ސައުދީގައި އެއް ދުވަހުގެ ތެރޭގައި 81 މީހަކަށް މަރުގެ އަދަބު ދީފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިޔާއިން 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފައެވެ.

ސައުދީގެ ސްޓޭޓް މީޑިއާއިން ބުނެފައިވާ ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ މީހުން ކުރި ކުށްތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅެން އެއްބަސްވުމާއި ބާތިލު ފިރުގާތަކަށް ތަބާވުން ހިމެނެއެވެ. މިއީ ސައުދީން އެންމެ ގިނަ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ފަހަރެވެ. މި އަދަދަކީ 2020ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު ކުރެވުނު 27 މީހުންނާއި 2021ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު ކުރެވުނު 67ކަށް ވުރެ މާ ބޮޑު އަދަދެކެވެ.

ހޮނިހިރު ދުވަހު ސައުދީގެ ޕްރެސް އޭޖެންސީއިން ބުނެފައިވާ ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރެވުނު ފަރާތްތަކަކީ އެއްވެސް ކުށެއްނެތް މީހުން މެރުން ފަދަ ކުށްތައް ސާބިތުވެފައިވާ މީހުންނެވެ. މީގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރެވުނު ބައެއް މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ އައިސިސް އަދި ހޫތީންފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅެން މަސައްކަތް ކޮށްފައިވާ މީހުންނެވެ.

ކުށްވެރިންނަށް ކޯޓު މަރުހަލާ ތަކުގައި ސައުދީގެ ގާނޫނުގެ ދަށުން ހުރިހާ ހައްގުތަކެއް ލިއްބައިދީފައިވާނެ ކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޓެރަރިޒަމް އާ ދެކޮޅަށް ސައުދީން އަޅަމުންދާ ފިޔަވަޅުތައް ހަރުކަށިކަމާ އެކު ކުރިޔަށް ގެންދާނެ ކަމަށްވެސް ސައުދީން ވަނީ ބުނެފައެވެ. މަރާލެވުނު މީހުންގެ ތެރޭގައި ޔަމަނަށް ނިސްބަތްވާ 7 މީހުންގެ އިތުރުން ސީރިއާއަށް ނިސްބަތްވާ މީހަކު ހިމެނެއެވެ. އަދި ސައުދީގެ ފުލުހުންނަށް ހަމަލާދިނުމަށް ރޭވި 37 ސައުދީގެ ރައްޔިތުންނަށް ވެސް ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.

ސައުދީން މީގެ ކުރިން އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރާލާފައިވަނީ 2016ވަނަ އަހަރުއެވެ. އޭރު ސައުދީން ވަނީ 47 މީހަކު މަރާލާފައެވެ. އަދި މަރާލެވުނު މީހުންގެ ތެރޭގައި ސައުދީ ސަރުކާރާ އިދިކޮޅު ޝީއާ ލީޑަރެއްވެސް ހިމެނެއެވެ. އަދި 2019ވަނަ އަހަރު މަރާލެވުނު 37 މީހުންގެ ތެރެއިން ގިނަ ބަޔަކީވެސް ޝިއީންނަށް ނިސްބަތްވާ މީހުންނެވެ.

2018 ވަނަ އަހަރު ސައުދީ އަރަބިޔާގެ ބަޔަކު ޖާނަލިސްޓެއް ކަމަށްވާ ޖަމާލް ޚާޝޮގްޖީ މަރާލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އިންސާނީ ހައްގުތަކަށް ސައުދީން އަރައިގަންނަ ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް ސައުދީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަދުލު އިންސާފު ގާއިމުކޮށްގެން ގައުމުން ކުށް މަދުކުރުމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް