މިއަދު މި ފެންނަނީ ހާކާލަ ހާކާލަ ތިބޭތަން: ރައީސް ވަޙީދު

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ދުރުވިސްނޭ ސިޔާސަތެއް އޮވެގެން ކަމަށާއި ތަރައްގީވެފައިވާ އެހެނިން ގައުމުތަކުގެ ނަމޫނާ މިސާލަކަށް ބައްލަވައިގެން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

”އެމަނިކުފާނު ފެއްޓެވީ ބޮޑެތިކަންތައްތައް. ނިންމެވީ ބޮޑެތި މަޝްރޫޢުތައް. އެކަމުގެ ހެކިތައް ވަށައިގެން ފެންނަން މިހިރީ.“ ޕީޕީއެން-ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވިއެވެ. ”އެކަމަކު މިއަދު މިފެންނަނީ މުޅިން އެހެން މަންޒަރެއް. މިއަދު މި ފެންނަނީ ހާކާލަ ހާކާލަ ތިބޭތަން. އަޅުގަނޑުމެން ކުޑައިރު ގެންގުޅޭނެ އޮޑިހަނު ކިޔާއެއްޗެއް. ދެން މިފެންނަނީ ފަހަތު ފަޔަށް ބުރަވެގެން ދެމިލަ ދެމިލަ ތިބޭތަން.“

ޑޮކްޓަރ ވަޙީދު އިތުރަށް ވިދާޅުވިއެވެ. ”މިއީ އަޅުގަނޑުމެން ދަންނަ ގޮތެއްނޫން. މިއީ ދިވެހީން ދަންނަ ގޮތެއްނޫން. ދިވެހީންގެ ގޮތަކީ ކަމަކަށް ކުރިމަތި ލައިފިނަމަ އެކަމެއް ކެރިގެން، އެކަމެއް ނިމެންދެން އަވަދިނެތި އުޅުން. ދިވެހީންނަކީ އަޅުގަނޑު ދަންނަ ގޮތުގައި ވަރަށް މުރާލި ބައެއް. އެހެން ނަމަވެސް ބަލާލި ކޮންމެ ދިމާއަކުން މިވަގުތު ފެންނަނީ ކަންނެތްކަމާއި ފަރުވާ ކުޑަކަން. ކަންކަމުގައި ވަރިހަމަވުމާއި އަޅާލުމެއް ނެތުން.“

ދެ އަހަރަށް ފަހު ރައީސް ޔާމީނު އެނބުރި ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަޙީދު ވިދާޅުވީ ވެރިކަމާ ހަވާލުވާންވާނީ ވެރިކަން ކުރެވޭވަރުގެ މީހުން ކަމަށެވެ.

”ވެރިކަމާ ހަވާލުވާން ވާނީ ގައުމުގެ ތަޞައްވުރެއް އޮވެގެން. މީގެ ތިރީސް އަހަރު ފަހުން މި ދިވެހިރާއްޖެ އޮންނަން ވީގޮތުގެ ތަޞައްވުރެއް ނެތި ވެރިކަމެއް ނުކުރެވޭނެ.“ ޑރ. ވަޙީދު ވިދާޅުވިއެވެ. ”ގައުމުގެ ކުރިމަގު އޮންނަން ވީ ގޮތުގެ ޚާއްޞަ ތަސައްވުރެއް ގެންގުޅެން ޖެހޭނެ. ރައީސް ޔާމީނުގެ ދައުރުގައި ކަންތައްތައް ބާރަށް ކުރިއަށް ގެންދިޔަތަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އެއަށްވުރެ ކުޑަކޮށް ދެން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ.“

ރައީސް ވަޙީދު ވިދާޅުވިގޮތުގައި މިއަދު ފެންނަނީ ދައުލަތުގެ މާލިއްޔާތު ބަނގުރޫޓުވެފައި އޮތް ތަނެވެ. އަދި ޒިއްމާދާރުކަން ކުޑަ މާލީ ސިޔާސަތެއްގެ ސަބަބުން ގައުމުގެ ދަރަނި ކުޑަކުޑަ ގައުމަކާ ނުބައްދަލު ފަދަ ބޮޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

”ލިބޭ އާމުދަނީގެ 140 އިންސައްތަޔަށް ދަރަނި އިތުރުވެފައިވާތަން (މިފެންނަނީ). ދަރަންޏަށް ނެގޭ ފައިސާ ޚަރަދު ކުރަނީ ކެއުން ބުއިމަށާއި ކުޅިވަރު ކުޅުމަށް“ ބައިނަލްއަގުވާމީ ދާއިރާއާއި ތައުލީމީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެއްކަމުގައިވާ ކުރީގެ ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ. “ ގައުމުގެ ހާލަތު މިފަދަ ދަށު ދަރަޖައަކަށް ދިޔަ ދުވަސްވަރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން.“

ތެދު ފުޅެކެވެ. ހާކާލަ ހާކާލަ ތިބޭތަން ބަލަން ދިވެހީން ބޭނުމެއް ނޫނެވެ. މިއީ އޮޑިހަނުގައި ގާނަގާނާ ހާކާލަ ހާކާލާ ތިބެންވީ ދުވަސްވަރެއްނޫނެވެ. އަދި ހުރިހާ ކަމެއް ”ކޮވިޑްގެ ބޮލުގައި“ އަޅުވާލައިގެން ތިބެންވީ ދުވަސްވަރެއް ވެސް ނޫނެވެ.

 

Loading

One Response

  1. ރައީސް ވަޙީދު ބަޣާވާތް ކުރީއޭ ކިޔާފަ ނަށާއިރު މައުމޫނުގެ 30 އަހަރުގެ ރަން ތިރީސް އަހަރަށްވެ އެމްޑީޕީ ހަރުގޭގައި ލަވަޖަހައިގެން މައުމޫނު ބޯކާލައިގެން ކޯލިޝަންހެދާ މީހުން. ހަމަ ނުރުހޭރަށް ގޮޅާބޯ، ކަމެއް ބެނުންވާއިރަށް ރަން ތިރީސް އަހަރު.
    ވަރަށް ވާހަކަ މިބުނީ. ވަރަށް ސަލާމް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް