ރިޔާސީ މި ދައުރު ނިންމާނީ، ގޯއްޗަށް އެންމެ ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަމަކީ ބޯހިޔާވަހިކަން ކަމަށާ އެކަން ހައްލުކުރުމަށް އަތޮޅުތެރެ އާއި މާލެއަށް ހާއްސަކޮށް ގިނަ މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ.
އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވާ ބޯހިޔާބަހިކަމަށް ހައްލެއްގެނައުމަށް 5،000 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށާ ރިޔާސީ ދައުރު ނިންމާނީ މާލޭ ރައްޔިތުންނަށް ބޭނުންވާ ގޯތި ތައް ދިނުމަށްފަހުކަމަށެވެ.
“ އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ”ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ގޮތުން ހުޅުމާލެ އާއި ގުޅީފަޅުން އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާފައިވާކަމަށެވެ.
“ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކާ އެ ބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ،“ ރައީސް ވިދާޅުވިއެވެ.
އަދި މިހާރުވެސް 5000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުންދާ ކަމަށާ އަދި ވަރަށް އަވަހަށް ދެހާސް ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ބޯހިޔާވަހިކަމުގާ މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާ ތަކުލީފު ވަނީ އޭގެ ލާ ނިހާޔަތުގައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ. މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިދިޔަ އަހަރު މިތާހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށް ދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ،“ރައީސްވިދާޅުވިއެވެ.
ރައީސް ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްކުގެ ތަފްސީލްތައްވެސް ޙިއްސާކުރައްވާފައެވެ.
”އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް އެބަދޭ. ގެދޮރުވެރިޔާ ލޯންގެ ގޮތުގާ 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދޭ“ ރައީސް ވިދާޅުވިއެވެ.