އައްޑު އަތޮޅުގައި ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަންފެށި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް އެކެޑަމީ) މިއަދު ހެނދުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިން އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ޕޮލިސް އެކެޑަމީ އިމާރާތްކޮށްފައި ވަނީ ވެރިރަށް ހިތަދޫގެ އާރުއޭއެފް ސަރަހައްދާއި އަބޫހެރަ ސަރަހައްދުން ބައެއްގައެވެ. އެއީ ބިމަށް ޖެހިފައިވާ ހިތަދޫގައި ފަތުރުވެރިކަން ތަރައްގީކުރަން އޮތް އެންމެ މުހިއްމު ސަރަހައްދެވެ.
ހިތަދޫގައި ކުރިން ހަދާފައި ހުރި ފުލުހުންގެ ތަމްރީނު މަރުކަޒު، (ޕޮލިސް އެކެޑަމީ) އެމްޑީޕީގެ ބަޔަކު 8 ފެބުރުއަރީ 2013 ގެ އިރުއޮއްސުނު ފަހުން ހުޅުޖަހައި ރޯކޮށް އަންދާލުމުން ގައުމަށް ފުލުހުން ތަމްރީނު ކުރާ މަރުކަޒަކަށް އިންތިއާއަށް އޮތީ ބޭނުން ވެފައެވެ. މިއަދު ހުޅުވި ޕޮލިސް އެކަޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި 25 ޖުލައި 2017 ގައެވެ. މި ޕޮލިސް އެކަޑަމީ ހުޅުވުމުން ފުލުހުން ތަމްރީނުކޮށް ގާބިލު ބަޔަކަށް ހެދުމަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
އައްޑޫގައި ޤާއިމްކުރި ޕޮލިސް އެކަޑަމީއަކީ ފުލުހުންގެ އިދާރާއިން ބުނާ ގޮތުގައި ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މިތަނުގައި ކުރިއަށްގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ރާވާފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެކެވެ.
ރާއްޖޭގެ ފުލުހުންގެ އިމާރާތްތަކުގައި އާންމުކޮށް މަޑު ނޫކުލަ ބޭނުން ކުރިޔަސް މިއަދު ހުޅުވުނު އިމާރާތުގައި ބޭނުންކޮށްފައި ވަނީ އިންޑިއާގެ ފުލުހުންގެ އިމާރާތްތަކުގައި ބޭނުން ކުރާ މަޑު ކާކީކުލައެވެ.
”ޕޮލިސް އެކެޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގެ ވެރިންނާއި އިންޑިއާގެ އެކްޓާނަލް މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި އިންޑިއަން ހައިކޮމިޝަންގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ޕޮލިސް އެކެޑަމީ އިމާރާތް ކުރުމަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 30 މިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބުނާއިރު އެ މަޝްރޫޢަށް ދިވެހި ސަރުކާރުން ވެސް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
އަލަށް މިއަދު ހުޅުވި އެކަޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންކަމަށް ބެލެވުނަސް އެތަނުގެ މައްޗަށް އިންޑިއާ ސަރުކާރުގެ ބާރާއި ނުފޫޒު އިންތިހާއަށް އޮންނާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.