އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން: ރައީސް ޔާމީން

Loading

Facebook
Twitter
WhatsApp

ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖޭގައި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް، މޫސާ ފަތުޙީ އާދަމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އެ އަތޮޅު ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރެއްގެ ކިބައިން ރައްޔިތުން އެދޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އަދި އެކަންކަން ކޮށްދިނުމަކީ ވެރިންގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ ފްލެޓް: ޔާމީން ކުރެއްވި ލާމަސީލު މަސައްކަތެއް

ގެދޮރުގެ މައްސަލައިގެ ބޮޑުކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވެވަޑައިގެންނެވި އުމުރުން 18 އަހަރު ފުރޭ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ތަކުރާރު ކުރައްވާފައެވެ.

”އޭރު އަޅުގަނޑު ބުނިން، 2030 ވަނަ އަހަރާއި ހަމައަށް ދާންވާއިރަށް، އުމުރުން 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް ބޯހިޔާވަހިކަން އަޅުގަނޑުގެ ސަރުކާރުން ކަށަވަރު ކޮށްދޭނަމޭ، ރައްޔިތުން އެ ފުރުސަތު ތަނަވަސް ކޮށްދީފިއްޔާ. މީކީ ފަސޭހަ ކަމެއް ނޫން. ކުޑަ ކަމެއް ނޫން، ބޮޑު ޒިންމާއެއް، ބޮޑު މަސްއޫލިއްޔަތެއް. ހަރަދު ބޮޑު، ހޭދަ ބޮޑު ކަމެއް. އެހެންނަމަވެސް އެއީ، އަޅުގަނޑުމެންގެ ޕާޓީގެ އަޒުމަކީ އެއީ. އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ކުރީމުސް. އެހެންވީމަ، 2030 ވަނަ އަހަރާއި ހަމައަށް ދާއިރަށްވެސް، އުމުރުން 18 އަހަރު ފުރޭ ކުދިންނަށް ބޯހިޔާވަހިކަން މާލެ ކައިރީ ސަރަހައްދުން، އެންމެ ކުޑަމިނުން ފްލެޓެއް، ނުވަތަ އެޕާޓަމަންޓެއް، ގެދޮރުވެރިކަން ގާއިމު ކޮށްދޭނަން. އަދި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.“ ކުރިން ވެވަޑައިގެން ވަޢުދު ތަކުރާރު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ށ. ފޯކައިދޫގެ ޒުވާނުންނަށް އެ މީހުން ބޭނުންވާ ކުޅިވަރުގެ ކަންކަމާއި، އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސް، ރަށުގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް ކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Loading

One Response

  1. 5 އަހަރުގެ ދައުރެއް ހިތަކައް ލިބި ވައުދުތައް ނުފުއްދުނު މީހަކު މިއަދު ދައްކާނެ ބަހަނާއެއް ނޯއްނާނެ.. ވައުދުވީ ދައުރުގަ ކޮއްދޭން.. ޔާމިނުގެ 5 އަހަރުގެ ދައުރަކީ ދުނިޔެ މިވަގުތު އޮތްފަދަ ކާރިސާއެއްގަ އޮތް ދައުރެއްވެސް ނޫން.. ވީއިރު ވައުދުވީ އެމް،ޑީ،ޕީ އާ ޖެއްސުމައް.. ދައުރު ނިމެންވީމަ ކޮންމެ ވައުދެއްވެސް ބަދަލުކޮއްލީ… ދެން ކޮން 2030 އެކޭ.
    މަނިކުފާނު ދެނެއް ރާއްޖޭގެ ސިޔާސީ މައިދާނަކުން ނުފެންނާނެ.. ތީ މާޒީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް