ކޮންމެ ވެރިކަމެއް ނިންމާލަނީ ގައުމު ބަނގުރޫޓް ކޮށްލާފައި

Loading

Facebook
Twitter
WhatsApp

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ތަރިކަ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ދޭނޭފަރާތެއް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއެވެ.

މިގޮތުން އިންތިޚާބު ކުރާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުން ޙަވާލުކުރާ ވެރިކަން އަމާނާތް ތެރިކަމާއެކު އަދާކުރުން މަތީގައި ދެމިހުރުމަށް ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ހުވާ ކުރައްވައެވެ.

     މި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެވެނީ ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށެވެ. އެހެން ކަމުން ﷲ ގަންދީ ކުރާ ހުވަޔާއި އެ މުސްލިމް މީހާ ޚިލާފު ވެއްޖެނަމަ އޭނާއާމެދު ޢަމަލު ކުރަންވީ ގޮތް ދީނުގައި ކަނޑަ އެޅިފައިވާ އިރު މި އިސްލާމީ އުއްމަތުގެ ގާނޫނުއަސާސީގައި އެކަމެއް ބަޔާން ކުރެވިފައެއް ނެތެވެ. އޮންނަ ނަމަ ރައްޔިތުން އިންތިޚާބު ކުރި ވެރިޔާ ހުތްއަނބު ރިހާކުރާ ޖަހައިގެން ކާލާހެން ގައުމު ކާލާއިރު އެވެވެނީ ހުވަޔާއި ޚިލާފުކަމެއްކަމާއި، ރައްޔިތުންގެ އެފަދަބޮޑު އަމާނާތް ޙަވާލު ކުރުމުން ޚިޔާނާތް ތެރި ނުވާނަމޭ ބުނެ އެމީހާ އެންމެ ތަކުންގެ ކުރިމަތީގައި ﷲ ގަންދީ ކުރިހުވަޔާ ޚިލާފު ވުމުން އެކަމަށް އަދަބު ނުލިބޭ ގޮތަށް ދީނަކު ނުއޮންނާނެއެވެ.

ކޮންމެއަކަސް އެނގޭ ކަމަކީ ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންގެ ފައިސާ ވަގަށްނެގި ކަމަށާއި އޭގެތެރެއިން ބައެއް ފައިސާއަށް މަޖިލިސްގެ މެންބަރުން ގަތްކަމާއި އަދި ޕާޓީއަށް ވެސް ޚަރަދު ކުރިކަމަށް އަމިއްލައަށް އިޢުތިރާފު ވެފައިވާއިރު ހިންގާފައިވާ ޚިޔާނާތުގެ މިޢަމަލުތަކަކީ މަޖާކަމަކަށް ވެއްޖެއެވެ. ވައްކަމާއި ރިޝްވަތާއި ފަސާދަ އެކުލެވިގެންވާ 8.5 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާއިރު މިފައިސާ ނުހޯދައި ފައިސާ ޗާޕް ކުރަން އުޅުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ދެވޭ ޙަމަލާ އެކެވެ.

ޕާޓީ އަށާއި ރައީސައް ހެޔޮއެދޭ ބައެއް ފަރާތް ތަކުން

ފައިސާ ދޭކަމަށާއި އެފައިސާ މަޖިލީހުގެ މެންބަރުންގެ ވޯޓުގަތުމަށް ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ވެސް ބުންޏެއްނޫން ހެއްޔެވެ؟ މިއީ ހަމަ އޯކޭ ކަންކަން ބާވައޭ ހިތަށް އަރާވަރުން މިވާހަކަ ދެއްކުނީއެވެ.

ނިމިދިޔަ ވެރިކަމުގައި މެންބަރުން ގަނެގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ނުރައްކާތެރި ގާނޫނެއް މަޖިލީހުން ފާސްކުރިއެވެ. މީގެ އިތުރުން ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ އެތައް ޙައްގެއް ނިގުޅައިގަނެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައެވެ. ޙިމާރު ވަގައްނެގި މީހާ ގޮވައިގެން ޙިމާރުގެ ވެރިމީހާ ޝަރީޢަތަށް ދިއުމުން މައްސަލަ ބެއްލެވި ޞަދޫމުގެ ގާޒީ ބުނިހެން ޙިމާރު ވަގަށް ނެގީ ހެޔޮ ނިޔަތުގައި ކަމަށާއި އެއަށްކާންވެސް ދިންކަމަށާއި އެހެންކަމުން ޙިމާރު ވަގައްނެގި ނިޔަތަށް ރިޢާޔަތް ކޮށް ހިމާރު ވަގަށް ނެގިމީހާ އަށް ޙިމާރު މިލްކުވާ ކަމަށް ޙުކުމް ކުރީއެވެ. ރައްޔިތުން އަތްވާއި ފިނީގައި ވިއްސާރަޔާއި ވަރޭގައި ތިބެ ލޯބޯ ފިއްސައިގެން ކުރާ މަސައްކަތުން ލިބޭ ފައިސާކޮޅު ބޮނޑި ބަތް ކާލާހެން ކާލުމަކީވެސް މަޖާ ކަމެކެވެ.

ދަރަނި ފިލުވުމަށްޓަކާ ފައިސާ ޗާޕް ކުރުމުން މިހާރު 2 ރުފިޔާ އަށް ލިބޭ ކުކުޅު ބިހެއް ލިބޭނީ 5 ރުފިޔާ އަށެވެ. ފައިސާ ޗާޕް ކުރިއަސް ލިބޭ މުސާރައެއް ބޮޑެއް ނުވާނެއެވެ. ރައްޔިތުންގެ ފައިސާ ކާލި ވަގުން ބޮޑު ގޮނޑީގައި ވަޑުވައިގެން ތިއްބަވާއިރު ކުޅިބަލަން ރައްޔިތުން ތިބެންވީއެވެ

ހުރިހާ ބޮޑުން ގުޅިގެން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތް ތެރިވެ ގައުމުގެ މާދަމާގެ ޖީލުގެ ބޮލުގައި ދަރަނި އަޅުވައި ހޮރަށް ވަދެފިލައި އެ ތިބީ ނޫންހެއްޔެވެ؟ ހުރިހާ ގެއްލުމަކާއި ނިކަމެތި ކަން ތަޙައްމަލް ކުރަން ތިބީ ނިކަމެތި ރައްޔިތުންނެވެ.

ބޮޑުން ކުރާ ވައްކަމަކީ ހުއްދަ ވެގެންވާ ކަމަކަށް ވެއްޖެއެވެ. މިއިން މީހެއްގެ މައްސަލަ ކޯޓަކަށް ވައްދައިފިނަމަ ނިޔަތަށާއި ޙާލަތަށް ބައްލަވައި އެމީހާ ކުރި ވައްކަމުން އެމީހާ ބަރީއަ ވާތަން ދަނީ ފެންނަމުންނެވެ. މިފަދަ ވަގުން ދޫވެގެން ދިއުމުން ދައުލަތުން ގެއްލުނު އެތައް ބިލިއަން ރުފިޔާގެ ދަރަނި ދައުލަތަށް ދައްކަން ޖެހެނީ ރައްޔިތުންނަށެވެ. ގާނޫނުތައް ބަދަލުކޮށް ވަގުން ހިފަން ރައްޔިތުން މަތިކުރާ ފަރާތްތަކުން ވަގުންގެ އަތުން ރިޝްވަތު ނަގާ މައްސަލަތަށް އޮއްބާލަނީއެވެ.

ވަކިވެރިކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގައި ވެސް ވައްކަން ކުރުން އާއުސްމިން ތަކަށް ދަނީ ދަތުރުކުރަމުންނެވެ. ވަގުންގެ ފަރާތުން ވަކާލާތު ކުރާ ގާނޫނަކާއި ދައުވާ އުފުލާ ގާނޫނަކާ ދިމައެއް ނުވެއެވެ. ވައްކަން ކުރުމުން އެމީހާ ވައްކަން ކުރި ނިޔަތަށް ބަލައިގެން ޝަރީއަތް ކުރާނަމަ ވައްކަންކުރާ އެއްވެސް މީހަކަށް އަދަބެއް ނުލިބޭނެތާއެވެ. އެހެނަސް މާރުކޭޓުން ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ މައްޗަށް ޖަލަށްލުމުގެ ޙުކުމް ކުރެއެވެ. ބަނޑުފުރާނަ މުއްތި ނުވެގެން މަރުވެދާނެ ކަމުގެ ބިރަށް ޓަކައި ހެޔޮނިޔަތުގައި ވަގަށް ނެގި ކުކުޅުބިސް ކާލާ މީހާގެ މައްޗަށް ޙުކުމް ކުރާއިރު ނިޔަތަށާއި ޙާލަތަށް ބެއްލެވުމެއް ނެތެވެ.

އެފްޕީއައިޑީގެ ވައްކަމުގައި ބައިވެރިވި މީހުންނަށް ރަސްކަމެވެ. އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި މީހުންނަށް ރަސްކަމެވެ. ވެންޓިލޭޓަރު ގަންނާށޭ ކިޔައިގެން ވައްކަންކުރި މީހުންނަށް ރަސްކަމެވެ. ބޮޑުންނަށް މޮޅުގޮތެވެ. ނިކަމެތީންނަށް ދެރަގޮތެވެ. އެކަމަކު ގައުމު ”އިސްލާމެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް