ރާއްޖޭގައި ހިންގާ ޕްރިންޓް، އޮންލައިން އަދި ބޮރޮޑްކާސްޓިން މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށައިފި އެވެ.
އެގޮތުން ބްރޯޑްކާސްޓްކޮށްގެން ކުރިއަށް ގެންދާ މީޑިއާތަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ މިނިވަން މުއައްސަސާ ބޮރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) އާއި އޮންލައިން އަދި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކޮށް ބަލަހައްޓަމުންގެންދާ މުއައްސަސާ މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ) އަދި އިންފޮމޭޝަން ކޮމިޝަނުރުގެ އޮފީސް ( އައިކޮމް) އެއް މުއައްސަސާ އަކަށް ހަދާގޮތަށް އާގާނޫނު ބައްޓަންކުރުމަށް އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅުއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އަދި މީގެ އިތުރުން މީޑިއާ ރަޖިސްޓްކުރުމާއި، ރަޖިސްޓްރީތައް ބަލަހައްޓައި މީޑިއާތަށް މޮނީޓަރކޮށް އަދި މިޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރުވެސް އޮންނާނީ އާކޮމިޝަނަށް ކަމަށް މިއަދު އެކުލަވާލި ރިޕޯޓްގައި ބުނެފައިވެއެވެ. މިހާރު މީޑިއާތައް ރަޖިސްޓްރީކޮށް ބަލަހައްޓަނީ ހޯމް މިނިސްޓްރީންނެވެ.
އެޓާނީ ޖެނެރަލް ( އޭޖީ)ގެ އޮފީހުން އަންނީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ގޮތަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އޭޖީން އެކުލަވާލާ މިގާނޫނަށް ޚިޔާލު ހުށަހެޅުމަށް މިނިވަންމުއައްސަސާތަކުގެ ކޮމިޓީން ތިން މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވައިލި އެވެ.
ސަބް އެކޮމިޓީގައި ތިއްބެވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ގެއިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ހުޝާމްއެވެ.
ވިޝާމް އާއި އަބްދުﷲ ޝަފީގަކީ ނޫސްވެރިކަމުގެ ދާއިރާގައި ކުރިން މަަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ.
އާ ކޮމިޝަނުގެ ގާނޫނުގައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ބްރޯޑްކޮމް އަށް ލިބިދީފައިވާ މެންޑޭޓްތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް ވެސް އެ ކޮމިޝަނަށް ލިބޭގޮތަށް ގާނޫނުގައި ހިމެނުމަށް ކޮމިޓީން މިއަދު ފާސްކުރި އެވެ.
އަދި މީގެ އިތުރުން ކޮމިޓީން ވަނީ މީޑިއާގެ އާ ކޮމިޝަންގައި މީޑިއާ އިން އިންތިޚާބު ކުރާ ބޭފުޅުން ހިމެނޭހެން ހަތް މެންބަރުންގެ މަށްޗަށް އެކުލެވޭ ބޯޑެއް އެކުލަވާލުމަށް ސަބް ކޮމިޓީއަށް ވެސް ހުށަހަޅާފަ އެވެ.
One Response
އެއްފުރާޅެއްގެ ދަށައް ގެނަޔަސް އަދި 10 ފުރާޅުގެ ދަށުގައި އޮތަސް ކޮންޓްރޯލް ކުރާނީ އެމީހާ ދޯ؟؟ ކޮންމެ ވެރިކަމަކަށް ވެސް ފުރާޅުތައް ފައްކާވާނެ. ކުޑަމީސާލެއް ނޯންތޯ އީ.ސީ ސ ބޭމެން؟؟ ނިޒާމު ބަދަލުވާ ދަނޑިވަޅުތަކުގައި އޮފްސައިޑް ނުވެ ކުޅުންގަނޑު ވަރަށް ފައްކަލެއް ނޫންތޯ؟؟ އެކި މެޗްތަކުގައި އޮފްސައިޑް ވެގެން ކުޅެ އަދި ރެޑްކާރޑް ދައްކައިގެން ދެންމެ ދެންމެ ސަސްޕެންޑް މަރުހަލާގައި އުމުރުދުވަހު ތިބެންޖެހިދާނެ ހެންވެސް ހީވޭނު! އެކަމަކު ވެސް ދިރުން އައުވެ މެޗްތަކަށް ފުލްޓީމަށް އަރާ ތަންނުފެނޭތޯ؟؟ ފީފާ އަށް ކުރެވޭ ކަމެއް އެބަ އޮތްތޯ؟؟ މީނޫން ވާ ގޮތަކީ؟؟ ދެންކިޔަންވީ އިސްލޭހޭ؟؟؟