މިގައުމުގައި މިނިވަންކަމާއެކު އުޅުމުގެ މިނިވަންކަން ހޯއްދަވައި ދެއްވާ!

Loading

Facebook
Twitter
WhatsApp

ސައްތައިން ސައްތަ އިސްލާމް، މިރާއްޖޭގެ ރައްޔިތުންނަކީ ޚުލްޤު ހެޔޮ އޯގާވެރި ބައެކެވެ. އެކަކަށް ކަމެއް ވެއްޖެނަމަ ހުރިހާ އަވަށްޓެރިން އެގެއަކަށް ގޮސް ޙާލު އަހުވާލު ބަލައި ދަތިވާކަންކަން ކޮށްދީ ގާތްކަން ދަމަހައްޓާ ބައެކެވެ. އަވަށްޓެރީން ގެދޮރު ބިނާކުރުމުގައި މަސައްކަތް ކުރަނީވެސް އަވަށްޓެރީން ގުޅިގެންނެވެ. ރޭގަނޑު ޢިޝާނަމާދު ކޮށްގެން ކައިރި ގޭގޭ މީހުން ގާތްތިމާގެ މީހުންނަށާއި ރަޙުމަތް ތެރީންގެ ގޭގެއަށް ޒިޔާރަތް ކޮށް ޙާލު އަހުވާލު ބަލައި އެއްސުފުރާމަތީގައި ކައިބޮއި ގާތްކަމާއި އެކުވެރި ކަން ދަމަހައްޓައެވެ.

މީހަކު ބަލިވެއްޖެނަމަ ފަންޑިތަ ހަދާ މީހުނާއި ބޭސްވެރިން ގެނެސް ފަރުވާކުރުމުގައި އަވަދި ނެތި އުޅެއެވެ. އަންހެނަކު ވިހައިފިނަމަ ގޭދޮށުގައި ހިކި އޮނބާއި ދަރުފަދަ ތަކެތި އެއްކޮށްގެން އަލިފާން އަންދައި ވިހައިގެން އޮތް އަންހެންމީހާ އަށް އެހީވެދީ ތަފާތު ކެއުންތައް ތައްޔާރު ކޮށްގެން އަވަށްޓެރީން އެގެއަށް ގެންގޮސް ދެއެވެ. ދިވެހީންގެ މިދެންނެވި ސަގާފަތް މިއަދު ވަނީ ރޫޅި އަވައްޓެރީންގެ މެދުގައި އޮތް އެކުވެރި ކަން ގެއްލި ފިތުނަ ފަސާދައިގެ މުޖުތަމައެއް ބިނާ ކުރެވިފައެވެ. އެއް މުސްލިމަކު އަނެއް މުސްލިމް މީހާގެ ޢައިބުތަކާއި ސިއްރުތައް ބޭޒާރު ކޮށް ކަރުގައި ހިފަނީއެވެ.

ރަޙިމުގެ ގުޅުން ކެނޑި ދަރީންނާއި މައިންބަފައިންގެ މެދުގައިވެސް ދަނީ މިފަދަ ނޭދެވޭ އެތައް ކަމެއް ހިނގަމުންނެވެ. މުސްކުޅީންނާ މެދު އޮތީވެސް މިކަހަލަ ނިކަމެތި ގޮތްތަކެކެވެ.

އެވޭލާ ޒަމާނަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގެ ގިނަގުނަ ހުރަސްތައް ކުރިމަތިވި ޒަމާނެކެވެ. މުވާޞަލާތީ ވަޞީލަތްތަކުން މަޙުރޫމް ވެފައި ތިބި ޒަމާނެއްވެސް މެއެވެ. އަޢްޑޫ މީހަކު ތިލަދުންމަތީ މީހަކާ ކައިވެނި ކޮށްގެން ފިރިމީހާގެ ރަށަށް ދިއުމަށްފަހު އޭނާގެ ޚަބަރެއް ލިބެން އަހަރުދުވަސް ހޭދަވި އެދުވަސް ވަރު ދެކުން ތައްޔާރު ކޮށްގެން ޢާއިލާގެ އެންމެން އެ އަންހެން ކުއްޖާ އާއި ބައްދަލު ވުމަށް ރިޔަލާ ފަލީގައި ދަތުރު ފަތުރު ކުރެއެވެ. އެޒަމާނަކީ ދިވެހީންގެ މެދުގައި އިސްލާމީ ގުޅުންތަކާއި އިންސާނީ ލޯބި، ދީނުގައި ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށް ބަދަހިވެފައި އޮތް ތަހުޒީބު ޒަމާނެއްކަން ދިވެހީން ވަނީ އޭރު ސާބިތު ކޮށްދީފައެވެ.

ކިޔެވި ކިޔެވިހެން ވަނީ ކާފަރޭ ބުނާހެން ދުނިޔެ ތަހުޒީބުވެ ޓެކްނޯލޮޖީއާ ތަޢުލީމީ ގޮތުން އިންސާނުން ރޯފިލައި ހޭލުންތެރި ވަމުންދާ ވަރަކަށް މިދެންނެވި އިސްލާމީ ރިވެތި އާދަކާދަތައް އިންސާނުންގެ މެދުން އަންނަނީ ފިލަމުންނެވެ. އަނިޔާވެރިކަމާއި ބޮޑާކަމާއި ކިބުރު ވެރިކަން މިދަނީ މުޖުތަމަޢުގައި ޢާންމުވަމުންނެވެ. ރޯފިލާ ވަރަކަށް އިންސާނާ ވަނީ ނުބައެވެ.

އެޒަމާނުގައި ބޮޑެތި މީހުނާއި މުސްކުޅިންނަށް ކަމޭހިތުމާއި އިޙުތިރާމް ކުރުމަކީ ދިވެހިންގެ ސަގާފަތެކެވެ. އޭރު މަގުމަތިން ކަމުވޮށި ވެގެންވާ މީހަކު ހިނގާފައި ދާއިރު އެމީހާގެ ކުރިއަށް އަރައިގެން އެއްވެސް މީހަކު ނުދެއެވެ. ބަންގި ގޮވާނަމަ ބަނގިއަށް އިޙުތިރާމް ކުރުމުގެ ގޮތުން ބަންގި ނިމެންދެން އެހުރި ތަނެއްގައި މަޑުކުރުމަކީ އެންމެން ގެ އާދައެކެވެ.

މިއަދު ފެނިގެން މިދަނީ ދިވެހި އިސްލާމީ އުންމަތުގެ ތެރޭގައި ހިނގާ ހުތުރު ކަން ބޮޑު ލަދުވެތި ޢަމަލް ތަކެވެ. ވައްކަން ކުރުމާއި ރިޝްވަތު ނެގުމާއި ރިބަކެއުމާއި ޒިނޭ ކުރުމާއި މަސްތުވުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލްތައް މުޖުތަމަޢުގައި ޢާންމުވެއްޖެއެވެ. މީގެ އިތުރުން މީހުން މެރުމާއި ވަޅިޖެހުމާއި ޖާނުން ފިދާ ވުމާއި ޖީބު ކެނޑުމާއި މަގުމަތިން ދާ އަންހެން ވެރިންގެ އަތްދަބަސް ޖަހައިގަތުންފަދަ ހުތުރު ޢަމަލްތަކުން މި އުންމަތް ފަސާދަ ވެއްޖެއެވެ.

ގައުމުގެ ވެރީންގެ ކިބައިން ވެސް ފެނިގެން ދަނީ މިފަދަ ޢަމަލް ތައް ހުއްޓުވަން ނުކުޅެދޭ ޙާލުގައި ތިއްބަވާ ތަނެވެ.

މި ރާއްޖެ ވުޖޫދުވީ ހިނދުއްސުރެ މިދުވަހާ ހަމައަށް މިފަދަ ނުރައްކާތެރި ޒަމާނެއް ދިވެހީން ދެކެފައި ނުވާނެއެވެ.

މިހެން ދިމާވީ މުޅި އިންސާނާގެ ޙަޔާތާއި ގުޅިފައިވާ ދުސްތޫރު “ ތަޢުލީމީ މަންހަޖު“ އެކުލަވާލިގޮތުންނެވެ. ގައުމެއް ރުކުރުވާލުމުގެ އެންމެ މުހިންމު އެއް އަސާސަކީ ތަޢުލީމީ މަންހަޖެވެ.

ދުވަހެއް ދުވަހެއް އަންނަނީ މުޖްތަމަޢުފަސާދަވެ ގައުމީފޭރާން ވީދެމުންނެވެ. ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އިންސާނީ ލޯތްބާއި އިޙުތިރާމް ދަނީ ގެއްލެމުންނެވެ. އެކުވެރިކަމާއެއްބައެއް ވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުންތައް ރައްޔިތުންގެ މެދުން ފިލައި ދަނީއެވެ. މިގައުމުގެ ރައްޔިތުން ފަގީރު ޙާލުގައި ވެސް އުޅުނީ ފުދިގެންނެވެ، މުޖްތަމަޢެއްގައި އޮންނަންޖެހޭ ގާތްކަމާ އަޚުވަންތަކަން ދަމަހައްޓަމުން އައީ ފައިސާ އަކުންނޫނެވެ. އިންސާނީ ލޯތްބާއި އަޅާލުމުންނެވެ. ބިރުދެއްކުމާއި ކަޓަރު އެޅުމަކުން ނޫނެވެ. ކޮންމެއަކަސް މިކަންކަން ރަނގަޅު ކުރަން އެބަޖެހެއެވެ.

ﷲ ތަބާރަކަ ވަތަޢާލާ 7 އުޑުމަތީން ބާވައި ލެއްވި އެއިލާހުގެ ޝަރީޢަތް މިބިންމަތީގައި ގާއިމު ކޮށްގެންނޫނީ ގައުމެއް އިސްލާޙު ނުކުރެވޭނެއެވެ. މިނިވަންކަމާކު އުޅެވެވޭ، ބިރުތަކުން ހިތްސާފު މާހައުލެއް ބިނާކުރަން އެބަޖެހެއެވެ. ލޯ މަރާލާފައި ރައްޔިތުން މަތިކޮށްފައިވާ ޒިންމާ ގެ ދަށުން މިގައުމުގައި މިނިވަންކަމާއެކު އުޅުމުގެ މިނިވަންކަން ހޯއްދަވައި ދެއްވާށެވެ. ގައުމު އެދި ރޮއި ގޮވަނީ ގައުމު ބިރުތަކުން މިންޖުކޮށް ރައްޔިތުން ފުދިގެން އުފާކުރާނެ ފުރުޞަތު ހޯއްދަވައި ދެއްވާނެ ދުވަހަކަށެވެ.

 

Loading

3 Responses

    1. އަސްލުވެސް ދޯ؟ ނުވިތާކަށް ރައްޔަތުންގެ މަންދޫބުންވެސް އެގޮތަށް ޢަމަލުތަށް ހުރީ. ހަޔާތް ގޮވާލަނީ ލައިވްކޮށް ޓީވީ ކުރިމަތީގަ. ސަހަރޯއޭ ހީވޭ…

  1. ގައުމުގެ ވެރީންގެ ކިބައިން ވެސް ފެނިގެން ދަނީ މިފަދަ ޢަމަލް ތައް ހުއްޓުވަން ނުކުޅެދޭ ޙާލުގައި ތިއްބަވާ ތަނެވެ.
    އިވޭ އަޑުތަކުގެ މައްޗަށް ވިސްނާއިރު މި ބަސްކޮޅު އެހެންގޮތަކަށް ބުނުން މާރަގަޅު ވާނެއެވެ. ކުދިސޯބުތަކަށް އެނބުރެވޭނީ ބޮޑެތި ސޯބުތައް އެނބުރޭގޮތަކަށެވެ. ބޮޑެތި ސޯބުތައް ނުކުޅެދުނީމާ ކުދިސޯބުތައް މާބޮޑަށް ނުކުޅެދޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް