އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އާ ވައްތަރެއްކަމަށްވާ އޮމިކްރޯން ފުޅާ ދާއިރާއެއްގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސައިންސްވެރިން މަކާބެހޭ އިދާރާތަކުގައި އެދެމުން އެބަގެންދެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުގައި ވަރުގަދަ ނުކުރެވިއްޖެނަމަ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގައި ކޮރޯނާ ވައިރަހުގެ އައު ރާޅެއް އުފެދިގެން ދާނެއެވެ.
އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ 30 ޕަސެންޓަކީ އޮމިކްރޯންގެ ވައްތަރެވެ.
ސިއްހީ ދާއިރާއިން ހާމަކުރާ ގޮތުގައި ކޮރޯނާގައި މަރުވާ މީހުންގެ އަދަދު 25،000 އިން 75000 އަށް އެޕްރީލް މަހުގެ ފަހުކޮޅާ ހަމަޔަށް ބަދަލުވާނެއެވެ.
ސައިންސްވެރިން ބުނާގޮތުގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލްކޮށް މަދު ކުރެވޭނީ ވެކްސިން ދެވޭ މިންވަރު އިތުރު ކުރެވިގެންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ދީފައި ތިބި މީހުންނަށް އޮމިކޮރޯނުން ކުރާ ނޭދެވޭ އަސަރު ކުޑައެވެ.
އިނގިރޭސިވިލާތުގެ ސިއްހީ ވުޒާރާއިން ހަމަކުރާ ގޮތުގައި ޑިސެމްބަރު މަހުގެ މެދުތެރެއަށް ދާންވާއިރަށް އިނގިރޭސިވިލާތުން އެންމެ ގިނައިން ފެންނަމުންދާނީ ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ބާވަތްކަމުގައިވާ އޮމިކްރޯންއެވެ. އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގެ ބައެއް އިސްވެރިން އޮމިކްރޯން ސިފަކުރަމުން ދަނީ ނުރައްކާތެރި ސުނާމީއެއްގެ ގޮތުގައެވެ. ފާއިތުވި 11 މަސްދުވަހަށް ބަލާއިރު އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެންމެ މައްޗަށް ގޮސްފައިވަނީ މިދުވަސްވަރުގައެވެ. ފާއިތުވި ހުކުރުދުވަހަށް ބަލާއިރު ވެސް 85،000 އަށްވުރެ ގިނަ މީހުންނަށް ވައިރަހުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައި ވެއެވެ.
ކޮރޯނާވައިރަސް އާދަޔާ ޚިލާފަށް އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ މާސްކް އެޅުން މަޖުބޫރުކޮށް މީހުން ގިނައިން އެއްވެ އުޅޭތަންތަނުގައި ވެކްސިން ޖެހިކާޑު ގެންގުޅުމަށް ސަރުކާރުން ރައްޔިތުންނަށް ވަނީ އަންގާފައެވެ. އަދި ކްރިސްމަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި ބައްދަލުވުންތައް ނުބޭއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.