގައި އިންޑިއާގެ ބައެއް މުއައްރިޚުންވެސް ގަބޫލުކޮށް އަޑުއުފުލަމުން ދެއެވެ.
ޔޫކުރެއިންގެ ޚާރކިވްޝަހަރުގައި ހުންނަވާ ރައީސް ޒެލެންސްކީއެ އެންމެ އިސް ސަލާމަތީ މުޝީރު ރޯމަން ޑުޑިން ވަޒީފާއިން ވަކިކުރުމަށްފަހު ގާނޫނު ތަންފީޒުކުރުމުގެ އިދާރާތަކާއި ހަވާލު ކޮށްފިއެވެ. އެޝަހަރުގެ އިސްވެރިންނާއެކު ޒެލެސްކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންނާއި ސިފައިންނާއި އަދި ފުލުހުން ބަހައްޓަވަމުންގެންދާ އެކުވެރިކަމާއި އަދި މި ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައެވެ.
އެހެންނަމަވެސް މިޝަހަރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހުރި އެންމެ އިސް ވެރިޔާއާއި ދޭތެރޭ އެހެންބުނެވޭކަށް ނެތެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ އެންމެ އިސްކަމެއް ދެމުންގެންދަނީ އޭނާގެ އަމިއަލަ މަސްލަޙާތު ރައްކާތެރިކުރުމަށެވެ.
އިނގިރޭސި ވިލާތުގެ ތަޖްރިބާކާރުންނާއި އިރުމަތީ ޔޫކްރެއިންގެ ހަނގުރާމައިގެ މައިދާނުން ލިބޭ ވީޑިއޯތަކާއަދި ޔޫކްރެއިންގެ އަސްކަރީން ބުނާގޮތުގައި މިހާރަކަށް އައިސް ރަޝިޔާގެ އެންމެ ނުރައްކާތެރި ކޮންވެންޝަނަލް ހަތިޔާރު މި ހަނގުރާމައިގާ އެބަ ބޭނުން ކުރެއެވެ.
އޭގެތެރެއިން އެއް ހަތިޔާރަށް ދީފައިވާ ވަނަމަކީ “ ހީޓް ވޭވް“ އެވެ. ހީޓްވޭވް ގޮއްވާލުމުން އުފެދޭގަދަބާރުން ސިފައިންގެ ރައްކާތެރި ކަމަށްޓަކައި ހަދާފައިހުންނަ ބިންގަރާސްތައް ހަލާކުކޮށްލައެވެ. ޔޫކްރެއިންގެ 95 ވަނަ ކޮމާންޑްގެ ވެރިޔާ ވިދާޅުވާގޮތުގައި އިޒީޔުމް ކައިރީ ޓައުނަކަށް ރަޝިޔާއިން ދިން ހީޓްވޭވް ޙަމަލާ ސިފަވެގެންދިޔައީ ބިންގަނޑަށް އައި ބިންހެލުމެއްގެ ގޮތުގައެވެ. އެއީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އޭގެ ޙާމަލާތައް އެރުމުން ބިންގަރާސްތައް ފުނޑުފުނޑުވެގެން އެތަނުގެ ދަށުގައިތިބި ބައެއްގެ ބޯމައްޗަށް ވެއްޓިގެންދެއެވެ. ޔޫކްރެއިންގެ ސިފައިން ބުނާގޮތުގައި ރަޝިޔާސިފައިން އަތުން އަތުލާގަތް ހީޓްވޭވް ރޮކެޓްތަކަކުން އޭޕްރިލް 5 ވަނަ ދުވަހު ރަޝިޔާގެ ލަޝްކަރަށް އެމީހުންވެސް ޙާމަލާ ދީފައިވާނެއެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިންޒާރު ދެއްވާގޮތުގައި މިއަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ މެދު ޖޫން މަހު 1 ގެ ކުރިން މިހާރުގެ ސަރުކާރުން ގޮތެއް ނިންމަންޖެހޭނެއެވެ. އަދި ޕާކިސްތާނުގައި (އިމްޕޯޓަޑް) ބޭރުން އެތެރެކޮށްފައި އޮތް ސަރުކާރެއް ގައުމުގެ ރައްޔިތުން ދުވަހަކުވެސް ބަލާނުގަންނާނެކަން އެނގެން ޖެހޭނެއެވެ.
އިމްރާން ޚާންގެ ވެރިކަމުގެ ދައުރަކީ ޕާކިސްތާނުން އެމެރިކާއާއިއުކު އޮންނަ ޒަމާން ގުޅުންތައް އެންމެބޮޑަށް ހީނަރުވެގެން ދިޔަ ދުވަސްވަރެވެ. އޭގެ ބަދަލުގައި ޕާކިސްތާނުން ޗައިނާއާއިއެކު ބާއްވަމުންދިޔަ ގުޅުންތައް ދިޔައީ ވަރަށްބޮޑަށް ބަދަހި ވަމުންނެވެ. ޕާކިސްތާނުގެ މިހާރުގެ ސަރުކާރުންވެސް ޗައިނާއާއެކު ގެންދަނީ އެގުޅުން އިތުރަށް ބަދަހި ކުރަމުންނެވެ.
ދާދި މިދާކަށްދުވަހު މިހާރުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޗައިނާކުރެއްވި ޒިޔާރަތުގައިވެސް ޗައިނާއަށް މުޚާތަބު ކުރައްވާފައިވަނީ ދެވަނަ ވަޒަނުގެ ގޮތުގައެވެ. އަދި މިހާރު ކުރިއަށްދާ 62 ބިލިއަން ޑޮލަރުގެ ޗައިނާ ޕާކިސްތާން އިކޮނޮމިކް ދޮރާއްޓަކީ ޗައިނާގެ އިގްތިސާދު ޕާކިސްތާނުގެ ތެރޭން އަރަބި ކަނޑަށް ހުޅުވާލުން ކަމަށްވެފައި އެކަމުގައި ޕާކިސްތާނުގެ އިގްތިސާދަށް ލިބިގެންދާނެ ކުރިއެރުންތަކުގެ ސަބަބުން މިހާރު ޕާކިސްތާނު އެއޮތީ އެމެރިކާގެ އަތުން ބީވެގެން ގޮސްފައެވެ. މި ނިންމުމަކީ އިމްރާން ޚާނުގެ ޒަަޢާމަތުގައި ނިންމެވި އިކޮނިމިކް ފައިދާކުރަނިވި ނިންމުމެކެވެ.
އަދި މިނޫނަސް އެމެރިކާގެ ދެފުށްދެގޮތް ސިޔާސަތުގެ ސަބަބުން އަލުން އަނބުރާ ޕާކިސްތާނު އެމެރިކާގެ ތައްޕާހަށް ގެނެވުމަކީ ވާނެކަމެއް ނޫންކަމުގައި ގިނަބަޔަކު ދެކެއެވެ. ސަބަބަކީ ޕާކިސްތާނުގެ އެންމެ ކުދިކުދި ސިޔާސީ ޕާރޓީތަކަށްވެސް އެމެރިކާގެ މުނާފިގް ސިޔާސަތުން މިހާރުވަނީ ތަޖްރިބާތަކެއް ލިބިފައިވާތީއެވެ.
One Response
ދުނިޔެ މި ދަތުރުކުރަނީ ކޮން މިސްރާބަކަށްކަން ދެނެވޮޑިގެންވާނީ މާތް ﷲ ގެ ރަސްކަސްފުޅު އެކަންޏެވެ. ބޮޑެތި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާއިރު އަހަރެމެންގެ ގައުމު މިގެންދަނީ އެއްވެސް ފިކުރެއްނެތި ބޭނުންގޮތަކަށް މިސްރާބު ބަދަލުކުރަމުންނެވެ.