މަހުޖަނު އެލޯން މަސްކުގެ ސްޕޭސް އިދާރާ ސްޕޭސް އެކްސް އިން ޖައްވަށް ދޫކޮށްފައިވާ ރޮކެޓެއްގެ މިސްރާބު ހުރިގޮތުން ހަނދުގައި ޖެހެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ހަނދުގައި ޖެހުމަށްފަހު ނުވަތަ ހަނދަށް ވެއްޓުމަށްފަހު ރޮކެޓް ގޮވާނީ ކަމަށާއި މިކަމުން ހަނދަށާއި ހަނދުގެ ވެއްޓަށް މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށް މާހިރުން ބުނެފައިވެއެވެ.
މިރޮކެޓް ހަނދަށް ވެއްޓޭނެ ކަމަށް ބެލެވެނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގައެވެ.
ފެލްކަން 9 ބޫސްޓަރގެ ނަމުން ނަންދީފައިވާ ރޮކެޓް ހަނދަށް ފޮނުވާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެދަތުރުގައި ކުރަން ފޮނުވުނު މަސައްކަތް ފުރިހަމަ ކުރުމަށްފަހު ދުނިޔެއަށް އެބުރި އަންނަހާ ތެޔޮ އޭގައި ނެތުމުގެ ސަބަބުން ޖައްވުގެ ތެރެޔަށް ދޫވީ ކަމަށްވެއެވެ.
އެހެން ޕްލެނެޓް ތަކުގައި އިންސާނުން ވަޒަންވެރިވުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ބޭނުންވާ ތަހުލީލުތަކާ ދިރާސާތައް ކުރުމަށް އެލޯން މަސްކް ވިޔަފާރި އުސޫލުން އުފައްދާފައިވާ ޕްރޮގްރާމް ސްޕޭސް އެކްސް ގެ ރޮކެޓް ފެލްކަން 9 ބޫސްޓަރ ވެގެން ދާނީ ކޮންޓްރޯލެއް ނެތި ހަނދުގައި މިގޮތަށް ޖެހޭ ފުރަތަމަ އުޅަނދު ކަމުގައެވެ. މިޖެހުމުގެ ސަބަބުން ހަނދުގެ ބިންގަޑުގައި ކުޑަވަޅުގަޑެއް ހެދުން ފިޔަވައި އެހެން ކަމެއް ނުވާނެ ކަމަށް އެސްޓްރޮނޮމަރ މެކްޑޮވެލް ބީބީސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.