ސިޔާސީ ވާދަ

Loading

Facebook
Twitter
WhatsApp

ރިޔާސީ ރޭހަށް ނުކުމެ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ ރުހުން ހޯދުމެވެ. ރާއްޖޭގައި ރައްޔިތުންގެ ރުހުން ނުލިބިވެސް ރިޔާސީ ރޭސް ކާމިޔާބު ކުރިތަން ފެނިފައި އެބަހުއްޓެވެ.

ވޯޓު ހޯދުމަށް 3 ގޮތެއް އޮވެއެވެ. އެއްގޮތަކީ ރައްޔިތުންގެ ބޯ ކާލުމެވެ. އަނެއްގޮތަކީ ރައްޔިތުން ގަނެލުމެވެ. ތިންވަނަ ގޮތަކީ އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކާއި މިލްޓްރީ ބާރުން ވޯޓުއޮޅުވައި ލުމެވެ. މިތިން ގޮތް ނޫން އޮންނަނީ އެންމެ ގޮތެކެވެ. އެއީ ރައްޔިތުންގެ މައްޗަށް އިޙުސާންތެރި ހެޔޮލަފާ އިޚުލާޞް ތެރިއަކާ ގިނަބަޔަކު ގުޅިގެން ގައުމުގެ ޙާލަތު ބަދަލު ކުރުމުގެ ހެޔޮ ނިއަތުގައި ރިޔާސީ ރޭހަށް ނުކުތުމެވެ. މިގޮތަށް ނުކުންނަ މީހާގެ ހިތް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ވާކަން ދެކެ ދެނެތިބެ އިޚުލާޞްތެރިކަމާއެކު ﷲ ރުއްސަވާ މަގުން ހިނގައި ރައްޔިތުންގެ ރުހުން ހޯދައިގެން ރިޔާސީ ރޭސް ކާމިޔާބު ކުރެވޭ ވަރުގެ އީމާންދާރު އިންސާނުން ވެސް މިރާއްޖޭގައި އުޅޭނެއެވެ.

މިވަގުތު ރާއްޖޭގައި އޮތީ ބިރުވެރިކަމާއި ނާމާންކަމެވެ. ރައްޔިތުންނަށް މިނިވަން ކަމެއް ނެތެވެ. މިދެންނެވީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ތްރެޓެއް އޮތް ވާހަކައެއް ނޫނުނެވެ. ސަރުކާރަށް ގައުމު މިނިވަން ކޮށް ބެލެހެއްޓުމުގެ ބާރު ނެތީއެވެ. ނުވަތަ ގައުމަށް ނުރައްކާ ވާފަދަ ކަންކަން ކުރާ ފަރާތްތައް ހުއްޓުވަން ސަރުކާރަށް ނުކެރެނީއެވެ.

ސިޔާސީ ވާދަ އޮތުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް ރާއްޖޭގެ ރިޔާސީ ރޭހަށް ނުކުންނަ ވަކިބަޔަކު މަރާލަން ރޭވުމަކީ ވާދައިގެ ރޫޙާ މުޅީން ޚިލާފުކަމެކެވެ. ދުނިޔޭގެ އެއްވެސް ޣައިރު މުސްލިމް ގައުމަކުން ވެސް މި ރާއްޖޭގެ ސިޔާސީ މީހުން މި ހިންގާފަދަ ޖަރީމާތައް ނުހިންގާނެއެވެ.

ގައުމުގެ މިނިވަން ކަމާއި އިސްތިޤްލާލަކީ ހަމައެކަނި ބޭރުގެ އިސްތިޢުމާރީ ބާރެއްގެ ދަށަށް ގައުމު ދިއުމެއްނޫނެވެ. ގައުމުގައި ދިއުޅޭ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ވަކި ކުޑަކަމެއްނޫނެވެ. މިރާއްޖޭގައި ގޮތްނޭނގޭ ކިތައް މަރު ހިންގާފައިވޭ ހެއްޔެވެ؟ މިއިން އެންމެ މަރެއްގެ ހަގީގަތް ވެސް ސަރުކާރަށް ނުހޯދުނެވެ.

ނިމިދިޔަ ސަރުކާރު ކަސްތޮޅުއަޅުވައިގެން ކޮށްފައި ވަނީ ވައްކަން އެކަންޏެއްނޫނެވެ. އެތައްމަރެއްގެ ތަހުގީގުތައް ވެސް އޮތީ ކަސްތޮޅުގައެވެ. އެކަން މިއަދުވެސް މިދަނީ ފެންނަމުންނެވެ. އަފްރާޝީމާއި ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވި ރޭވުންތަކާއި ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި އެކަމަށް ފައިސާ ޚަރަދު ކުރި މީހުން ވެސް ހޯދިފައެއް ނެތެވެ. ގައުމު މިއޮތީ ނުރައްކަލުން ތަޣައްޔަރު ވެފައެވެ. ތަހުގީގީ އިދާރާތައް އަދިވެސް އޮތީ ކަސްތޮޅުގައެވެ.

ޖާސޫސީ އިދާރާއެއް އޮތްނަމަ ހަގީގަތް ހޯދޭނެ ތާއެވެ!

ގައުމެއް ބިރުވެރި ވާނީ މިހާކަށްހާ މިންވަރަށެވެ. ބޮމާއި ޑިވައިސް ތައްޔާރު ކުރުމަކީ މިހާރަކަށް އައިސް ޢާންމުވަމުން އަންނަ ކަމެކެވެ. މި މަސައްކަތް ކުރާ ފަރާތްތައް ސަރުކާރަށް ސާފުވާން ޖެހެއެވެ. އަނެއްކޮޅުން އައިއެސްއެސްގެ ނުރައްކާ އެހާމެ ބޮޑެވެ. އިންޑިއާ ސިފައިންނާ އަޅައިގަނެގެން އެމީހުން އައުޓު ކުރަން އުޅޭގޮތަށް މި ގައުމުގައި އުފެދެމުން އަންނަ ޓެރަރިސްޓުން އައުޓުކުރަން އުޅުމަކީ ވެސް ގައުމުގެ ސަލާމަތާއި ކަރާމަތަށްޓަކާ މުހިންމު ކަމެއް ނޫން ހެއްޔެވެ؟ ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން ޖެހިލުންވަނީ ކޮންކަމަކާ ހެދި ހެއްޔެވެ؟

މި ރާއްޖޭގެ ދިފާޢީބާރުތައް ޕެރަލައިޒް ވީހެއްޔެވެ؟ ބޭރުން ވެސް މިގައުމަށް އަރާނީ ޓެރަރިސްޓުންނެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން މިގައުމަށް އަރައި ގައުމު އަޅުވެތި ނުކުރާނެއެވެ. އެހެނަސް ބޭރުގެ ޓެރަރިސްޓް ޖަމާޢަތް ތަކާ ގުޅިފައިވާ އެތައް ބަޔަކު މިރާއްޖޭގައި އެބައުޅެއެވެ. ގޭންގްތަކަކީ ވެސް މިދެންނެވި ޓެރަރިސްޓުންގެ އެހީގައި ހިންގާ ޖަރީމާއެކެވެ. ފާހަގަ ކުރެވޭ ކަމަކީ މި ސަރުކާރުން މަރުތަކުގެ އިންސާފާއި ގައުމުން ގެއްލިފައިވާ ފައިސާ ހޯދަން ޖެހިލުންވާކަމެވެ.

ސިޔާސީ ވާދައަކީ އޮންނަން ޖެހޭ ކަމެކެވެ. އެހެނަސް މި ރާއްޖެ މިއޮތީ ރަނަގަޅަށް މިކަންކަން ކުރުމަށް ނުކުޅެދިފައެވެ.

 

Loading

One Response

  1. ކީއްތޯކުރާނީ. ހަމަ ހުސް ދޮގާއި މަކަރާއި ޙީލަތުން ނޫނީ ރައްޔަތުންގެ ގިނަ ބައެއްގެ ބޯކާލާނެ އެހެންގޮތެއް ފަހަލަ ބުނުއްވަބައްލަވާށެވެ. ވީމާ އެންމެންވެސް އެކަން ކުރަނީ. ދެންފަހެ ވަޔާދެކޮޅަށް ހޭރިޔާކޮށްގެން ނަމަވެސް ވެރިކަން ލިބިއްޖެނަމަ އެއޮއްކުރާ ފައިދާތަށް އެބައެނގޭނޫންތޯއެވެ. ދައުލަތުގެ ޔައުނީ ރައްޔަތުންގެ ޚަޒާނާ ރައްޔަތުން ހޮވާ ޚާދީމާ (ހޮވުމަށްފަހު ވެރިޔާކިޔާ މީހާ) ބޭނުން ބަޔަކަށް ބޭނުންވަރަކަށް ބަހާނަގަނީ ނޫންހެއްޔެވެ. ނުވިތަނުގައި މަޖިލީހަށް ކުކީބަހައިގެން ފައިސާ ޖަހައިގެންވެސް އެކުރަނީ އެކަމެއް ނޫންތޯއެވެ. ވީއިރު މިގައުމުގެ މުއުޅޭ ވެރީން ( ރައްޔަތުންގެ ޚާދިމުންގެ) ވާހަކަ ނުދެއްކިއްޔާ މާރަނގަޅުވާނެއެވެ. އިންޑިއާއަށް ގައުމުވިއްކައިގެންވެސް ވެރިކަމުގައި ބެއްދެންޏާ އޯކޭ ނޫންހެއްޔެވެ؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް