ޑެންމާކުންވެސް ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅިގިނަ ފިޔަވަޅުތައް އެއްކޮން އުވާލައިފިއެވެ. މީގެ ތެރޭގައި މާސްކް އެޅުންވެސް ހިމެނެއެވެ. މިހާރު އެގައުމުގައިވަނީ ނައިޓްކްލަބްތަކާ ބާ ފަދަ ތަންތަން ދަންވަރުގެ ގަޑިތަކާ އެކުހުޅުވާފައި ބެހެއްޓުން ހުއްދަ ކޮށްފައެވެ. އަދި އެކިތަންތަނަށް ވަންނައިރު ކުރިންއޮތްގޮތަށް ކޮންޓެކްޓް ޓްރޭސިނގ އެޕްގެ ބޭނުން ކުރާކަށް ނުޖެހެއެވެ. ބަލިޖެހިފައިވާ ގިނަބަޔަކު އަދިވެސް ތިބިނަމަވެސް މިހާރުފެތުރޭ އޮމިކްރޯން ވައިރަސް އަކީ މިހާރު ނުރައްކާތެރި ގޮންޖެހުމެއްކަމަށް ނުބެލެވޭ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.
ޑެންމާކްގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ ވެކްސިންގެ ތިން ޑޯޒް ޖަހާފައެވެ. އެހެން ކަމާއެކު އަންގާރަ ދުވަހުން ފެށިގެން ފިހާރަތަކަށާ ރެސްޓޯރަންޓްތަކަށް ވަންނަ އިރުއާ އާންމުން ދަތުރުކުރާ އުޅަދުތަކުގައި މާސްކް އަޅާކަށް ނުޖެހެއެވެ. ޕާޓީތަކާ އެއްވުންތަކަށް ވަދެވޭ މީހުންގެ އަދަދުވެސް ހިފަހައްޓަން ނުޖެހުނު ނަމަވެސް ޕްރައިވެޓް އެއްވުން ތަކުގައި ބޭނުންނަމަ ކުރިއެކޭ އެއްގޮތަށް ކަންތައް ކުރެވިދާނެ ކަމަށް އަންގާފައިވެއެވެ.
ިޔަވަޅުތައް އުވާލި ނަމަވެސް ފްރީ-ޓްރެވެލް ޒޯނުން ޑެންމާކަށް އެތެރެވާ ވެކްސިން ނުޖަހާ ފަރާތްތަކުން މާސްކް އަޅަން ޖެހެއެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކާ ކެއާ ހޯމްތަކުގައިވެސް އަދި މާސްކް އަޅަން ޖެހެއެވެ.
ޑެންމާކްގެ ކޮވިޑް19 އުސޫލްތައް ވީއްލުމާއި ގުޅިގެން ބޮޑުވަޒީރު މެޓޭ ޕްރެޑްރިކްސަން ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާގެ ފޭސްބުކް ޕޯސްޓެއްގައިވަނީ އެއްކޮން ހުޅުވާލެފައިވާ ޑެންމާކްއަކަށް ހެދުނުގެ ތަހްނިޔާ ފޮނުއްވާކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ފުރިހަމަ ކުރުމުގައި އާންމުން ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.
މީގެ ކުރިން އިގިރޭސި ވިލާތާ އަޔަލަންޑްގެ އިތުރުން ފްރާންސް އަދި ނެދަރލަންޑްސް އިންވެސް ވަނީ މައިގަޑު ފިޔަވަޅުތައް ވީއްލާފައެވެ.
———–