ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ.
ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.
ޖޭއެސްސީން ބުނި ގޮތުގައި ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ސިޔާމާ އަމުރު ނެރުއްވީ އެފަރާތުގެ ”ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ“ ކަމަށް ކަނޑައެޅުމަށްފަހު ކަމަށެވެ. ނަމަވެސް އެގޮތަށް އަމުރު ނެރުއްވީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުރި ކަމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔެކިޔުމުގައި ފާހަގަކޮށްފައި ވަނިކޮށް ކަމަށް ކޮމިޝަނުން ބުނެ އެވެ.
ޖޭއެސްސީން ބުނީ އަމުރު ނެރުއްވުމުގައި ސިޔާމާ އަމަލުކުރެއްވީ މައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ބެއްލެވުމެއް ނެތި ހަގީގަތާ ހިލާފަށް ކަމަށް އެނގޭ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރެއްވިއިރު އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިއާޔަތް ކުރިކަން އަމުރުގައި ފާހަގަކޮށްފައި ނުވާ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.
މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަމަށް ތަހުގީގަށް ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ. .
ސިޔާމާގެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލެއް ކަމުގައިވާތީ އޭނާއަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައި ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.