ޔޫކްރޭނުގެ މައްސަލަ އިތުރަށް ހޫނުވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައެވެ.
ވައިޓްހައުސްއިން މި ކޯލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބުނެފައިވަނީ ބައިޑެން ވަނީ ރަޝިއާއިން ޢަސްކަރީ ފިޔަޅެއް އަޅައިފި ނަމަ އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިއާއަށް ފިޔަވަޅު އަޅާނެކަމަށް ޕުޓިން އަރިހު ދަންނަވާފައެވެ. އަދި އެމެރިކާއިން ފިޔަވަޅެއް އަޅައިފިނަމަ ރަޝިއާގެ ބައިނަލްއަގުވާމީ ހާލަތަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށްވެސް ބައިޑެން މި ކޯލްގައި ޕުޓިން އަރިހުގައި ދަންނަވާފައި ވެއެވެ.
ބައިޑެން ވަނީ ޔޫކްރޭނަށް އެމެރިކާގެ ސިފައިން ނުފޮނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ރަޝިއާއިން ހަނގުރާމަ ފަށްޓަން ނިންމައިފި ނަމަ އެމެރިކާއިން އެހެން ފިޔަވަޅުތައް އަޅަން ތައްޔާރަށް އޮތް ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ. ރަޝިއާއިން މި ކޯލާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
މި ކޯލް ކޮށްފައިވަނީ ރަޝިއާއިން ޔޫކްރޭނަށް އަރަން ތައްޔާރު ވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނިތާ އެއް ދުވަސް ފަހުންނެވެ. މި ކޯލަކީ މި ދެ ރައީސުން ޑިސެމްބަރު މަހަށް ފަހު ކުރެއްވި ފުރަތަމަ ކޯލެވެ. އެމެރިކާއިން ވަނީ ޔޫކްރޭނުގައި ތިބި އެމެރިކާގެ 160 އޮފިޝަލުން ޔޫކްރޭނުން ބާލާފައެވެ.
ރަޝިއާއިން ޔޫކްރޭނަށް އެރުން ގާތް ވެފައިވާ ކަމަށް އެމެރިކާއިން ބުނެފައިވި ނަމަވެސް ރަޝިއާއިން ވަނީ އެއީ ދޮގު މައުލޫމާތު ކަމަށް ބުނެފައެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ބުނުންތަކަށް އެއްވެސް ހެއްކެއް މިހާތަނަކަށް ދެއްކިފައެއް ނެތެވެ. ނޫސްވެރިން ހެކި ހޯދުމަށް ސުވާލު ކުރުމާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރަން ނިންމާނެތޯ ނުވަތަ ނޫންތޯ ޔަގީން ނުވާކަމަށް ބުނެފައެވެ.
ރަޝިއާއިން އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިއާ އާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ވަނީ ޕޮލޭންޑް އަދި ރުމޭނިއާއަށް އެތައް ހާސް ސިފައިންނެއް ފޮނުވާފައެވެ.
ބައިޑެންއާ ވާހަކަ ދެއްކެވުމުގެ ކުރިން ޕުޓިން ވަނީ ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އާ ވާހަކަ ދައްކަވާފައެވެ. މި ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފައި ވަނީ ނޭޓޯއަށް ޔޫކްރޭން ވަދެ ނޭޓޯގެ ހަތިޔާރު ރަޝިއާގެ ބޯޑަރު ކައިރީގައި ހުރުމަކީ ރަޝިއާއަށް ހުރި ދިފާއީ ގޮންޖެހުމެއް ކަމަށެވެ. މިގޮތުން ޔޫކްރޭން ނޭޓޯއަށް ނުވެއްދުމަށް ރަޝިއާއިން ވަނީ ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުންނާއި ނޭޓޯއިން މިކަމަށް އެއްބަސްވެފައެއް ނުވެއެވެ.