ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ކޮންމެ ތިން އަހަރަކުން އޮޑިޓްކުރާނެ

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ހިންގާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ކޮންމެ ތިން އަހަރަކުން އޮޑިޓްކުރަން ނިންމައި ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު ނެރެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެއި 16 ގައި ތަސްދީގް ކުރެއްވި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެކުލަވާލާ ގެޒެޓްކޮށްފައިވާ  ގަވާއިދުގައި ބުނެފައިވަނީ އިންސްޓްޓިއުޓް ރަޖިސްޓްރީ ކުރުމަށްފަހު ކޮންމެ ތިން އަހަރަކުން އެ އިންސްޓިޓިއުޓް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އޮޑިޓް ކުރާނެކަމަށެވެ. އަދި މި އޮޑިޓް ކުރަނީ އެ އިންސްޓްޓިއުޓެއްގެ ފެންވަރު ހިފެހެއްޓިފައިވޭތޯ ބެލުމަށް ކަމަށާ މިއޮޑިޓްގައި ބަލަނީ ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަވޭތޯ ކަމަށް ވެސް އެ ގަވާއިދިގައި ވެއެވެ.

އެގަވާއިދުގައި ވާގޮތުން ކޮލެޖް ހިންގުމަށް ދާއިމީ ހުއްދައެއް ދެވޭނީ ވެސް އެމްކިޔުއޭގެ އޮޑިޓަކަށް ފަހުއެވެ. ގަވާއިދުގައި ބުނެފައިވަނީ ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދޭ ޝަރުތު ހަމަވާ ފަރާތްތަކަށް ތިން އަހަރު ދުވަހުގެ އިންތިގާލީ މުއްދަތަކަށް ކޮލެޖެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދެވޭނެ ކަމަށާ އެ ތިން އަހަރު ދުވަސް ހަމަވުމުން ކޮލެޖްގެ ފެންވަރު ވަޒަންކޮށް ކޮލެޖްގެ ދާއިމީ ދަރަޖަ ދެވޭނީ  އެމްކިޔުއޭއިން އެ ކޮލެޖެއްގެ ފެންވަރު ވަޒަންކުރުމަށް ހަދާ އޮޑިޓަކަށް ފަހުއެވެ.

އަދި މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ކަށަވަރުކުރުމާއި ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހަޔާއެޑިއުކޭޝަނުންނާއި އެމްކިއުއޭއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، މަރުކަޒުން އެ ކަމަށް މަގުފަހިކޮށްދޭން ވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އައު ގަވާއިދުގައި ބުނާގޮތުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގަންވާނީ ކިޔަވައި ދިނުމާއި ތަމްރީނުތައް ހިންގުމުގެ ހުއްދައަށް އެދުމުން ހަޔާ އެޑިއުކޭޝަނުން އެކަމަށް ހުއްދަ ދީފައިވާ އިމާރާތެއްގައެވެ.

އަދި މިނިސްޓްރީގައި މަރުކަޒު ރަޖިސްޓަރީ ކުރުމަށްފަހު އެމްކިޔުއޭ ފްރޭމްވޯކާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑާއި ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައިކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދަރިވަރުންނާ ގުޅޭގޮތުން ހަދަންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭ ހެން މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި އެ ތަކެތި އާންމުކޮށްފައި ހުންނަންވާނެކަމަށްވެސް އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ދައުލަތުގެ އިދާރާތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކުންފުންޏިތަކަށާއި، ޖަމްޢިއްޔަތަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް