ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ އަނބިމީހާ ހެއިލީ ބީބާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ކުރިންވެސް ޗުއްޓީ ދަތުރުތަކުގައި ރާއްޖެއަށް އަންނަ ޖަސްޓިން ބީބާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ގައެވެ.
ޗުއްޓީ ހޭދަ ކުރުމަށް މި ދެމަފިރިން ރާއްޖެ އައިސްފައިވާއިރު މި ދެމަފިރިން ދަތުރުކުރި އަމިއްލަ ޖެޓް ޖެއްސީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ރޭގެ ވަގުތެއްގައެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަސް ވެގެން ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މަޝްހޫރު މީހުން ރާއްޖެއަންނަ ދުވަސްވަރެއްގެ ގޮތުގައެވެ. އަދި މި ދުވަސްވަރުގައި ރާއްޖެ އަންނަ މަޝްހޫރު މީހުންގެ ޕްރައިވެޓް ޖެޓްތައް ރާއްޖޭގައި ޕާކްކުރެވޭނެ ފަސޭހަ އިންތިޒާމެއް ނެތުމުގެ މައްސަލައަކީ ބޮޑު މައްސަލަ އަކަށް ވެސް ވަނީ ވެފައެވެ.