އިންޑިއާގައި ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް މަޖުބޫރުވެއްޖެ 

Loading

Facebook
Twitter
WhatsApp

ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވުމުގެ ކުށުގައި އާދީއްތަ ދުވަހު ފުލުހުން ވަނީ އިންޑިއާގެ މުމްބައިގެ ދެ މުދިމެއްގެ މައްޗަށް ދައުވާކުރަން ނިންމާފައެވެ. 

އެ ދެ މުދިމުން ތާޅަފިލި ބޭނުންކޮށްގެން ފަތިސް ނަމާދުގެ ބަންގި ގޮވީ ހައްދުފަހަނަޅާފައިވާ ހިންދޫން އިންތިހާއަށް ގިނަ މުމްބައިގެ މިސްކިތްތަކުގެ ވެރިންނާއި އިމާމުންނާއި ދީނީ ޢިލްމުވެރިން މަޝްވަރާކޮށްގެން މިސްކިތްތަކުގައި ބަންގި ގޮވުމުގެ އަޑު މަޑުކުރަން ނިންމާފައި ވަނިކޮށެވެ.އެގޮތަށް ބަންގީގެ އަޑު މަޑުކުރަން މުސްލިމުންގެ އިސްވެރިން ނިންމީ ހައްދު ފަހަނަޅާފައިވާ ހިންދޫން ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް މަޖުބޫރު ކުރުމުގެ ސަބަބުން ގޮތް ހުސްވެގެންނެވެ.

އިންޑިއާގެ އިރުމަތީ އައްސޭރިފަށުގައި އޮތް ވިޔަފާރިއަށް މަޝްހޫރު މުމްބައިގެ މިސްކިތެއްގެ އެންމެ އިސް އިމާމު މުޙައްމަދު އަޝްފާޤް ޤާޟީ ރޮއިޓަރ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަންގީގެ އަޑު މިހާރު ވަނީ އިންޑިއާގައި ސިޔާސީ މައްސަލައަކަށް ވެފައި ކަމަށެވެ.

”އެކަމަކު އަޅުގަނޑު ބޭނުމެއްނޫން ބަންގީގެ އަޑުގެ މައްސަލާގައި ހިންދޫންނާއި މުސްލިމުން ތަޅައި ފޮޅުމަކަށް ދާން. ހަމަނުޖެހުމަކަށްދާން.“ އިންޑިއާގެ މުސްލިމުންގެ ގަދަރާއި އިހުތިރާމް ލިބިގެންވާ ޢިލްމުވެރިޔާ ޤާޟީ ވިދާޅުވިއެވެ.

ހަރުކަށި ހިންދޫން ބޭނުން ވަނީ މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު ކަނޑުވައި ހިމޭން ކުރުމަށެވެ. މުސްލިމުން ބޭނުން ވަނީ ތާޅަފިލިން ބަންގި ގޮވުމަށެވެ. ހިންދޫން މުސްލިމުންނަށް ބިރުދައްކަމުން ދަނީ ތާޅަފިލި ބޭނުންކޮށްގެން ބަންގިގޮވާނަމަ މިސްކިތުގެ ބޭރުގައި ތާޅަފިލި ހަރުކޮށްގެން އަޑުގަދަ ކުރާނޭކަމަށެވެ. އެފަދަ ކަމެއް ހިނގައިފިނަމަ ބޮޑު ހަމަނުޖެހުމަކަށް ގޮސް ލޭއޮރުވުމަކާ ހަމައަށް ދާނެކަމާމެދު ޝައްކެއްނެތެވެ. 

މުމްބައިގެ ގަދީމީ ވިޔަފާރި ސަރަހައްދުގައިވާ ރީތި ޖާމިޢު މިސްކިތާއި އެ ސަރަހައްދުގައި ހުރި 900 އަށްވުރެ ގިނަ މިސްކިތްތަކުން ފަސްނަމާދަށް ގޮވާ ބަންގީގެ އަޑު މަޑުކުރަން މިހާރު ވަނީ ނިންމާފައެވެ. އެ ގޮތަށް ނިންމީ ސަރަހައްދުގެ އިސް ޢިލްމުވެރިންގެ މަޝްވވަރާ ބައްދަލުވުން ތަކަކަށްފަހުގައެވެ.

ބަންގީގެ އަޑު މަޑުކުރަން އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ ހަރުކަށި ހިންދޫ ޖަމާއަތެއްގެ ވެރިއެއްކަމުގައިވާ ރާޖް ޓާކްރޭއެވެ. އޭނާގެ މުޅި އައުލާދަކީ ވެސް މުސްލިމުންނާ ވަރަށް ބޮޑަށް ދެކޮޅުވެރި ހަނގުރާމަވެރި ސިޔާސަތެއް ގެންގުޅޭ ބައެކެވެ.

މަހާރާޝްޓްރާގެ ވެރިރަށް އަދި އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބައިގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ޓާކްރޭ ވިދާޅުވެފައިވެއެވެ. ”މަޒުހަބުގެ ކަންތައްތަކަކީ ޒާތީކަމަކަށް ވާއިރު މުސްލިމުންނަށް އަހަރުގެ 365 ދުވަހު ތާޅަފިލި ބޭނުން ކުރުމުގެ ހުއްދަ އޮންނަނީ ކީއްވެގެން؟“

މަހާރާޝްޓްރާގެ އެސެމްބްލީގެ 288 ގޮނޑީގެތެރެއިން ޓާކްރޭގެ ޕާޓީއަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ. އެކަމަކު އޭނާގެ ފަހަތުގައި ތިބި ހައްދުފަހަނަޅާފައިވާ މީހުންގެ ސަބަބުން އޭނާ ފާހަގަވެފައި ވަނީ އަޑުގަދަ ނުފޫޒުގަދަ ނުލަފާ ގުންޑާއެއްގެ ގޮތުގައެވެ.

އޭނާ އެއްފަހަރު ވިދާޅުވެފައިވެއެވެ. ”އަޅުގަނޑުގެ ލޯބިވާ ހިންދޫ ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންނާއި މަންމައިން އެކުއެކީގައި ނިކުމޭ! ތާޅަފިލިތައް އުފުރައި ނަގަން ތައްޔާރުވޭ!“


އިންޑިއާގެ މުސްލިމުންގެ ބަޔަކު ހުކުރު ނަމާދަށްފަހު މިސްކިތުގެ ބޭރުގައި

އިންޑިއާގެ ބޮޑު ވަޒީރުކަން ބީޖޭޕީގެ ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވި ފަހުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ 204 މިލިއަން މުސްލިމުންނަށް ވަނީ ދިރިއުޅުމާއި އަޅުކަން ކުރުން ބޮޑު ވޭނަކަށް ވެފައެވެ. ޚާއްޞަކޮށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި އިންޑިއާ ސަރުކާރުން ދަނީ ވަރަށް އަނިޔާވެރި ސިޔާސަތެއް ގާއިމުކޮށް މުސްލިމުން އަޅުވެތިކޮށްފައެވެ. ހަމައެޔާއެކު މުސްލިމުންނަށް ދަތިކުރުމަށް ސަރުކާރުން ދަނީ ގާނޫނުތަކާއި ގަވައިދުތައް ހަދައި މުސްލިމުން ފިއްތަމުންނެވެ.

ޖާމިޢު މަސްޖިދުގެ އިސް އިމާމު ޤާޟީ ވިދާޅުވި ގޮތުގައި ބަންގީގެ އަޑު މަޑުކުރަން މިސްކިތްތަކުގެ ވެރިން އެއްބަސްވުމާ ގުޅިގެން މުސްލިމުންނާއި ހިންދޫންގެ މެދުގައި ބަންގީގެ މައްސަލާގައި ހަމަނުޖެހުމެއް ހިނގާފާނެކަމުގެ ބިރު ކުޑަވެގެން ހިނގައްޖެއެވެ.

ބަންގީގެ މައްސަލަ ވަނީ މަހާރާޝްޓްރާ ސްޓޭޓުން ނިކުމެގެން އެހެން ސަރަހައްދުތަކަށް ވެސް ފެތުރެން ފަށާފައެވެ. އެހެން ތިން ސްޓޭޓެއްގެ ބީޖޭޕީ ވެރިން ވަނީ ބަންގީގެ އަޑު މަޑުކުރުވަން ފުލުހުންގެ ކިބައިން އެދިފައެވެ. 

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްކަމަށްވާ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރގެ ނައިބު ވަނީ އެ ސްޓޭޓުގެ މިސްކިތްތަކުން 60 ހާހަށްވުރެ ގިނަ ލައުޑުސްޕީކަރ ނަގާފައެވެ.

މުމްބައިގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަން މިސްކިތްތަކުގެ ވެރިންނަށް މަޖުބޫރު ވުމުން އެކަމުން ހިތްވަރު ނަގައި އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ މިސްކިތްތަކުން ބަންގީގެ  އަޑު ކަނޑުވާލަން ހިންދޫން ވަރުގަދަ މަސައްކަތްތަކެއް ފަށާނޭކަމަށް އިންޑިއާގެ ވަރަށް ގިނަ މުސްލިމުން ތިބީ ގަބޫލުކޮށްގެންނެވެ. މުސްލިމުންނަށް ވަނީ މައިތިރިވެ ތިބެން މަޖުބޫރުވެފައެވެ. އާރާއި ބާރާއި ވެރިކަން އޮތީ ހިންދޫންގެ އަތުގައެވެ.

މުސްލިމުންނަށް އޮތީ ހިންދޫންގެ އަޅުވެތިކަމުން ސަލާމަތްވުމަށް އެދި ދުއާ ކުރުމެވެ.

ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވުމުގެ ކުށުގައި އާދީއްތަ ދުވަހު ފުލުހުން މުމްބައިގެ ދެ މުދިމެއްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާއިރު ކުރިއަށް އޮތްތަނުގައި މިސްކިތްތަކުގެ އިމާމުންނަށް އިތުރު ދުއްތުރާލާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ގަދަބާރާއި އަނިޔާވެރިކަމުގެ ކުރިމަތީގައި މިވަގުތަށް ބަންގީގެ އަޑު މަޑުކުރަން މަޖުބޫރުވިޔަސް ދީނަށް ލޯބިކުރާ އިންޑިއާގެ ހިތްވަރުގަދަ މުސްލިމުން އެގައުމުން ބަންގީގެ އަޑު ކަނޑުވައެއް ނުލާނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް