ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ހެއްޔެވެ؟ މިހެން ދަންނަވަން މިޖެހެނީ އުންމަތުގެ ތެރޭގައި އިސްލާމް ދީނުގެ ކުލަޔާއި ވަސް ތަޣައްރުވެފައިވާތީއެވެ. ފޮތެއްގައި ލިޔެފައި އޮތަސް މިގައުމުގެ ގިނަ ރައްޔިތުންގެ ކިބައިން އިސްލާމް ދީނުގެ ސިފަތައް ފެންނާކަށް ނެތެވެ.

މުސްލިމުންނަކީ ފިތުނަ އުފެދޭ ބާވަތުގެ ކަންކަން ކުރާ ބައެއް ނޫނެވެ. އެހެނަސް ބައެއް ސިޔާސީ ފަރާތްތަކުން ގައުމު ފިތުނައިގެ ތެރެއަށް ގަންބާލުމަށް ކުރާ މަސައްކަތްތަކުގައި ދިވެހި މުސްލިމުން ބައިވެރި ވަމުން ދަނީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ. ފައިސާއަށް ހެއްލި ތިމާގެ ދީނާއި ޚިލާފު ކަންކަން ކުރަމުން ދަނީ ﷲ އަށް ބިރުވެތި ވުމެއްނެތިއެވެ.

ދޮގު ވާހަކަތައް ފެތުރުމާއި ރިޝްވަތު ހިފުމާއި ވައްކަން ކުރުމާއި މީހުން މަރަން ގޮވާލުމާއި ބޮން ގޮއްވަން ރޭވުމާއި މިފަދަ ދީނާ ޚިލާފު އެތަކެއް ހަރުކަށި ޢަމަލުތައް ހިންގައި ގައުމުގެ މަސްލަޙަތު ގެއްލޭ ފަދަ ކަންކަމުގައި މަޝްޢޫލުވާ މީހުން ދަނީ އިތުރުވަމުންނެވެ.

އިސްލާމް ދީނަކީ އޯގާވެރިކަމާއި ލޯތްބާއި ރަޙުމުގެ ދީނެވެ. އެއްވެސް އިންސާނަކަށް އެއީ ކާފަރެއް ކަމުގައި ވިއަސް އަނިޔާ ކުރުން ﷲ ވަނީ ޙަރާމް ކުރައްވާފައެވެ. މުސްލިމުންނަކީ އެހެން ދީންތަކަށް އޮތް ޚުލްޤު ރަނގަޅު މިސާލެއް ކަމުގައި ވާން ޖެހޭއިރު ސައްތައިން ސައްތަ މުސްލިމުން ކަމަށް ދަޢުވާ ކުރާ ބައެއް ރައްޔިތުންގެ ކިބައިގައި އިސްލާމް ދީނުގެ ރިވެތި ސިފަތަކެއް ފެންނާކަށް ނެތެވެ.

ފައިސާއަށް ޓަކައި ކޮންމެ ފަދަ ޙަރާމް ކަމެއްވިޔަސް ﷲ އަށް ބިރުވެތިވުމެއް ނެތި އެދަނީ ކުރަމުންނެވެ.

މަރުޙޫމް އިބްރާހީމް ނާޞިރާއި ރައީސް މައުމޫނު ފަދަ ބޭފުޅުންގެ ޒަޢާމަތުގައި މިފަދަ ބޮޑެތި ޙަރާމް ކަންކަން ކުރި މީހުން މިގައުމުގައި ނުހަނު މަދެވެ. އެހެނަސް ބޭރުގެ ގައުމުތަކުން ކިޔަވައިވިދާޅުވެގެން ރާއްޖެއަށް ވަޑައިގަންނަވާ ދީނީ ބައެއް ޢިލްމުވެރީން ގެ ސަބަބުން ގައުމު މިދަނީ ހަލާކާއި ގެއްލުމުގެ ތެރެއަށް ޣަރަޤު ވަމުންނެވެ. ދީނުގެ ތާކިހާ ތުރުކުރައްވައިގެން ތިއްބަވާ ބައެއް ދަންނަބޭކަލުން މި ރާއްޖޭގައި ޒަމާނުއްރެ އޮތް ﷲ ގެދީން ރައްޔިތުންނަށް އޮޅުވާލައިފިއެވެ.

މާތްވެގެންވާ އިސްލާމް ދީނަކީ މެދުމިން ކަމުގެ ދީނެވެ. އެއްވެސް ހަރުކަށި ކަމެއް އަނިޔާވެރިވުމެއް ނުވާ ދީނެވެ. ރާއްޖޭގައި ފިތުނައިގެ ކޯރުހެދި ރައްޔިތުން މިދަނީ ބިރުވެރިކަމުގެ ތެރެއަށް ގެނބެމުންނެވެ.

މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ވިއްކައިގެން ލިބޭ ފައިސާއަށް ކެމްޕޭން ކުރުމާއި ހަމަ އެފައިސާ ތަންދޮރު ނުފިލާ ބައެއް މީހުނަށް ދީގެން ފިތުނަ އުފެއްދުމާ މިހެންގޮސް އަނިޔާ ވެރިކަމުގެ ދޮރުތައް ދަނީ ހުޅުވަމުންނެވެ. މިކަންކަމުގެ އަޑި ހޯދައި ބެލުމެއްނެތި އަޑީގައި ތިބެގެން ރައްޔިތުންގެ ގިނަބަޔަކު އެމަޅީގައި ޖައްސުވަނީއެވެ. އަނިޔާ ލިބެނީ މާދުރުގައި ތިބޭފަރާތް ތަކަށެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމާއި ލިވާޠު ކުރުމާއި ޒިނޭކުރުމާއި މަގުފޭރުމާއި ހަށިވިއްކުމުގެ ނުރައްކާތެރި ވަބާ މިވަނީ ރާއްޖޭގައި ޢާންމުވެފައެވެ. ގައުމެއް ނުރައްކަލުގެ ތެރެއަށް ވެއްޓޭނީ މިފަދަ މިންވަރަށެވެ.

މިސްކިތްތަކުގެ ސަފުތައް ދަނީ މަދުވަމުންނެވެ. މިސްކިތްތަކަށް އަރަނީ ބަންގާޅީންނެވެ. ގޯޅިގޯޅި ކަންމަތީގައާއި ސޯޝަލް މީޑިޔާގައި އެކަކު އަނެކެއްގެ މަސް ރޮލާ ކަނީއެވެ.

ގައުމުގައި ތަފާތު ބަލިތައް ފެތުރެނީއެވެ. ރައްޔިތުން ތިބީ މުޞީބާތެއްގެ ތެރޭގައެވެ. މިރާއްޖޭގައި އިޚުލާޞްތެރި ހެޔޮލަފާ ދަންނަބޭކަލުން ވެސް އުޅުއްވައެވެ. ރާއްޖޭގައި ހިނގާ ޙަރާމް ކަންކަމުގެ ވާހަކަ ހުކުރު ޚުޠުބާއިން މެނުވީ އަޑެއް ނުއިވެއެވެ.

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުގެ ޙައްދުތައް ގާއިމު ނުވާނަމަ އެގައުމެއްގެ އަމާންކަމާއި މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެއެވެ. ގާނޫނުތައް ހެދިއަސް އެގާނޫނުތައް ތަންފީޒު ނުވާނަމަ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ޒުވާނުން މަސްތުގެ ޙާލުގައި ޖެހިގެން އެދަނީ ބޮޑު ބަޔަކު އަޑީގައި ތިއްބަވައިގެން ހިންގާ ޖަރީމާތަކުގެ ސަބަބުންނެވެ. ބޮޑެތި މީހުން ރާބޮއި ޒިނޭކޮށް ހަދަނީއެވެ. މަގުތަކަށް ނުކުމެ އައުގުރާނަ ގޮވަނީއެވެ. މިފަދަ ކަންކަން ޢާންމުވެފައި ވާ މުޖުތަމަޢެއްގެ ހާލާމެދު ވިސްނާލުން ހުއްޓެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލުމުގެ ރޭވުންތައް ރާވައި ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރަނީއެވެ. މިކަންކަމުގެ ތެރެއަށް ރިޝްވަތާއި ފަސާދައިގެ ޢަމަލުތައް އިތުރުވެ ޢާއިލާތައް ރޫޅި ރަހުމަތްތެރިން ހަތުރުންނަށް ވެ ނިމެނީއެވެ.

އަވައްޓެރި ގައުމުތަކަށް ބަދުބަސް ބުނުމާއި ދިވެހިރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮތް އުޚުއްވަތް ތެރިކަމާ އެއްބައިވަންތަކަން، ނަގާލުމުގެ ޢަމަލުތައް ދަނީ އިތުރުވަމުންނެވެ. އެކަކު އަނެކަކަށް އޮޅުވާލުމާއި މަކަރުހެދުމާއި ދޭދޭ ފަރުދުން ޖެއްސުމާއި މީހުންގެ މަސްކެއުމާއި މިހެންގޮސް ﷲ ޙަރާމް ކުރައްވާފައިވާ އެންމެހައި ކަންކަން އެދަނީ މުޖުތަމަޢުގެ ތެރޭގައި ޢާންމުވަމުންނެވެ.

މިފަދަ ޙަރާމްވެގެންވާ ޢަމަލުތައް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ތެރޭގައި ހިނގާނެ ހެއްޔެވެ؟ އެހެންކަމުން މިގައުމަކީ ގާނޫނު އަސާސީގައި ލިޔެފައި އޮތަސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ބެލެވޭކަށް ނެތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް