އިތުރު 954 މީހުން ކޮވިޑް 19 އަށް ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެއިން އިތުރު 954 މީހުން ކޮވިޑް 19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 954 މީހުންނެވެ. އެއީ މާލެއިން ފައްސިވީ 514 މީހުންނާއި އަތޮޅު ތެރެއިން ބައްޔަށް ފައްސިވީ 326 މީހުންނެވެ. އަދި ރިސޯޓުތަކުން މި ބައްޔަށް ފައްސިވެފައިވާ 36 މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މިއީ މިއަހަރު ފެށުނު ފަހުން ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް 19 އަށް ފައްސިވި ދުވަހެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 102،372 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅު ވެފައިވަނީ 97،217 މީހުންނެވެ. ބަލި ޖެހިފައިވާ 23 މީހަކަށް މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 203 މީހަކު ވަނީ އިއްޔެ މިބަލިން ރަނގަޅުވެފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 265 މީހުންނެވެ.

ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި އިއްޔެ ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް 19 އަށް ޓެސްޓުކުރި 7273 މީހުންގެ ތެރެއިން ފައްސިވި މީހުންނެވެ. އޭގެ ތެރެއިން މާލެއިން ނަގާފައި ވަނީ 3605 ސުންކެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ވޭދަނަތައް އެތައް ގުނައެއް އިތުރުވެ، އިތުރު ރާޅެއް އަރާފާނެކަމުގެ ނުރައްކާތެރި ކަމާއި ބިރުވެރިކަން ވަނީ ކުރިމަތިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކުރޮން އެވެ. މި ވޭރިއަންޓުގައި ވޭދަނަތައް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ކޮވިޑުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ދަނީ އިތުރަށް ހަރުކަށި ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް