ކައުންސިލްތަކަށް ލޯން ނެގޭގޮތަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެހެން މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިސްްލާހްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަަމަލުކުރަންވީ އުސާލަށް އިސްލާހު ގެނެސްފައިވެއެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު ޢަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށް މި ގާނޫނުގައި ކަނޑައަޅުއްވައިފައިވެއެވެ.

މީގެ އިތުރުންވެސް މި ބިލުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ވަރަށް މުހިންމު އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.  އަދި މި ގަާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަަވާއިދަށް ގެންނަންޖެހޭ އިސްލާހްތައް ގެނެސް، މި ގާނޫނަށް މަލުކުރަން ފަށާ ތާރީހުުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް އަމަލުކުރަން ފެށޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް